ހަޤީޤީ ވާހަކަ: އަހަރެންގެ ދަރިފުޅުވެސް…!

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފާ ނަންތަކާއި އެޑްރެސްތަކަކީ އަސްލު ނަންތަކާއި އެޑްރެސްތަކެއް ނޫނެވެ. އަދި މިއީ ހަޤީޤީ ހާދިސާއެއް ކަމުގައިވީނަމަވެސް ވާހަކައެއްގެ ގޮތުގައި ގެނެސްދިނުމުގައި ބަައެއް ޚިޔާލީ ބައިތައް ހިމަނާފައިވާނެއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ކުޑަކުދިންގެ ބަގީޗާއޮތީ ފުރި ބާރުވެފައެވެ. އެކިއުމުރުގެ ތުއްތު ކުދިންގެ ހަޅޭއްލެވުމާއި ސަކަރާތުގެ އަޑުން މުޅިތަން އޮތީ ގުގުމާލާފައެވެ.  ތުއްތު ކުދިން އެކުދިންގެ މައިންބަފައިން ބެލެނިވެރިން ދައްތައިން ބޭބެއިންނާއެކު ނަލަހެދިގެން އައިސް މަޖާކޮށް ކުޅެހަދާ މަންޒަރު ބަލަން ވަރަށް ހިތްގައިމެވެ. ބައެއްފަހަރަށް ބެލެނިވެރިންވެސް އެކުދިންގެ މަޖަލުގައި ބައިވެރިވެ އުޅޭތަން ފެނެއެވެ. އެހެންނަމަވެސް މިއުފާވެރި ބަގީޗާގެ އެއްކަނެއްގައި ހުރި އަށްޓެއްގައި އިން ޖަމީލާގެ މޫނުމަތިން ފެންނަންހުރީ އުދާސްކަމާއި ނުތަނަވަސްކަމެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ އޭނާގެ 10 އަހަރަށްދާ އާޒިމް އަށެވެ. އާޒިމަކީ ކޮންމެވެސް ވަރަކަށް ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއްކަމުން އޭނާ ބަލާބެލުމަށް ފެންނަނީ އެހެންކުދިންނާ މާއެކަހެރިކޮށް  މަޑުމަޑުން އުޅޭތަނެވެ.

ކުއްލިއަކަށް ޖަމީލާގެ ކައިރިއަށް އައިސް ހުއްޓުނީ އޭނާގެ އެކުވެރި ފަޒީލާއެވެ.  ފަޒީލާގެ އަޑު އިވުމާއެކު ޖަމީލާ ދިޔައީ ސިއްސައިގެންނެވެ. ކޮން ޚިޔާލެއްގަ ތިހިރީ! ފަޒީލާ ސުވާލުކުރިއެވެ. އެވަގުތު ޖަމީލާގެ މޫނުމަތިން ފެންނަން ހުރި ފުންއަސަރު ފަޒީލާއަށް ރަނގަޅަށް ދޭހަވިއެވެ. އަނެއްކާ ކިހިނެއްތަވީ؟ ފަޒީލާ އަވަސް އަވަހަށް ސުވާލުކުރިއެވެ. ޖަމީލާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. ފަޒީ!.. އަހަރެން މިހާރު ހުރިހާ ކަމެއްވެސް ނިންމައިފިން. އަހަރެން މައްސަލަ ހުށަހަޅާނަން. އަހަރެންގެ ދަރިފުޅުވެސް..!! ނަޝާ!  ޖަމީލާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ފޭދޭން ފެށިއެވެ. އެވަގުތު ފަޒީލާ މަސައްކަތްކުރީ ޖަމީލާއަށް ހިތްވަރުދެވޭތޯއެވެ. އެހެންނަމަވެސް ޖަމީލާގެ ހިތަށް ވެރިވެފައިވަނީ އިންތިހާ ނަފްރަތެވެ. ވޭނާއި އުދާހެވެ. މާޔޫސްކަމާއި ހިތްދަތިކަމެވެ.

ދަރިފުޅު ގޮވައިގެން މަންމަމެންގެއަށްގޮސްދީ! އަހަރެން މިދަނީ ފުލުސް އޮފީހަށް. މިހެން ބުނެފައި ބާރުބާރަށް ހިނގާފައި ގޮސް ޖަމީލާ ވަނީ  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށެވެ. ޖަމީލާގެ ހަޔާތުގައިވެސް ފުލުސް އޮފީހަށް އޭނާ ވަތް ފުރަތަމަ ފަހަރެވެ. ހިތްނުތަނަވަސްވެހުރެ އޭނާ ވަށައިގެން ބަލާލިއެވެ. އެވަގުތު އާދައިގެ ހެދުމުގައި ހުރި ފުލުހަކު އޭނާއާ ވާހަކަ ދެއްކިއެވެ. އަދި އޭނާ މައްސަލަ ހުށަހަޅަން ބޭނުން ކަމަށް ބުނުމުން އިރުކޮޅަކު މަޑުކުރުމަށް ބުނުމަށްފަހު އެތަނުން ހިނގައްޖެއެވެ. ކުޑައިރުކޮޅެއްފަހުން ޖަމީލާ ގޮވައިގެން ގޮސް ތަހްޤީޤްކުރާ ކޮޓަރިއަށް ވަނީ އާދައިގެ ހެދުމުގައި ހުރި ޕޮލިސް ކައުންސިލަރެކެވެ. ޖަމީލާގެ ހިތް ތެޅެމުންދެއެވެ. އެއްކޮޅުން އޭނާގެ ފިރިމީހާއެވެ. އަނެއްކޮޅުން އޭނާގެ ދަރިފުޅެވެ. ކޮންމެއަކަސް ޖަމީލާހުރީ އޭނާގެ ނިންމުމާދެ ސާބިތުކަމާއެކުގައެވެ. އެހެންކަމުން ޖަމީލާ ހުރިހާ ވާހަކައެއްވެސް މިއަދު ކިޔައިދޭން ބޭނުންވެއެވެ. ފެންކަޅިވެހުރެ އޭނާގެ ހިތުގެ އުދާސްތައް ކިޔައިދެމުން ދިޔައެވެ.

އެއީ ހިޖުރައިން 1428 ވަނަ އަހަރުގެ ޞަފަރު މަހުގެ ދިހަކެނޑިރެއެވެ. އަހަރެން މަޣުރިބް ނަމާދުކޮށް ނިމިގެން ސިޓިން ރޫމްގައި ޤުރުއާން ކިޔަވަން އިންދާ އަހަރެންގެ ދަރިފުޅު ނަޝާ ގޭތެރޭގައި އިނދެފައި އަހަރެން ގާތު ކޮޓަރިއަށް އައިސްދިނުމަށް އެދުނެވެ. އަހަރެން ދަރިފުޅު ގާތަށް ދިއުމުން އޭނަ އަހަރެން ގޮވައިގެން ކޮޓަރިއަށްވަދެ މަންމަ ގާތު ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުން ކަމަށާއި، އެވާހަކަ ބުނުމުން މަންމަ ރުޅި ނާންނަށްޗޭ ބުންޏެވެ. އެވަގުތު ނަޝާގެ މޫނުމަތިން ފެންނަންހުރި އަސަރުން ކޮންމެވެސް ކަހަލަ ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިތަށް ވެރިވިއެވެ. އެހެންނަމަވެސް ނަޝާ ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން ރުޅި ނާންނާނެކަމަށާއި ދަރިފުޅު ބުނަން ބޭނުން ކޮންމެވާހަކައެއްވެސް ކޮންމެ ވަގުތަކުވެސް މަންމައަޑުއަހާނޭ ކަމަށް ބުނީމެވެ. އެދުވަހު ނަޝާ އަހަރެން ގާތު ބުނި އެންމެ ޖުމްލައަކުން އަހަރެންގެ މުޅި ދިރިއުޅުން ނާއުންމީދުވިއެވެ. ނަޝާ ބުނީ މިހެންނެވެ. ”އައި އޭމް ސެކްޝުއަލީ އެބިއުސްޑް” އެވެ. ރުޅިވެރިކަމާއި މޮޅިވެރިކަމާއެކު އަހަރެން އަވަހަށް ސުވާލުކުރީމެވެ. ދަރިފުޅާއި ޖިންސީގޮތުން ބެހުނީ ކާކުތޯ އާއި އެއީ ކޮންއިރަކުތޯ ސުވާލުކުރީމެވެ. އެވަގުތު ނަޝާ އަހަރެންގެ އަތުގައި ހިފާ ފިއްތާލިއެވެ. އަދި ވަރަށް ލަދުންހުރެ އެއީ ”ބައްޕަ” ކަމަށް ބުންޏެވެ. އެވަގުތު އަހަންނަށް ވީގޮތެއް ބުނެދޭންވެސް ނޭނގުނެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދިޔަހެން ހީވިއެވެ. މޫނުމައްޗަށް އަނދިރިވިއެވެ. އަހަންނަށް ލިބުނު ކުއްލި ހައިރާންކަމާއި ފުން އަސަރުގެ ސަބަބުން އަހަންނަށް ހުއްޓުންއެރިއެވެ. 

އަހަރެންގެ ފިރިމީހާ އެފަދަ ވިޔާނުދާ ޢަމަލެއް އަމިއްލަ ދަރިފުޅާމެދު ހިންގަފާނޭކަމަށް ޤަބޫލުކުރަން އަހަންނަށް ވަރަށް ދަތިވިއެވެ. އެހެންނަމަވެސް ނަޝާ އަހަންނަށް ދޮގެއް ނަހަދާނެކަންވެސް އަހަންނަށް ރަނގަޅަށް އެެނގެއެވެ.

އަދި ނަޝާއަކީ މިހާރު ބޮޑުކުއްޖެއްކަމުން އޭނާއަށް ހުރިހާ އެއްޗެއް ރަނގަޅަށް ވިސްނޭނެކަންވެސް އަހަންނަށް އެނގެއެވެ. އޭރު ނަޝާއަށް ރޮވިފައި ހުރުމުން ގޭތެރޭގައި އިތުރަށް ސުވާލު ނުކުރަންވެގެން ނަޝާ ގޮވައިގެން މާލޭގެ އިރުއުތުރު ފަރާތަށްގޮސް އެތާ ތޮށިގަނޑު މަތީގައި އިށީންދެގެން ތިބެ ނަޝާ އާ އިތުރަށް ސުވާލުކުރީމެވެ. ނަޝާގެ ވާހަކަތަކުން އަހަންނަށް އެނގުނީ ނަޝާ ހަނދާން ހުންނަން ފެށީއްސުރެންވެސް އޭނާއަށް ޖިންސީ  އަނިޔާތައް ލިބެމުންދާކަމެވެ. އަދި މިކަންތައް ކުރަނީ އަހަރެން ގޭގައި ނޫޅޭ ވަގުތުތަކުގައި ކަމަށް ނަޝާ ބުންޏެވެ. އަދި އެންމެ ބޮޑަށް ބެހުނީ ކޮންއިރަކުތޯ ސުވާލުކުރުމުން އެއީ ނަޝާ ގްރޭޑް 7 ގައި އުޅެނިކޮށް ކަމަށް ނަޝާ ބުންޏެވެ.  އޭރު އެ ދަރިފުޅުގެ ޢުމުރުން ވާނީ 12 އަހަރެވެ. މީގެ އިތުރުން ވަރަށް ކުޑައިރުން ފެށިގެން ގޭގައި ހުންނަ ކޮމްޕިއުޓަރުން އޮރިޔާން ފޮޓޯ އާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިޔޯ ބައްޕަ ނަޝާއަށް ދައްކާ ހަދާކަމަށްވެސް ނަޝާ ބުންޏެވެ.

މިހުރިހާކަމެއް މިހާދުވަސް ވަންދެން ދަރިފުޅާމެދު ބައްޕަ ކުރިއިރު މިވާހަކަތައް މަންމަ ގާތު ނުބުނެހުރީ ކީއްވެގެންތޯ ސުވާލުކުރުމުން އަހަރެން ގާތުގައި ނުބުނެހުރީ ބައްޕަ ބުނެގެންކަމަށް ބުންޏެވެ. އަދި މަންމަ ގާތު އެވާހަކަ ބުނެފިނަމަ މަންމަ ހިތްހަމަ ނުޖެހޭނެ ކަމަށާއި މަންމައަކީ ބަލިމީހަކަށްވާތީ އެފަދަ ވާހަކައެއް ބުނާކަށް ނުވާނެކަމަށާއި ކޮންމެ ކުއްޖަކަށްވެސް މިކަންތައްކުރަން އެގެންޖެހޭނެ ކަމަށާއި އަދި ދަސްކުރަންވާނޭކަމަށް ބައްޕަ ނަޝާ ކައިރީ ބުނެފައިވާތީ އެވާހަކަ މަންމަ ގާތު ބުނަން ނުކެރުނީކަމަށް ނަޝާ ބުންޏެވެ. މިވާހަކަތައް ކިޔައިދިނުމުން އަހަހެރެންގެ ދަރިފުޅު އަހަންނަށް ދޮގެއް ނުހަދާނެކަން އަހަންނަށް ޔަޤީންވިއެވެ. އަދި  އަހަރެން ހުންނާނީ ދަރިފުޅާ އެކުގައިކަމަށާއި، މީގެ ފަހުން ދަރިފުޅަށް ބައްޕަގެ ފަރާތުން އެއްވެސް ކަހަލަ އުދަގުލެއް ކުރިމަތިވިޔަ ނުދޭނޭކަމުގެ އިތުބާރު ދަރިފުޅަށް އަހަރެން ދިނީމެވެ. އަދި އެދުވަސްވަރަކީ ނަޝާގެ އޯލެވެލް ދުވަސްވަރުކަމުން ނަޝާ ގާތު އިތުރަށް ސުވާލެއް އަހަރެން ނުކުރަމެވެ.

އެދުވަހުން ފެށިގެން އަހަންނަށް އަބަދުވެސް އުޅެވެނީ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހަންނަށް ނަފްސާނީ ތަފާތު މައްސަލަތައް ދިމާވާން ފެށިއެވެ. އެހެންނަމަވެސް އެވާހަކަތައް އެއްވެސް މީހެއްގެ ކައިރީގައި ދައްކާނެ ހިތްވަރެއްވެސް އަހަންނަކަށް ނުލިބުނެވެ. ޢާއިލާ ބަދުނާމުވާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ. އެހެންނަމަވެސް އަހަރެންގެ ފިރިމީހާގެ ވިޔާނުދާ ޢަމަލު ސިއްރުކުރުމަކީ އޭނާއާ ބައިވެރިވުން ކަމާއި އަދި އެއީ އޭނާއަށް ލިބޭނެ އިތުރު ހިތްވަރެއް ކަމުގައިވެސް އަހަންނަށް ޤަބޫލުކުރެވެއެވެ. އެންމެ ފަހުން ހަދާނެ ގޮތް ހުސްވެގެން އަހަރެން ދެތިން އިލްމުވެރިން ގާތަށްގޮސް އެކަމާބެހޭގޮތުން މަޝްވަރާ ހޯދުމުން އެމީހުން ޚިޔާލުދީފައިއިވަނީ އަވަހަށް އަހަރެން އޭނާގެ ކައިރިން ވަރިވުމަށެވެ. އަހަރެން އެބޭފުޅުންނާ އެކަމާބެހޭގޮތުން ސުވާލުކުރީ ރަށްޓެއްސަކަށް ދިމާވެގެން އުޅޭކަމެއް ކަމަށް ބުނެފައެވެ.

އޭގެ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ނަޝާގެ ބައްޕަ  ރާއްޖެއިން ބޭރަށްގޮސް އެނބުރި މާލެއައެވެ. އޭނާ މާލެ އައުމުން އަހަރެން އޭނަ ދެކެ ވަރަށް ފޫހިވިއެވެ. އަހަރެން ބޭނުންވީ އޭނާގެ ގާތުން ވަރިވާށެވެ. އަހަރެން އޭނާ އާއި ކޮންމެހެން ބުނެލަން ޖެހޭ ވާހަކަައެއް ފިޔަވާ އެހެން ވާހަކަތައް ދެއްކުން މަދުކޮށް، އޭނާގެ ސައިކަލް ފަހަތުގައި އޮފީހަށްވެސް ނުދަމެވެ. އޭނާއާއެކު އެއްކޮޓަރީގައި ނުނިދަންވެގެން އަހަރެންގެ ފިރިހެން ދަރިފުޅު އާޒިމް އެކޮޓަރިއަށް ނިދަން ފޮނުވާފައި އަހަރެން ކުދިން ނިދާކޮޓަރިއަށް ނިދަން ބަދަލުކުރީމެވެ. އަހަރެންގެ ޢަމަލުތައް މިހެން ހުރިކަމުގައިވިިޔަސް އޭނަ އަހަރެންނާ އެއްގޮތަކަށްވެސް ވާހަކަދައްކާ ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ނޫޅޭތީ އަހަންނަށް އުދަނގޫވެގެން އޭނާގެ ގާތު އަހަންނަށް ބަދަލެއް އައިސްފައިވާކަން ފާހަގަ ނުކުރެވޭތޯ އާއި އަދި އެކަން އޮޅުން ފިލުވަން ބޭނުން ނޫންތޯ އެހީމެވެ. މިހެން ބުނުމުން އޭނަ ބުނެފައިވަނީ އަހަންނަށް ބަދަލެއް އައިސްފައިވާކަން އޭނާއަށް ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެންކަން އޭނާއަށް ނޭގޭ ކަމަށެވެ. އެކަމަކު އެކަން އިނގޭނީ އަހަރެންވެސް ވެގެން އުޅޭގޮތެއް ބުނުމުން ކަމަށްބުނެ އިތުރަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭގެ ދެތިން ދުވަސްފަހުން އަހަރެންނަށް ނުހުރެވިގެން އޮފީހުގައި އިނދެފައި އޭނާއަށް ފޯނުން ގުޅާފައި އަހަރެން ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނީމެވެ. އަދި އެވާހަކަ ދައްކަން ބޭނުންވަނީ އެގެއިން ބޭރުގައި ކަމަށްވެސް ބުނެ އޮފީސް ނިންމުމަށްފަހު  ކާނިވަލްތެރޭގައި ހުރި ކެފޭއަކަށް ދިއުމަށް ބުނީމެވެ.

އަދި އެދުވަހު އޭނާ އެތަނަށް އައުމުން ނަޝާ ވާހަކައެއް ދައްކައިގެން އުޅޭކަމަށް ބުނީމެވެ. އަދި އެކަން ވީގޮތް ކިޔައިދިނުމަށް ބުނުމުން އަހަރެން އެވާހަކަތައް ޤަބޫލުކުރީތޯ އޭނަ ބުންޏެވެ. އަދި އޭނައަކީ އެހާގޯސް މީހެއްކަމަށް އަހަރެން ޤަބޫލުކުރަނީތޯ ސުވާލުކުރުމުން، އަހަންނަށް އެނގިފައިވާ މިންވަރަށް އެވާހަކަތައް ކިޔައިދިނުމުން އޭނާ ބުނެފައިވަނީ އަހަރެމެންގެ އާއިލާ ނޫނަސް އެހެން އާއިލާތަކަށްވެސް އެގޮތަށް ދިމާވެފައި ވާކަމަށެވެ. ނަމަވެސް ދެމަފިރިން ވަކިވުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް އޭނާއަށް ނުފެންނަ ކަމަށެވެ. އޭނާ އެހެން ބުނުމުން އަހަންނަށް އޭނާއާއެކު ދެން އިނދެގެން ނޫޅެވޭނެ ކަމަށް ބުނީމެވެ. އަދި އޭނާއަށް ކުރެވިފައިވާ ކުށަށް ތައުބާވުމަށާ، އަދި ދެމީހުން ވަކިވި ނަމަވެސް އަހަރެމެންގެ ދެމީހުންގެ ފިރިހެން ދަރިފުޅު އޭނާގެ ގާތަށް ފޮނުވާނެކަމަށް ބުނީމެވެ. ނަމަވެސް ނަޝާ އާއި ބައްދަލުކޮށްގެން ނުވާނެކަމަށް އަހަރެން ބުނީމެވެ.  އަހަންނަކީ މަންމައަކަށްވެފައި މައިވަންތަކަމުގެ ލަނގޮޑިއަކަށް އެވާހަކަތައް ހަނދާން ނައްތާލުމަކީ ނުވާނެ ކަމެއް ކަމަށާއި އަދި އެފަދައިން ކަންތައް ކުރުން ވެގެންދާނީ އެދަރިފުޅަށްވެވޭ ބޭއިންސާފެއް ކަމުގައި ބުނީމެވެ.

ދުވަސްތައް މާޒިވަމުން ދެއެވެ. އަހަރެންގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އަހަރެންގެ ހިތް އަބަދުވެސް އެދެމުން ދިޔައީ އެނުލަފާ ފިރިމީހާގެ ކިބައިން މިންޖުވުމެވެ. އޭނަގެ ކައިރިން ވަރިވުމެވެ. އެގޮތުގައި ހިތުލައިގެން ހުރުމަށްފަހު އޭގެ ހަފްތާއެއް ފަހުން އެއްދުވަހު އަހަރެން އޭނައަށް ފޯނުކުރީމެވެ. އެދުވަހު އޭނާ ވަރަށް ދެރެވެފައި އަހަރެން ގާތު މަޢާފަށް އެދުނެވެ. އަދި އޭނާ ﷲއަށް ތަޢުބާވެ ފާފަ ފުއްސެވުންއެދި ދުޢާ ދަންނަވާނެކަމަށާއި އޭނާ ދޫކޮށް ނުދިއުމަށް އެދި އާދޭސްކުރިއެވެ. އެހެންނަމަވެސް އަހަރެންގެ ހިތަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރިއެވެ. އަހަރެންގެ ހިތަށް ވެރިވެފައިވާ ނުތަވަސްކަމާއި ރުޅިވެރިކަން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ.

އަދި ހަދާނެގޮތް ހުސްވާ ހިސާބަށް ދިއުމުން ގިނަގިނައިން އަހަރެން ނަމާދުކޮށް ޤުރުއާން ކިޔަވާ ﷲ ގެ ކިބަިއން ކެތްތެރިކަން ހޯދީމެވެ. އަދި މިކަން ސިއްރުނުކުރެވިގެން އެންމެފަހުން އަހަރެންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ފަޒީލާ (އަސްލުނަމެއްނޫން) ގާތުގައި މިވާހަތައް ކިޔައިދިނީމެވެ. އަދި އޭނާގެ ފަރާތުން އަހަރެންގެ މަންމައަށްވެސް މިކަން އެގިއްޖެއެވެ. އަދި އަހަރެންވެސް އަހަރެންގެ މަންމައަށް ވަރަށް ތަފްސީލްކޮށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ ޢާއިލާގެ މީހުންނަށް މިކަންތައް އެނގުމުން އެންމެންވެސް ތިބީ އަހަންނާއި އަހަރެންގެ ދަރިފުޅާއެކުގައި ކަމަށް ބުންޏެވެ. އަދި ޢާއިލާ މީހުންގެ ނުފޫޒާއެކު އަހަންނަށް އެނުލަފާ މީހާގެ ކިބައިން މިންޖުވެވިއްޖެއެވެ.  އޭގެ ފަހުން އޭނާގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކޮށްފިއެވެ.

އޭނާ އަހަރުމެންގެ ދިރިއުޅުމުން ދިއުމުން އަހަރުމެންނަށް ހިތްހަމަޖެހުމެއް ލިބޭނެކަމަށް  އަހަރެން އުންމީދުކުރީމެވެ. އެހެންނަމަވެސް ކަންތައްވީ އަހަރެން ހީކުރި ގޮތަކަށްނޫނެވެ. ފަރުދާގެ އަނެއްފަރާތުގައި ކުރެހެމުންދިޔަ ތަސްވީރު އަހަންނަށް ސިފަވީ އޭގެ ދުވަސްކޮޅެއްފަހުންނެވެ. އަހަރެންގެ ދަރިފުޅު އިނީ ބަލިވެއެވެ. އަހަރެންގެ ދަރިފުޅު……. ޖަމީލާގެ އަޑު ބެދުނެވެ. އަދި އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާހުރެ އޭނާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އެވަގުތު އޭނާ ކައިރީގައި ހުރި ޕޮލިސް ކައުންސިލަރ އޭނާ ހަމަޔަކަށް އެޅުވުމަށް ވާހަކަ ދައްކާ ހިތްވަރުދިނެވެ. ޖަމީލާ ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ ދަރިފުޅު ނަޝާ މިހާރު އެހެރީ އޭނާގެ ބައްޕަގެ ދަރިއަކަށް ބަލިވެއެވެ. އަހަންނަށް މިކަން އެނގުނީ މިއަދު ހެނދުނު ދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟.. މިއީ ކޮންފަދަ އިމްތިހާނެއްތޯއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ހިތްވަރު މުޅިން ބަލިވެއްޖެއެވެ. ދުނިޔެ ދައްކާ ދަޅަތަކަށް ހެއްލިގެންގޮސް އިންސާނަކު ކޮންމެފަދަ ދަރަޖައަކަށްވެސް ވެއްޓިދާނެކަން މިއަދު އަހަންނަށް ޤަބޫލުކުރެވެއެވެ.

އެކަނިވެރިވާ ކޮންމެފަހަރަކު އަހަރެންގެ ބަދު ނަސީބާމެދު ރޮއި ހިތާމަކުރަމެވެ. އަހަރެންގެ ދަރިފުޅަށް އެލިބުނު ގެއްލުންތަކުގައި އަހަރެންގެ އަމިއްލަ ނަފްސުވެސް ކުށްވެރިކުރެވެއެވެ. އަހަންނަށް ކުރިން ވިސްނުނުނަމަ ހާދަހާ ރަނގަޅުވީހެވެ. އޮފީސް ދަތުރުތަކުގައި އަހަރެން ރަށުން ބޭރަށް ދާން އުޅުމުން އެދަރިފުޅު ހާސްވެ ފިކުރުބޮޑުވާ ސަބަބުވެސް އެނގުނީ މާފަހުންތާއެވެ. އޭރު އަހަންނަށް ހީވީ އަހަރެން ދެކެ އެދަރިފުޅުވާ ލޯތްބެއްގެ ސަބަބުން ބޮޑާ ހާކަނީ ކަމަށެވެ. ގްރޭޑް 8 އަކަށް ބަދަލުވުމާއެކު ދަރިފުޅުގެ ކިޔެވުމަށް އައި ހީނަރުކަމުގެ އަސްލަކީވެސް މިއީތާއެވެ. އޭރު އަހަރެން އެދަރިފުޅަށް ނަސޭހަތްދިނީމެވެ. ކިޔަވުމަށާއި މޮޅު ކުއްޖަކަށްވުމަށެވެ. މަންމައާއި ބައްޕަ ފަޚްރުވެރިވާ ކުއްޖަކަށްވުމަށެވެ. އެހަނަސް އެދަރިފުޅުގެ ހަޔާތުގެ އަނދިރިފަރާތް މިނިކަމެތި މަންމައަކަށް އޭރު ނުވިސްނެއެވެ. އެއަށްވުރެ އިތުރަށް ވިސްނާނީވެސް ކިހިނެތްހެއްޔެވެ؟ އެހެންނަމަވެސް އަހަންނަކީ ދަރިންނަށް އިހާނެތި މަޔެއް ނޫނެވެ. އަހަރެންގެ ދަރިން ބަލާ ބޮޑުކުރުމުގައި އިހްމާލެއް ނުވަމެވެ. އަހަރެންގެ ދަރިންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދިނުމަށް އަހަރެން މަސައްކަތްކުރީމެވެ. ދަރިންނަށްޓަކައި އަހަރެން ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ގެއިން ބޭރަށް އެއްވެސް ތަނަކަށް ދާނަމަ އެދާތަނެއް އަހަރެން އަބަދުވެސް ބަލަމެވެ. ދަރިފުޅާއެކު އުޅޭނޫޅޭ މީހުންވެސް ބަލަމެވެ. އެހެންނަމަވެސް އެދަރިފުޅު އުޅޭ ގެއިންވެސް މިކަހަލަ މުސީބާތެއް ކުރިމަތިވާނެއެކޭ އަހަރެންގެ މޮޔަ ހިތަކަށް ނުވިސްނުނީއެވެ. އަހަރެންގެ ފިރިމީހާގެ ފިނޑި ވިޔާނުދާ މިޢަމަލުގެ ސަބަބުން އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދުވެއްޖެއެވެ. އަހަރެން ހުވަފަތްވެއްޖެއެވެ. އަހަރެންގެ ދަރިން ނިކަމަތިވެއްޖެއެވެ. މުޅި ޢާއިލާ ރަށަށް ގިނަވެ ބަދުނާމުވެއްޖެއެވެ.

އަހަރެން މިމައްސަލަ ހުށަހަޅަން ބޭނުންވާ ސަބަބު މިކައިދިނީއެވެ. އަހަރެންނަށް އިންސާފު ހޯދާދޭށެވެ. އަހަރެންގެ ދަރިފުޅު ދިރިއުޅޭނީ ކިހިނެތްހެއްޔެވެ؟ އޭނާގެ ދަރިފުޅު ދުނިޔެއަށް އަންނާނީ ކިހިނެތް ހެއްޔެވެ؟ ޖަމީލާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮަޑަށް އަސަރުކޮށްފައެވެ. އެހެންކަމުން  ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު އޭނާއަށް ދެމުންދިޔައެވެ. އަދި އޭނާ ހުށަހެޅި މައްސަލަ ފުލުސް އޮފީހުން ބަލަން ފެށިއެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން ޖަމީލާގެ ފިރިމީހާ ރާއްޖެއިން ބޭރުގައި ހުއްޓާ ރާއްޖެ ގެނެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ.

އޭގެ އެއްއަހަރު ފަހެވެ. ފުރިހަމަ ކައުންސިލިންގެ އެހީތެރިކަމާއެކު ޖަމީލާ މިހާރު ގެންދަނީ ދިރިއުޅުމާ އަލުން ކުރިމަތިލާން ދަސްކުރަމުންނެވެ. އެހެންނަމަވެސް އޭނާގެ ދަރިފުޅު ނަޝާ ވަނީ ޅައުމުރުގައި މާބަނޑުވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކެއްގައި މިދުނިޔެއަށް އަލްވަދާޢުކިޔާފައެވެ. ޖަމީލާގެ ފިރިމީހާގެ ދިރިއުޅުން މިހާރު ވޭތުކުރަމުން ގެންދަނީ ޖަލުގެ އެކެހެރި ގޮޅިތަކުގައެވެ. އޭނާއަށްވެސް މިހާރު ވަނީ އޭނާއަށް ކުރެވުނު ކުށަށް ތަޢުބާ ލައިދީ ހައްދު ޖަހާފައެވެ. އެހެންނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. އުފާވެރިކަމާއެކު ދިރިއުޅެމުން އައި އެކުޑަކުޑަ ޢާއިލާ ވިއްސިވިހާލި ވެއްޖެއެވެ.  އިންސާނެއްގެ މައްޗަށް ޝައިތާނީ ވަސްވާސް ވެރިވެގެންދާ އެއްސަބަބަކީ ދީނީ އަޤީދާ ބަލިކަށިވުމެވެ. ޝައިތާންގެ ވަސްވާހަށް ހެއްލި ޝަހްވާނީ އެދުންވެރިކަމަށް ގެއްލިގެންދާ ކޮންމެ މީހެއްގެ ނިމުން އަންނާނީ މިކަހަލަ ހިތިގޮތަކަށެވެ.

-ނިމުނީ-

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.