ދަގަނޑޭގެ މޮޅު ކުޅުމާއެކު ސައިނޯސާ ފައިނަލަށް

ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) މޮޅު ކުޅުމާއެކު ޖެހި ފަސް ގޯލާއެކު އެންމެ ފަހުގެ ޗެމްޕިއަން ވެލާ ސިޓީ 6-0 އިން ބަލިކޮށް ސައިނޯސާ އެފްސީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގައި ސައިނޯސާގެ ފުރަތަމަ ގޯލު ޖެހީ ދަގަނޑޭއާ އެކު ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުން އަންނަ މުހައްމަދު އުމެއިރު އެވެ. މި ގޯލު ޖެހުމާ ހަމައަށް ވެލާ ޓީމުން ވެސް ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އުމެއިރު ގޯލު ޖެހުމުގެ ކުރިން ވެލާ ޓީމުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ޖެހި ދެ ގޯލާއެކު 3-0 ގެ ލީޑެއް ސައިނޯސާއިން ނެގި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސައިނޯސާއިން ޖެހި ތިން ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދަގަނޑޭ އެވެ.

މުޅި މެޗުގައި ވެސް ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އޭނާ ހުއްޓުވަން އިދިކޮޅު ޓީމަށް ވީ އުނދަގޫ ކަމަކަށެވެ. ދަގަނޑޭ އާއި އުމެއިރުގެ އިތުރުން ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ސައިނޯސާ ޓީމުގައި ހިމެނެ އެވެ. އެޓީމުގެ ކޯޗަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެރަށަށް އުފަން މުހައްމަދު ޝިފާން (ކުޑައްޓޭ) އެވެ.

ބޮޑު އީދު މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ސައިނޯސާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، އެ ޓީމު މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވަނީ މޮޅުވެފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު މި މުބާރާތަށް ސައިނޯސާ އޮތީ ވަރުގަދަ ކޮށްފަ އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ އެމްއޭ ޔުނައިޓެޑް ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވީ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.