ބ. ފުޓްބޯލް ޗެލެންޖް: ކެންދޫ ސެމީ އަށް، ދޮންފަނާއި ދަރަވަންދޫ ކަޓައިފި

މިއަދު ހަވީރު ދޮންފަނާއި ކެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ/ ޒާއިފް އިބްރާހީމް

ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު 2-0 އިން ދޮންފަނު ބަލިކޮށް ކެންދޫ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ގްރޫޕް އޭގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު ކެންދޫ ސެމީ އަށް ދަތުރުކުރި އިރު މި ގްރޫޕުގައި ހިމެނޭ ދޮންފަނާއި ދަރަވަންދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ. މިއަދު މޮޅާއެކު ކެންދޫ ވެފައިވަނީ ސެމީގެ ޖާގަ ކަށަވަރު ކުރި ފުރަތަމަ ޓީމަށެވެ.


ތިން ޓީމު ހިމެނޭ ގްރޫޕް އޭއިން ސެމީގެ ޖާގަ ލިބެނީ އެއް ވަނަ ހޯދާ ޓީމަށެވެ. ސެމީގެ އަނެއް ތިން ޖާގަ ލިބޭނީ ގްރޫޕް ބީ އަދި ގްރޫޕް ސީ އިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށެވެ.

މިއަދު ދޮންފަނު ބަލިކުރި އިރު ފުރަތަމަ މެޗުގައި ކެންދޫން ވަނީ ދަރަވަންދޫ ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ކުޅޭ ފަހު މެޗުގައި ދަރަވަންދޫއާ ދޮންފަނު ވާދަކުރާނެ އެވެ. ދެޓީމަށް ވެސް ސެމީގެ ފުރުސަތު ގެއްލުމުން މެޗުގެ މުހިއްމުކަން ވަނީ ކުޑަވެފަ އެވެ.

މިއަދު ހަވީރު ދޮންފަނާއި ކެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ/ ޒާއިފް އިބްރާހީމް

މިއަދުގެ މެޗުގައި ކެންދޫ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 54 ވަނަ މިނެޓުގައި ޖެހީ އަލީ ޝާއިން އެވެ. ޝާއިން ވަނީ ފުރަތަމަ މެޗުގައި ދަރަވަންދޫ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. ކެންދޫ ޓީމުގެ ދެ ވަނަ ގޯލު 70 ވަނަ މިނެޓުގައި ޖެހީ އަލީ ޖައިލަމް އެވެ. ޖައިލަމް މި ގޯލު ޖެހީ ހާފު މެދުން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ މުބާރާތުގެ ފެނުނު އެންމެ މޮޅު ގޯލެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ތަފާތު މޮޅު ކުޅުމެއް ދެއްކި ޖައިލަމް އެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ އޭދަފުއްޓާއި ކުޑަރިކިލެވެ. މާދަމާގެ މެޗު އެއްވަރު ކޮށްލައިގެން ވެސް އޭދަފުއްޓަށް ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ދެ ވަނަ ޖާގަ ލިބޭނެ އެވެ. އަމިއްލަ ބާރުގެ ސެމީ ފައިނަލަށް ދެވެން ނެތް ކުޑަރިކިލަށް ކިރިޔާ ވެސް އޮތް ފުރުސަތަކީ ބޮޑު ތަފާތަކުން އޭދަފުށި ބަލިކޮށް މި ގްރޫޕުގެ ފަހު މެޗުގައި ވާދަކުރާ ގޮއިދޫ އާއި މާޅޮސް މެޗަށް އިންތިޒާރުކުރުމެވެ.

ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓާއި އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެ އަތޮޅުގެ 11 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ބައިވެރިވި ރަށްތަކުގެ ދަތުރުފަތުރު ލަނޑާ ގިރާވަރު ރިސޯޓުން ހަމަޖައްސައިދޭއިރު ހުރިހާ މެޗެއް ވެސްޓް ވިންގްސް ފޭސްބުކް ޕޭޖުން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.