ބ. ފުޓްބޯލް ޗެލެންޖް: މާޖިދުގެ ހެޓްރިކާ އެކު ގޮއިދޫން ކުޑަރިކިލު ބަލިކޮށްފި

ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާއި ގުޅިގެން ކުރިއަށް ގެންދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޑަރިކިލާއި ވާދަކުރި މެޗުން ގޮއިދޫ މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗުން ގޮއިދޫ މޮޅުވީ 5-1 އިންނެވެ. މެޗުގައި ތަރިއަކަށް ވަނީ ގޮއިދޫ ޓީމަށް ހެޓްރިކް ހަދައިދިން ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހީމް މާޖިދު (މާޖި) އެވެ.


މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މެޗުގެ ދެ ވަނަ މިނެޓުގައި މާޖިގެ ގޯލުން ގޮއިދޫން ލީޑު ނެގިއިރު ދެ ވަނަ ގޯލު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. ގޮއިދޫގެ ތިން ވަނަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ މާޖި އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކުޑަރިކިލު ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ހަނާން އެވެ. މެޗުގައި މާޖި ހެޓްރިކް ހެދީ 66 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ގޮއިދޫ ޓީމުގެ ފަސް ވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ވިޝާމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޖި އެވެ.


މިއަދުގެ މޮޅާއެކު ގޮއިދޫ އަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފަ އެވެ. ސެމީގެ ޖާގަ ހޯދަން އެޓީމުން ފަހު މެޗުގައި މާޅޮސް ބަލިކުރަން މަޖުބޫރުވާނެ އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އޭދަފުށްޓެވެ. ދެ ވަނައިގައި އޮތް ގޮއިދޫ އާއި ތިން ވަނައިގައި އޮތް ކުޑަރިކިލަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މާޅޮސް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.


މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސީގެ ތުޅާދޫ އާއި ކިހާދޫ އެވެ. ކިހާދޫ ފުރަތަމަ މެޗުގައި ފެހެންދޫއާ ވާދަކޮށް އެއްވަރުވިއިރު ތުޅާދޫ ވެސް ކުޅުނު ފުރަތަމަ މެޗުގައި ހިތާދޫއާ ވާދަކޮށް ވަނީ އެއްވަރުވެފަ އެވެ. ސެމީގެ ޖާގައެއް ހޯދަން މާދަމާގެ މެޗުން މޮޅުވުން ދެ ޓީމަށް ވެސް މަޖުބޫރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.