ސެންޓޭ އީގަލްސް އަށް ސޮއިކޮށްފި

ނިއުގެ މެޗެއްގެ ތެރެއިން ސެންޓޭ- ފޮޓޯ/މިހާރު އޮންލައިން

ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކުރިއަށް އޮތް ސީޒަނަށް ކްލަބް އީގަލްސް އަށް ސޮއިކޮށްފި އެވެ.

މިދިޔަ ދެ ސީޒަނުގައި ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދެއްކި ސެންޓޭ އީގަލްސް އަށް ބަދަލުވިއިރު އިތުރު ކްލްބަކާވެސް ދިޔައީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު އެއީ ކޮން ކްލަބެއް ކަމެއް ނޭނގެއެވެ. ނިއު ދޫކޮށް ގިނަ ކުޅުންތެރިންތަކެއް އެހެން ކްލަބުތަކަށް ބަދަލުވިއިރު، ސެންޓޭ އަކީ ކްލަބް ބަދަލުނުކޮށް ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ. ސެންޓޭ ނިއު ދޫކޮށްލުމުން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މިހާރު ވަނީ ކްލަބް ބަދަލުކޮށްފަ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ ނިއު އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ފެނުމުގެ ފުރުސަތު ވެސް ވަނީ ވަރަށް ކުޑަވެފަ އެވެ.

I have joined Club Eagles for the upcoming football season. It is where I started my senior football career. I’d like to…

Posted by Ali Fasir on Tuesday, 28 May 2019

ބ. އޭދަފުއްޓަށް އުފަން ސެންޓޭ އީގަލްސްއަށް ބަދަލުވުމުން ހުނަރުވެރި ކުޅުންތެރިންނާއެކު އެޓީމު ވަނީ އިތުރަށް ވަރުގަދަވެފައެވެ. ސެންޓޭއާ އެކު އެޓީމުގެ ފޯވާޑް ލައިންގައި ހަރަކާތްތެރިވާނީ މިދިޔަ ސީޒަނުގެ ދެ ވަނައަށް އެންމެ ގިނަ ގޯލު ޖެހި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިދިޔަ ސީޒަނުގައި ރިޒޭގެ ފަހަތުން ސެންޓޭ ހިމެނުނީ ލަނޑު ލިސްޓުގެ ތިން ވަނައިގައެވެ.

ސެންޓޭ ފުޓްބޯޅައިގެ ތެރެއަށް ނުކުތީ ވެސް 2006 ވަނަ އަހަރު އީގަލްސް އިންނެވެ. ކުޅުންތެރިން ހޯދުމަށް ކްލަބް އީގަލްސް އިން އެ އަހަރު އޭދަފުށީގައި ބޭއްވި ޓްރެއިނިން ކޭމްޕަކުން ސެންޓޭގެ ހުނަރު ފާހަގަވެ މާލެއައިސް ކުޅުމުގެ ފުރުސަތު ހަމަ އެއަހަރު އޭނާއަށް ލިބުނެވެ. އެ އަހަރު ދެ ވަނަ ޑިވިޝަނުގައި އީގަލްސް އަށް ކުޅުމަށްފަހު ޖެހިގެން އައި އަހަރު އަމިއްލަ ސަބަބަކާއި ގުޅިގެން ސެންޓޭ ވަނީ ރަށަށް ބަދަލުވެފަ އެވެ. ސެންޓޭ އަށް ދެވަނަ ފަހަރަށް ފުޓްބޯޅައިން ކުރިއަށް ދިއުމަށް ފުރުސަތު ލިބުނީ 2008 ވަނަ އަހަރު ކްލަބް އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އިންނެވެ. އޭރު ދެ ވަނަ ޑިވިޝަނުގައި އޮތް އޭވައިއެލް ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދިނުމަށްފަހު ފުރަތަމަ ޑިވިޝަނުގައި ސެންޓޭ އެންމެ ފުރަތަމަ ފެނުނީ 2009 ވަނަ އަހަރު އެޓީމުންނެވެ.

އެއް ވަނަ ޑިވިޝަންގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ސެންޓޭ ދެއްކި މޮޅު ކުޅުމާއެކު ޒުވާން އުމުރުގައި ބޮޑެތި ކްލަބްތަކުން ސެންޓޭއަށް ކަޅިއަޅަން ފެށިއެވެ. ފުރަތަމަ ސީޒަނަށްފަހު ސެންޓޭ ހޯދުމުގެ ރޭހުގައި 2010 ވަނަ އަހަރު ކުރި ހޯދީ ރާއްޖޭގެ އޭރު އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ކްލަބް ވެލެންސިއާ އެވެ. ބޮޑު ކްލަބަކަށް ބަދަލުވާން ބޭނުންވެފައިހުރި ސެންޓޭ 2010 ވަނަ އަހަރު ވެލެންސިއާ އަށް ކުޅުމަށްފަހު 2011 ވަނަ އަހަރު ބަދަލުވީ ރާއްޖޭގައި އެންމެ ވަރުގަދަ ސަޕޯޓަރުންގެ ބޭސްއެއް މިހާރުވެސް އޮތް އޮންނަ ނިއު ރޭޑިއަންޓަށެވެ. ނިއުގައި ހޭދަކުރި ކާމިޔާބު ފުރަތަމަ ސީޒަނުގައި ޖެހި 18 ގޯލަށްފަހު ސެންޓޭގެ މަގްބޫލުކަން ބޮޑުވެ 2012 ވަނަ އަހަރު ވިކްޓްރީން އޭނާ ގެންދިޔައެވެ.

ރަނގަޅު ފޯމެއްގައި ހުރި ސެންޓޭ 2012 ވަނަ އަހަރު ވިކްޓްރީއަށް ބަދަލުވުމަށްފަހު ފަޔަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން މުޅި ސީޒަނުގައި ކަހަލަ ގޮތަކަށް އިންނަން ޖެހުނީ ދަނޑު ބޭރުގައެވެ. ސެންޓޭއަށް ލިބުނު އެ އަނިޔާއިން ސަލާމަތްވާން ގިނަ ދުވަސްތަކެއް ނެގިއިރު އެސީޒަނުގައި ވިކްޓްރީގެ ޖޯޒީގައި ސެންޓޭއަށް ކުޅެވުނީ އެންމެ ހަ މެޗެވެ. އަނިޔާގެ ސަބަބުން ވިކްޓްރީގެ ޖޯޒީގައި ވިދުން ފަނޑުވިޔަސް ޖެހިގެން އައި އަހަރު ސެންޓޭ ވަނީ ދެ ވަނަ ފަހަރަށް ނިއުއަށް ބަދަލުވެ އެ ކްލަބުގައި ތަފާތު ދައްކައިފައެވެ. 2013 އިން 2015 ވަނަ އަހަރާއި ހަމައަށް ނިއުގައި ހޭދަކުރި މުއްދަތުގައި ސެންޓޭ ވަނީ އެ ކްލަބުން ހޯދި ބޮޑެތި ހުރިހާ ކާމިޔާބީއެއްގައި މުހިއްމު ދައުރެއް އަދާކޮށް ގިނަ ގޯލުތަކެއް ޖަހައިދީފައެވެ. 2015 ވަނަ އަހަރު ނިއު ރޭޑިއަންޓުގައި ރަނގަޅު ފޯމެއްގައި ހުރެފައި ސެންޓޭ 2016 ވަނަ އަހަރު ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. އެ އަހަރު ސެންޓޭ ވަނީ ޓީސީ އަށް 34 ގޯލު ޖަހައިދީ ރަން ބޫޓުގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފް 2016 ވަނަ އަހަރު ހޯދިފަހުން ނިއު ރޭޑިއަންޓުގެ މެނޭޖްމަންޓަށް 2017 ވަނަ އަހަރު އައި ބަދަލާއިއެކު އެ ކްލަބުން އެންމެ ފުރަތަމަވެސް ބޮޑު އަގުގައި ގެންދިޔައީ ސެންޓޭ އެވެ. ސެންޓޭ ވަނީ އެ އަހަރު ނިއުގައި މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ދިފާއުކޮށްފަ އެވެ. އަދި، މިދިޔަ އަހަރު ސެންޓޭ ވަނީ މާލޭ ލީގު ނިއުއާ އެކު ކާމިޔާބުކޮށްފަ އެވެ.

ގައުމީ ޓީމުގެ ވެސް މުހިއްމު ފޯވާޑް ސެންޓޭ އަކީ މިދިޔަ އަހަރު ރާއްޖޭން ސާފް މުބާރާތް ކާމިޔާބުކުރި ގޯލު އިންޑިއާ ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ އެވެ. އަދި، ފައިނަލުގައި އިންޑިއާއާ ދެކޮޅަށް މެޗުގެ ބޮޑު ބައެއްގައި ކެޕްޓަން ބޭންޑް އަޅައިގެން ސެންޓޭ ކުޅެފައިވެ އެވެ.

އާ ސީޒަން އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާނީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ދެ ލެގަށް ކުޅޭ އެ މެޗުގައި ވާދަކުރަނީ ށ. ފޯކައިދޫ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އެއަށްފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.