2012 – ފުޓްބޯޅަ މުބާރާތުގެ އަހަރެއް

ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ތެރެއިން: ފޮޓޯ / އަހްމަދު އަބްދުﷲ ސައީދު

އޭދަފުށްޓަކީ ޒަމާނުއްސުރެވެސް ފުޓްބޯޅައަށް ލޯބިކުރާ އަދި މޮޅަށް ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ތިބިރަށެކެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރުންފެށިގެން އޭދަފުށީކުޅުންތެރިނާއި ޓީމުތައް އައީ ގައުމީ ފުޓްބޯޅަ މުބާރާތްތަކާއި ރަށުފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ނަތީޖާއެއްގެގޮތުން އޭދަފުށީ ކުޅުންތެރިންގެ މޮޅު ހުނަރު ގައުމީޓީމާއި ފުރަތަމަ ޑިވިޝަންގެ ޓީމުތަކުންވަނީ ސާބިތުކޮށްދީފައެވެ. މި ނަތީޖާތަކުގެ ސިއްރަކީ ކޮންމެ އަހަރަކު އޭދަފުށިގައި ބާއްވަމުންއަންނަ ފުޓްބޯޅަ މުބާރާތްތައްކަން ޔަގީނެވެ.

އޭދަފުށީގައި ތަފާތުފެންވަރުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވަމުން އަންނަތާ ތިރީހަކަށް އަހަރުވެދާނެ އެވެ. ކުޑަކުދީންގެ މެދުގަ އާއި ޒުވާނުންގެ މެދުގަ އެވެ. އޮފީސްތަކާއި ސްކޫލްފެންވަރުގަ އެވެ.

މިގޮތުން ވޭތުވެދިޔަ 2012 ވަނަ އަހަރަކީ އޭދަފުށީގައި އެންމެ ގިނަ، ފުޓްބޯޅަ މުބާރާތް ބޭއްވި އަހަރުކަން ފާހަގަކޮށްލެވެ އެވެ. އަދި އެ އަހަރަކީ ފުޓްބޯޅައިގައި ވަރަށްގިނަ އާ ކަންތައްތަކެއް ފެނިގެން ދިޔަ އަހަރެއްކަމުގައިވެސް ފާހަގަކޮށްލެވެ އެވެ. 2012 ވަނަ އަހަރު ފުޓްބޯޅަ މުބާރާތުގެ ސީޒަން ފެށުނީ ފެބްރުއަރީމަހު ތެރޭގަ އެވެ. ނިމުނީ 6 ޑިސެމްބަރ ގައެވެ. މިދިޔައަހަރު ޖުމްލަ 10 މުބާރާތް ބާއްވާފައިވެ އެވެ. ތިރީގައި އެވަނީ 2012 ވަނަ އަހަރު އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

2012 ވަނަ އަހަރުގެ ފުޓްބޯޅަ މުބާރާތުގެ ސީޒަން ފެށުނީ އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން އިންތިޒާމްކުރި ”ނިއުޑޯން އޭދަފުށި ޔޫތުކަޕް” ގެ ފުޓްސަލް މުބާރާތުންނެވެ. ބ. އޭދަފުށީ ކުޑަކުދިންގެ ހިތްތަކުގައި ފުޓްބޯޅައިގެ ރޫހު އާލާކޮށް އެކުދިން ފުޓްބޯޅަ ކުޅުމަށް ޝައުގުވެރި ކުރުމަށާއި، ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތް އޮތީ މިދިޔަ އަހަރު ފެބްރުއަރީ މަހުގައެވެ. 14 އަހަރުން ދަށުގެ ކުޑަކުދީންނަށް ބޭއްވި މި މުބާރާތުގައި 6 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ ޗެމްޕިއަން އަކީ ކިންގް ސްޕޯޓްސް އެވެ.

ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާޓުގެ ތެރެއިން

އެއަށްފަހު ތިން މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކުރި ” ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް” 22 ޖޫން ގައި ފެށިއެވެ. ބ. އަތޮޅު ރިސޯޓުތަކަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތުގެ މަގްސަދަކީ ބ. އަތޮޅު ރިސޯޓުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢި ރޫޙާއި ކުޅިވަރުގެ ރޫހް އާލާކުރުމެވެ. މި މުބާރާތުގައި ސޮނެވަފުށި، މުއްދޫ، ރޯޔަލް އައިލެންޑް، ލަނޑާގިރާވަރު އަދި އަނަންތަރާ ބައިވެރިވިއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރި އުސޫލުން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުއްދޫ ރިސޯޓާ އެކު ކުޅެ 1-0 ން ސޮނެވަފުށި ރިސޯޓެވެ. މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކީ މުއްދޫ ރިސޯޓުގެ އިސްމާޢިލް ރަޝީދެވެ. މިއީ މިގޮތުން ރިސޯޓުތަކުގެ މެދުގައި މިރަށުގައި ބޭއްވި ފުރަތަމަ މުބާރާތެވެ.

ޖެހިގެން އައި ޖުލައި މަހު 7 ވަނަ ދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަހައުސް ފުޓްބޯޅަމުބާރާތް ފެށި އެވެ. މިއީ އެ ސްކޫލްގެ 4 ހައުސްގެ މެދުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. ޖޫނިއަރ އަދި ސީނިއަރ ގްރޫޕް ތަކުގެ މެދުގައި ވާދަކުރާ މި މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ހޯދީ ވައިލެޓް ހައުސްއެވެ.

މުޅި މުބާރާތުގެ ސީނިއަރ ބައިން އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވައިލެޓް ހައުސްގެ ހަމްޒަތު މުހައްމަދު އެވެ. ޖޫނިއާ ގުރޫޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައިލެޓް ހައުސްގެ މުހައްމަދު އަޝްރަފު އެވެ. މި މުބާރާތް ނިމުނީ ޖުލައި 13 ވަނަ ދުވަހުއެވެ.

ބ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި މީގެ އަހަރުތަކެއްކުރިން ފެށިގެން ބާއްވަމުންއައި އޮފީސްތަކުގެ ފުޓްސަލް މުބާރާތް އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ޖުލައި 13 އިން 18 އަށް ކުރިއަށްދިޔަ އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި 14 އޮފީހަކުން 8 ޓީމު ވާދަކޮށްފައިވެ އެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި، ބެންކް/މީޑިޔާ/ރަށުކައުންސިލް،(ކޮމްބައިން) އާއި، އަތޮޅުކައުންސިލާއި، ޕޮލިސް އޭ، އަދި ބީ ޓީމާއި، ނޮދަންޔުޓިލިޓީ/ދިރާގު/އެސްޓީއޯ(ކޮމްބައިން)އާއި، ބ އަތޮޅުހޮސްޕިޓަލާއި، ވަތަނިއްޔާ/ކޯޓް/ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް (ކޮމްބައިން) އެވެ. މި މުބާރާތް ބޭއްވުމަށް ނިންމީ އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޮފީސްތަކުގެ މެދުގައި އެންމެފަހުން ބޭއްވި ފުޓްސަލް މުބާރާތުގެވެސް ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒެވެ. ރަނަރއަޕް ޓީމަކީ ޕޮލިސް އޭ ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ތައުލީމީ މަރުކަޒުގެ މުހައްމަދު އިކްރާމް އާއި، އިބްރާހިމް ޝަހީދު އާއި، ޕޮލިހުގެ ހުސައިން ފާސިރާއި، މުހައްމަދު މަދީނުގެ އިތުރުން ނޮދަންޔުޓިލިޓީ/ދިރާގު/އެސްޓީއޯ(ކޮމްބައިން)ގެ އަބްދުﷲ ޒައީމު އެވެ. މި މުބާރާތް މެއިން ސްޕޮންސަރ ކޮށްފައިވަނީ ވަތަނިއްޔާއިންނެވެ.

މި މުބާރާތަށްފަހު ގާތްގަޑަކަށް މަހެއްހާދުވަސް ފަހުން، ކޮންމެ ރަމަޝާން މަހަކު އޭދަފުށީ ކްލަބް ދަ ބިގިނާސްގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތް ފެށިގެންދިޔަތަން ފެނުނެވެ. އޭދަފުށީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި ކުޅިވަރުގެ ރޫހް އާލާކުރުމުގެ އިތުރުން އޭދަފުށީގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތް އޮތީ ޖުލައި 21 ން އޯގަސްޓް 3 ށް އޭދަފުށީ ޔޫތު ސެންޓަރުގެ ފުޓްބޯޅަ ސަރަހައްދުގަ އެވެ. 20 ޓީމު ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ ” ދަ ފެއިމްސް ޔުނައިޓެޑް” ޓީމެވެ. ރަނަރއަޕް ޓިމަކީ ” ދަ ބްލޫސް” އެވެ. ނަތީޖާ އަކީ 9-0 އެވެ. މުބާރާތުގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ފެއިމްސްޓީމުގެ އަލީ ޒުބައިރުގެ އިތުރުން ދަ ބްލޫސް ގެ ހުސައިން ފާސިރު އާއި، ވެލާ ސްޕޯޓްސްގެ ހިއްސާނު އަބްދުއްޝަކޫރު އެވެ. އެންމެ ގިނަ ގޯލް ޖެހީ ފެއިމްސް ޓީމުގެ އަލީ ޒުބައިރު އެވެ.

16 އޮގަސްޓް 2012 ދުވަހަކީ ކްލަބް ކޮމްބިނޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ކުޑައީދުގައި ބާއްވަމުން އަންނަ ”ސީސީ ކަޕް ފުޓްބޯޅަ ޓޯނަމެންޓް 2012” ފެށުނު ދުވަހެވެ. މި މުބާރާތުގައި 15 ޓީމު ބައިވެރިވި އެވެ. އޭދަފުށީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ޒަމާނުއްސުރެ އޭދަފުށީގައި އޮންނަ ފުޓްބޯޅައިގެ ސަގާފަތު ދިރުވުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި ބައިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އޭދަފުށީގެ ޓީމުތަކަށް އެކަންޏެވެ. މި މުބާރާތް 4-0 ން ކާމިޔާބުކުރީ ”ފްރެންޑްސް” ޓީމާ ބައްދަލުކޮށް ”އޭ.އެސް ފްރެންޑް” އެވެ. ބޮކިއަލީގައިވެސް ކުޅުނު މި މުބާރާތް އޮތީ 16 އޯގަސްޓުން 23 އޮގަސްޓްގެ ނިޔަލަށް ސްޓޭޖް ސަރަހައްދުގަ އެވެ. ޗެމްޕިއަންޓީމަށް -/5000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހިކުޅުންތެރިއަކަށް ހޮވުނީ އެސްއޭ ފްރެންޑްސްގެ އަލީ ޒުބައިރު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އަލީ ޒުބައިރުގެ އިތުރުން އެ ޓީމުގެ މައުމޫން އަބްދުލް ގައްޔޫމް އާއި، ފްރެންޑްސްގެ ގޯލް ކީޕަރު އަފްޒަލް އިބްރާހިމް އާއި އަހުމަދު ލަތީފް (ލައްޗޭ) އާއި ގަލްފްގެ ހުސައިން ވާފިރު އެވެ. މިމުބާރާތް ކުޅުނީ 4 ގްރޫޕަށް ބަހާލައިގެންކުޅުނު މިމުބާރާތުގައި ޖުމްލަ 28 މެޗް ކުޅުނެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ”އެމިސް ކަޕް” ގެ ނަމުގައި ވޭތުވެދިޔަ އަހަރު ބޮޑު އީދުގައިވެސް ފުޓްބޯޅަ މުބާރާތެއް ބޭއްވިއެވެ. ޗެމްޕިއަން ޓީމަށް -/20،000ރ. ހުށަހެޅި މުބާރާތުގައި ވާދަ ކުރުމަށް އެ ކްލަބުން ދައުވަތުދިނީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް ސޫޕް އާއި، ސަންސެޓް ބީޗް އާއި، ސީސީ ސްޕޯޓްސް އާއި، ރުވާ ސްޕޯޓްސް އާއި، ޔުނައިޓެޑް ވީ އާއި، އެންޖޯއީ ފްރެންޑްސް އަދި މިއަހަރު އަލަށް މި މުބާރާތަށް ދައުވަތުދިން އޭދަފުށީ ނިއު ޖެނެރޭޝަންގެ އިތުރުން ކުރީއަހަރު ބޮޑުއީދު ފުޓްބޯޅަ މުބާރާތުގެ ތަށި މިހާތަނަށް މިލްކު ކޮށްފައިވާ ހަމައެކަނި ޓީމް ކަމަށްވާ ސައިނޯސާ އެވެ. ނަމަވެސް މުބާރާތް ފެށުމާއެކު ސައިނޯސާޓީމުގެ ކުޅުންތެރިއެއްކަމުގައިވާ އަހުމަދު ޝާހީން (ޖޯއީ) ޕްރެކްޓިސްގައި ހުއްޓާ ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓި ނިޔާވުމާގުޅިގެން ސައިނޯސާ ޓީމު ފުރަތަމަ މެޗް ކުޅުމުގެ ކުރިން މުބާރާތުން ވަކިވި އެވެ.

މިމުބާރާތް ސްޕޮންސަރ ކުރީ ރެޑްވޭވް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުންނެވެ. 8 ޓީމަކަށް ދައުވަތު ދީގެން ބޭއްވި މި މުބާރާތް ކުޅުނީ ދެގްރޫޕަށް ބަހާލައިގެންނެވެ. އޮކްޓޯބަރ 20 ން 29 ށް ފުޓްބޯޅަދަނޑުގައި ކުރިއަށް ދިޔަ މިމުބާރާތް ”ރިއަލް ސޫޕް” އާއި ބައްދަލުކޮށް 5-1 ން ކާމިޔާބުކުރީ ”ސީސީ” އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ ޓީމުގެ ކުޅުންތެރިއެއްކަމުގައިވާ ”ޔުނައިޓެޑް ވީ” ގެ ރިޟްވާން ވަޙީދު (ރިލޭ) އެވެ.

ބ. އޭދަފުށްޓަށް ހުޅުވައިލައިގެން ބޭއްވި އެމިސް ކަޕުގައި ގައުމީ ޓީމު ކޯޗު އިސްތަވާން އުރުބާނީ މެޗެއް ބަލަނީ–

 

 

 

 

 

 

 

 

 

 

 

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އޭދަފުށީ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ރޫހު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމަށާއި، ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގައި ތިބި އެންމެ ސީނިއަރ ރެފްރީން މިމުބާރާތުން ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި ގައުމީ ޓީމުގެ ކޯޗް އިސްތަވާން އުރްބާނީ މި މުބާރާތް ބަލާލުމަށް އޭދަފުށްޓަށް ޒިޔާރަތްކުރުމާއި، ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މި މުބާރާތުގައި ކުޅުމާއި، ފީފާގެ މަޝްހޫރް ރެފްރީ މުހައްމަދު ސައީދު އެއް މުބާރާތަކުން ދަނޑުން ފެނިގެން ދިއުމަކީ މި މުބާރާތުގެ ތާރީޚުގައި ފާހަގަކޮށްލެވުނު ކަމެކެވެ.

”ފެއިމްސް ވެއާ ކަޕް” ގެ ނަމުގައި އޯގަސްޓް މަހުވެސް ކުޑަކުދީންގެ ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔައެވެ. ގާމެންޓްސް ފިހާރައެއްކަމުގައިވާ ”ފެއިމްސް” އިން ސްޕޮންސަރ ކޮށްގެން މިމުބާރާތް ހިންގީ ކުޑަކުދީންތަކެއް އިސް ނަގައިގެންނެވެ. މިމުބާރާތުގައި 7 ޓީމު ބައިވެރިވިއެވެ. މުބާރާތުގެ ޗެމްޕިއަންޓީމަކީ ސަންސެޓް ޖޫނިއާސް އެވެ.

19 ނޮވެމްބަރ ގައި ”ނިއު ޑޯން އޭދަފުށީ ޔޫތު ކަޕް” ގެ 2 ވަނަ މުބާރާތެއް އަހަރުތެރޭގައި ފެނިގެން ދިޔައެވެ.
އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން 15 އަހަރުންދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތް އޮތީ ނޮވެމްބަރު 19 އިން 24 ގެ ނިޔަލަށެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ޑައުން ޓައުން އާއި ކިންގް ސްޕޯޓްސް އާއި ޓޮޕް ފައިޓާސް އަދި އެފްސީ ސޫޕް އެވެ.

”ރެޑްވޭވް” ފިހާރަ އިން ސްޕޮންސަކޮށްގެން ބޭއްވި މި މުބާރާތުގެ މަގުސަދަކީ ކުޑަކުދިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމެވެ. މިއީވެސް ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޑައުންޓައުން އެވެ.

އަހަރުގެ އެންމެ ފަހުންބޭއްވި  މުބާރާތް ކަމުގައިވާ ”ބާ އެޓޯލް ފުޓްބޯލް ޗެލެންޖް 2012 ” އަކީ މިހާތަނަށް އޭދަފުށިގައި ބޭއްވުނު އެންމެ ފެންވަރު ރަގަޅު މުބާރާތެވެ. ޔޫ ސްޕޯޓްސް ގެފަރާތުން އިންތިޒާމްކުރި މި މުބާރާތަކީ މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. ޗެމްޕިއަންޓީމަށް -/25،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/10،000 ރުފިޔާ ހުށަހެޅި މިމުބާރާތުގައި ކަމަދޫ، ކިހާދޫ، ދަރަވަންދޫ، މާޅޮސް، ގޮއިދޫ އަދި އޭދަފުށި ބައިވެރިވި އެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފަސް ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދިނެވެ. އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށްދިނެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތަކީ ފަހުގެ ތާރީޚެއްގައި ރަށުގައި ބޭއްވުނު އެންމެ ފެންވަރު ރަގަޅު މުބާރާތޭ ދެންނެވިދާނެ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި ފުރަތަމަޑިވިޝަންގެ ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން މި މުބާރާތުގައި ރާއްޖޭގެ މޮޅެތި ކްލަބްތަކުގެ ކޯޗުން ފެނިގެން ދިޔައެވެ. އެންމެ ގިނަ ސަޕޯޓަރުން ކުޅިބަލަން އައި، އަދި އެންމެފޯރިގަދަ މުބާރާތެއްގެގޮތުގައި މިމުބާރާތް ވެގެންދިޔައީ އަވައްޓެރި ރަށްރަށުގެ ޓީމުތައް މުބާރާތުގައި ބައިވެރިވުމުންނެވެ. މި މުބާރާތުގެ ފައިނަލްމެޗް ވީ ޓީވީން ލައިވްކޮށް މުޅި ރާއްޖެއަށް ފެނުމުގެ ފުރްސަތު ލިބިގެން ދިޔަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.  މިއީ މިފަދަ މެޗެއް އޭދަފުށީ ދަނޑުން ލައިވްކުރި ފުރަތަމަ ފަހަރުކަން ވެސް ތާޜީޚަށްޓަކައި ލިޔެލަން ޖެހެއެވެ.

ފޯރިގަދަ މެޗްތަކަކަށްފަހު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގޮއިދޫ ޓީމެވެ. އޭދަފުށީ ޓީމާކުޅެ 1 –1 ން އެއްވަރުވުމުން ޕެނަލްޓީޖަހައިގެން 6-7 ންނެވެ. މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހީ ދެ ކުޅުންނަކީ އޭދަފުށީ ޓީމުގެ އަލީ ފާސިރު ( ސެންޓޭ) އާއި އަލީ އަޝްފާގް ( ދަނގަޑޭ) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު 3 ގޯލް ޖަހާފައިވެއެވެ.  މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އަލީ އަޝްފާގް( ދަނގަޑޭ) އެވެ.

ބ. އަތޮޅުގެ ރަށްރަށުގެ ޓީމްތަކުގެ މެދުގައި އެންމެފަހުން ފުޓްބޯޅަ މުބާރާތެއް ބޭއްވުނީ މީގެ ވިއްސަކަށް އަހަރުކުރިންނެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު އެފްއޭއެމް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި  މައިލޯ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެއް ވާދަކޮށްފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މި މުބާރާތުގައި އަހުމަދިއްޔާ ސްކޫލާ ކުޅުނުމެޗް 2-2 ން އެއްވަރުވެ،  ކ. ގުރައިދޫ ސްކޫލާކުޅެ 3-0 ން މޮޅުވެ، ގަލޮޅު މަދަރުސާ އާއިކުޅެ، 3-2 ންމޮޅުވެ، އިމާދުއްދީން ސްކޫލާ ކުޅެ 17-0 ން މޮޅުވެ، ކްއާޓަރ ފައިނަލްގައި ވިލާ ހައި ސްކޫލާ ބައްދަލުކޮށް ޕެނަލްޓި ޖަހައިގެން 3-4 ން މޮޅުވެ ސެމީފައިނަލުން ޖާގަހޯދި އެވެ. ސެމީ ފައިނަލުން ޓީމު ބަލިވީ ދަރުމަވަންތަ ސްކޫލާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއިންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ދަރުމަވަންތަ މޮޅުވީ، އެ ޓީމުގެ ނުވަ ވަނަ ޕެނަލްޓީ ކާމިޔާބުވުމުންނެވެ.

ފުޓްބޯޅަ މުބާރާތުގެ މޫސުން ނިމުނުއިރު، ޖެނުއަރީ 2013 ގައި މަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ރަށުގެ ޓީމެއް ބައިވެރިވެ، ގެންދަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. މިއީ 21 އަހަރުން ދަށުގެ ޓީމެއް މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އަހަރެއްގެ ތެރޭގައި 10 މުބާރާތް ނިމި އަދި ފުޓްބޯޅައިގެ ގިނަ ހަރަކާތްތަކެއް ހާސިލްވެގެން ދިއުމަކީ އޭދަފުށިގައި ފުޓްބޯޅައަށް ޝައުގުހުރިކަން ދައްކުވައިދިން ވަރަށްބޮޑު ހެއްކެކެވެ. އަދި މި މުބާރާތުގެ މަގްސަދު ކަމުގައިވާ ފުޓްބޯޅައިގެ ރޫހް އާލާކޮށް، މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފައްދައި، ކުޅިވަރާއި އިޖްތިމާޢި ރޫހު އާލާކުރުމުގެއިތުރުން ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ކުޅުމުގެ ފުރްސަތު ލިބުމުން މުބާރާތް ބޭއްވި ފަރާތްތަކުގެ މަގްސަދު މި 10 މުބާރާތުން ވަރަށް ރަގަޅަށް ހާސިލުކުރެވިއްޖެކަމަށް ދެކެމެވެ. އަދި މިފަދަ މުބާރާތްތަކުން ފުޓްބޯޅައިގެ ކުރިމަގު އުޖާލާވެ ގިނަ ކުޅުންތެރިން ގައުމީފެންވަރުގައި ފައިތިލަ ސާބިތުކޮށްދޭނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.