ހައިޝަމްއާ އެކު އޭދަފުށީގެ ތިން ކުޅުންތެރިން މިފަހަރު ގައުމީ ޓީމުގައި

ހައިޝަމް، ހަމްޕު އަދި ސެންޓޭ– ފޮޓޯ/މިހާރު އަޮންލައިން

ޒުވާން ކުޅުންތެރިޔާ ހައިޝަމް ހަސަންއާ އެކު އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމުގައި އޭދަފުށީގެ ތިން ކުޅުންތެރިން ހިމެނިއްޖެ އެވެ.

ހައިޝަމްގެ އިތުރުން މިފަހަރުގެ ޓީމުގައި ހިމެނުނީ އަބަދުވެސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.


މިއީ ސީނިއާ ޓީމުގައި ހައިޝަމް ހިމެނުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ފުރަތަމަ ޑިވިޝަނަށް އެންމެ ގިނަ ކުޅުންތެރިން ނެރެދޭ ރަށުން އަހަރު ތަކަކަށްފަހު ތިން ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ. ސެންޓޭ އާއި ހަމްޕުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ޝާފިއު އަހުމަދު (ޝާފީ) ވެސް ވަނީ ގައުމީ ޓީމުގައި ހިމެނިފަ އެވެ. އަދި، ރާއްޖޭން ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ހޯދި ޓީމުގައި މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ ހިމެނިފަ އެވެ. މިފަހަރުގެ ޓީމުގައި އެއް ރަށަކަށް ނިސްބަތްވާ އެންމެ ގިނަ ކުޅުންތެރިން ތިބީ ވެސް އޭދަފުށިންނެވެ.


ގައުމީ ޓީމުގައި ހިމެނުނު ހައިޝަމް އެންމެ ފުރަތަމަ ވިދާލީ 2017 ވަނަ އަހަރު އޮތް މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމުންނެވެ. އޭގެފަހުން ހައިޝަމް ވަނީ އެފްއޭއެމްގެ “ޓުވާޑްސް ފިއުޗާ” ގެ ދަށުން އެކުލަވާލި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން އައްޑޫގައި ކުޅުނު މެޗެއްގައި ބައިވެރިވެފަ އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުގައި ހިމެނުމަށްފަހު ހައިޝަމް ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑޮނީޝިއާ ގައި އޮތް އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި ގައުމީ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. ހަމަ އެ އަހަރު ކްލަބް އީގަލްސްގެ ޒުވާން ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ހައިޝަމް ވަނީ މިދިޔަ އަހަރު ރަސްމީ އެއްބަސްވުމެއްގައި އީގަލްސްގެ ސީނިއާ ޓީމާއި ގުޅިފައެވެ. މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ޑިފެންސުގައި ހައިޝަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.


ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ހައިޝަމް އަށް ފުރުސަތު ލިބުމަށް މަގުފަހިވީ މި އަހަރުގެ މާޗް މަހު ސައުދީ އަރަބިއާގައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިން މުބާރާތެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ހައިޝަމް ވަނީ ކުޅެފަ އެވެ. ކޮލިފައިން އިން ރާއްޖެ އަށް ފުރުސަތު ގެއްލުނު ނަމަވެސް ތިން މެޗުގައި ވެސް އެއް ފެންވަރެއްގައި ހައިޝަމް ވަނީ ކުޅެފަ އެވެ.


ހައިޝަމްގެ އިތުރުން ޓީމުގައި ހިމެނުނު ހަމްޕު އާއި ސެންޓޭ އަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ކުޅުންތެރިންނެއް ނޫނެވެ. މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ރާއްޖޭން ކާމިޔާބުކުރީ ހަމްޕު ދިން ޕާހަކުން ސެންޓޭ ޖަހައިދިން މޮޅު ގޯލުންނެވެ. މޮޅުވި ގޯލު ޖެހުމުގެ އިތުރުން ސެންޓޭ ވަނީ ފައިނަލް މެޗުގެ ބޮޑު ބައެއްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. އަނެއްކޮޅުން ސެންޓޭ އަކީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. މި ދެކުޅުންތެރިންނަކީ ވެސް ގައުމީ ޓީމުގައި ހިމެނުމަށް ފަހު ބަރާބަރަށް ޓީމުން ޖާގަ ހޯދަމުން އަންނަ މުހިއްމު ދެ ކުޅުންތެރިންނެވެ.


ހައިޝަމް ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމުގައި ހިމެނުމަކީ އަނެއްކާވެސް އޭދަފުށީގެ ފުޓްބޯޅަ ލިބުނު ކާމިޔާބެކެވެ. ހައިޝަމްއާ އެކު ގައުމީ ޓީމުގައި ހިމެނުނު ތިން ކުޅުންތެރިންނަށް “އީޓީ” ގެ ނަމުގައި މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.