އަނަންތަރާއިން ރިސޯޓް މުބާރާތް ކާމިޔާބުކޮށްފި

ރިސޯޓް މުބާރާތުގެ ޗެމްޕިއަން ޓީމު އަނަންތަރާއިން ތައްޓާއެކު އުފާފާޅުކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ޕެނަލްޓީ ޖަހައިގެން 6-5 އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސޮނެވާފުށި ބަލިކޮށް ލެވިސްތާ އިންޓަ ރިސޯޓް ފުޓަބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރާ ކިހަވައް ވިލާސް އިން ދެ ވަނަ ފަހަރަށް ހޯދައިފި އެވެ.

މިއީ އަނަންތަރާއިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ވަނަ ފަހަރެވެ.

އޭދަފުށީ ޓާފް ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރު ވެފަ އެވެ. ސޮނެވާއަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި މި މުބާރާތުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި އާދަމް ނިޒާމު އެވެ.

އަނަންތަރާގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިތަނާ ހުސައިން ހަންނާނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި އެއްވަރުކޮށްދިނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަނަންތަރާގެ ސޮފްވާން ޚަލީލެވެ. ސޮފްވާން ވަނީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް އަނަންތަރާގެ އިސްމާއިލް ޝާކިރު ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރީ މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ވެސް ހޮވުނު ސޮނެވާފުށީގެ އާދަމް ނިޒާމެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ސޮނެވާފުށީގެ އަފްރާހު އަބްދުލް އަޒީޒު ހޮވުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކީ އެ ޓީމުގެ އިބްރާހީމް ނިހާދެވެ. އެންމެ މޮޅު ކޯޗަކީ އަނަންތަރާގެ ކޯޗު  އަހްމަދު އުޝާމެވެ.

ކުރިން ކްލަބް ކޮމްބިނޭޝަން އިން ބޭއްވި މި މުބާރާތް ފަހަކަށް އައިސް ބޭއްވީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ. ނަމަވެސް މިފަހަރު މި މުބާރާތް ބޭއްވީ ވެލާ ސްޕޯޓްސް ކްލަބުންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ސޮނެވާފުއްޓެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން އަހަރު އުފުލާލައިފަ އެވެ. މިއީ މި މުބާރާތް ބޭއްވި އަށްވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.