ލެވިސްތާ ކަޕް: ޗެމްޕިއަން ވެލާ ސިޓީ ބަލިކޮށް އެމްއޭ ޔުނައިޓެޑް ސެމީ އަށް

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އެމްއޭ ޔުނައިޓެޑް ހޯދައިފިއެވެ.

އެމްއޭ ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ވެލާ ސިޓީއާއި ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ. އެމްއޭ ޔުނައިޓެޑުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި 7-0  ހުސްސޮގުންވެސް ބަލިކޮށްފައެވެ. އެހެންކަމުން އެމްއޭ ޔުނައިޓެޑް ސެމީއަށް މި ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން ދެން ސެމީ ފައިނަލަށް ދަތުރުކުރާނީ މާދަމާ ހަވީރު ހުސްސޮގުންނާއި ވެލާ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެމްއޭ ޔުނައިޓެޑުންނެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ އެގާރަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާމީ އިބްރާހިމްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވެލާ ސިޓީންވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތްވަނީ ނުވެފައެވެ. މި މެޗުގެ އަށާވީސް ވަނަ މިނެޓުގައި އެމްއޭ ޔުނައިޓެޑްގެ ހަސަން ރާއިފް އަޙުމަދު (ހަންނަ) ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. ހަންނަ މި ލަނޑު ކާމިޔާބުކޮށްދިނީ ވެލާ ސިޓީގެ ކީޕަރުގެ ދެފައި ދޭތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.  މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 އެމް.އޭ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އެމް.އޭ ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށްލާފައެވެ. އެމް.އޭގެ ބިދޭސީ ކުޅުންތެރިޔާ އަކްރޯން އުމަރު ޖޮނޯވް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ މަތީގެ ކަނަށް ވައްދާލައިގެންނެވެ. މި ލަނޑަށް ފަހު ވެލާ ސީޓީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެމް.އޭ ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފަސްދޮޅަސް ތިންވަނަ މިނެޓުގައި ވެލާ ސިޓީން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ޙަލީލްއެވެ.

މެޗުގެ ދެވަނަ ހާފުގައި ރެފްރީގެ ބައެއް ނިންމުތަކާއި މެދު ހިތްހަމަ ނުޖެހިގެން ވެލާ ސިޓީގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗުގެ ތެރެއިން ވެލާ ސިޓީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ދަނޑު މަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެޗުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވަނީ ހިންގާފައެވެ. އަދި މި ވެލާ ސިޓީގެ ބެންޗުގައި ތިބި ބައެއް ކުޅުންތެރިންވަނީ އެވަގުތު ދަނޑަށްވެސް އަރާފައެވެ. އަދި މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި މެދު ވަނީ ހަމަނުޖެހުން ހިންގާފައެެވެ.

މި މެޗުގެ އިތުރުން މި މުބާރާތުގައި މިއަދު ހެނދުނު ކުޅެން ތާވަލްކޮށްފައި އޮތް މެޗު މޫސުން ތަން ނުދިނުމުގެ ސަބަބުން މެންދުރު ފަހު ވަނީ ކުޅެފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނޭ ޔުނައިޓެޑް ވީ އާއި އެންޖޯއި ފްރެންޑްސް ބައްދަލުކުރި މެޗު ތިނެއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ވީއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވީ ކުޅުނު ފުރަތަމަ މެޗުގައި ސައިނޯސާ އެފްސީ އަތުން ވަނީ ބަލިވެފައެވެ. މި މެޗަކީ އެންޖޯއި ފްރެންޑްސް އަދި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އެހެން ކަމުން މި ގްރޫޕް އޭއިން ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަށަވަރުވަނީ މާދަމާ ހެނދުނު ސައިނޯސާ އެފްސީ އާއި އެންޖޯއި ފްރެންޑްސް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މި މެޗުގައި ޔުނައިޓެޑް ވީގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙިމް ޝަފްރާޒްއެވެ. މި މެޗުގައި ޔުނައިޓެޑް ވީގެ ދެވަނަ ލަނޑަކީ އެންޖޯއި ފްރެންޑްސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޔުނައިޓެޑް ވީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަފްރާޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ އެންޖޯއި ފްރެންޑްސްގެ ކީޕަރު ކައިރިން ބީޓުކޮށްލާފައި ގޮހެއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެގޮތުން މާދަމާ ހެނދުނު ހަތެއް ޖަހާއިރު ކުޅޭ މެޗުގައި މެޗުގައި ބައްދަލުކުރާނީ ސައިނޯސާ އެފްސީ އާއި އެންޖޯއި ފްރެންޑްސްއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ ސިޓީ އާއި ހުސްސޮގުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.