ބ. ފުޓްބޯލް ޗެލެންޖް: ރެކޯޑް މޮޅާކާއެކު ސެމީގެ ފަހު ޖާގަ ގޮއިދޫ އަށް

12-0 އިން މާޅޮސް ބަލިކޮށް ބ. ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ގޮއިދޫ ހޯދައިފި އެވެ. މިއީ މި މުބާރާތުގައި ޓީމަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރުނީ ކްލަބް އޭދަފުށިންނެވެ. މާޅޮހާ ވާދަކޮށް އޭދަފުށި މެޗު ކާމިޔާބުކުރީ 11-0 އިންނެވެ.

މި މޮޅާއެކު ގޮއިދޫ އަށް ސެމީގެ ޖާގައެއް ލިބުނީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ގޮއިދޫ މޮޅުވުމުން ފެހެންދޫ އާއި ތުޅާދޫ އަށް ވަނީ ސެމީގެ ފުރުސަތު ބަންދުވެފަ އެވެ. ގޮއިދޫގެ އިތުރުން ސެމީގެ ޖާގަތައް ކަށަވަރުކުރީ އޭދަފުއްޓާއި، ކެންދޫ އަދި ކިހާދޫ އެވެ.

މިއަދުގެ މެޗުގައި ގޮއިދޫން ޖެހި 12 ގޯލުގެ ތެރެއިން ހަ ގޯލު ޖަހައި އާދަމް ނިޒާމް (ކިތުނާ) ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. ކިތުނާ ދެ ހެޓްރިކް ހެދިއިރު ކުޑަރިކިލާ ދެކޮޅަށް ހެޓްރިކް ހެދި އިބްރާހީމް މާޖިދު (މާޖީ) ވެސް ވަނީ މިއަދުގެ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން ގޮއިދޫ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ނާސިހު ޔޫސުފް އާއި އާދަމް ހަލީލް އަދި ފަހްރާހު ސަލީމް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ހަތަރު ގޯލު ޖެހިއިރު ބާކީ އަށް ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗަށް ނުކުތް އިރުވެސް މާޅޮސް މުބާރާތުން ކަޓާފައި އޮތުމުން އެޓީމުގެ ފަރާތުން މުޅި މެޗުގައިވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިތުނާ އެވެ.


މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ގްރޫޕް ބީގެ އެއް ވަނަ ހޯދި އޭދަފުއްޓާއި ގްރޫޕް ސީގެ އެއް ވަނަ ހޯދި ކިހާދޫ އެވެ. ދެ ވަނަ ސެމީގައި ގޮއިދޫ ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ ހޯދި ކެންދޫއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.


ފޯ ސީޒަން ލަނޑާ ގިރާވަރުން ސްޕޮންސަރ ކޮށްގެން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން އިންތިޒާމުކުރާ މުބާރާތުގައި 11 ޓީމަކުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ހާލަތު

    މި ނޫހަކީ އަބަދުވެސް އޭދަފުށްޓަށް ބުރަވެ އޮވެ ލިޔާ ނޫހެއް އޭދަފުށި މާޅިސް މެޗު ވާހަކަ ލިޔުނު އިރާއި ގޮއިދޫ މާޅޮސް މެޗް ވާހަކަ ވަކިކޮޅަކަށް ބުރަވެ ލުއުނީމާ މި އީ ވަރަށް ޒިންމާ ދާރުކަން ކުޑަ ނޫހެއްކަން ދޭހަވޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.