ބ. އެޓޯލް ފުޓްބޯލް ޗެލެންޖް – ދަރަވަންދޫ

2012 ވަނަ އަހަރު ދަރަވަންދޫ ފުޓްބޯޅަ ޓީމު
2012 ވަނަ އަހަރު ދަރަވަންދޫ ފުޓްބޯޅަ ޓީމު

ބޮޑު ޚަރަދެއް ނުކޮށް މިފަހަރުގެ މުބާރާތާއި ކުރިމަތިލާ ދަރަވަންދޫ ޓީމަކީ މިދިޔަ ދެއަހަރުވެސް ފުޓްބޯލް ޗެލެންޖުގައި ވާދަކޮށްފައިވާ ޓީމެކެވެ. ފުޓްބޯޅައިގެ ތާރީޚުގައި ދަރަވަންދޫއަކީ މާގިނަ މުބާރާތްތަކެއް ކުޅުމުގެ ފުރުޞަތު ލިބިފައިވާ ޓީމެއް ނޫނެވެ. ނަމަވެސް އޭދަފުށީ ޓީމު އަށްޑިހައިގެ ފަހުކޮޅު އެއްވަނަ ޑިވިޝަންގައި ވާދަކުރިއިރު، ދަރަވަންދޫއަކީ އަތޮޅުން އޭދަފުއްޓާއި އެންމެ ރަނގަޅު ވާދައެއްކުރި އެއްޓީމެވެ. އެއްވަނަ ޑިވިޝަންގައި އެރަށުގެ ކުޅުންތެރިއަކު ތަމްސީލު ނުކުރިނަމަވެސް ރަށުގެ ބައެއް ކުޅުންތެރިން ދެވަނަ ޑިވިޝަންގައި ކުޅެއެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ އެނަލިސްޓް އަދި ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ނަޒީހުގެ ކޯޗްކަމުގެ ދަށުން ވޭތުވެދިޔަ ދެއަހަރުވެސް ދަރަވަންދޫއަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. 2012 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި އެ ޓީމު ކެޓީ އޭދަފުއްޓާއި ވާދަކޮށް 1-4 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އަދި މިދިޔަ އަހަރުގެ މުބާރާތާއި އަލްވަދާއުކީ ގްރޫޕް ސްޓޭޖުގައި ގޮއިދޫއާއި ކުޑަރިކިލުގެ ފަހަތުން ގްރޫޕްގެ ތިންވަނައަށް ގޮސްގެންނެވެ. މުބާރާތުގެ ތާރީޚުގައި ދަރަވަންދޫ ޓީމުން ވަނީ ޖުމްލަ 7 ގޯލް ޖަހާފައެވެ. އަދި ބައިކޮޅަށް 13 ގޯލް ވަދެފައިވެ އެވެ.

އެކުވެރިކަމުގެ މެޗެއްގައި އޭދަފުށި މައްޗަށް ކުރި ހޯދި ދަރަވަންދޫ ފުޓްބޯޅަ ޓީމު
އެކުވެރިކަމުގެ މެޗެއްގައި އޭދަފުށި މައްޗަށް ކުރި ހޯދި ދަރަވަންދޫ ފުޓްބޯޅަ ޓީމު

މިދިޔަ ދެއަހަރުވެސް އެއްވަނަ ޑިވިޝަން ކުޅުންތެރިންނާއިއެކު މުބާރާތުގައި ވާދަކުރިނަމަވެސް، މިފަހަރު އެ ޓީމު ނިކުންނަނީ އެއްވަނަ ޑިވިޝަނަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއެއް ނުލައެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ރަށުން ބޭރު 3 ކުޅުންތެރިއަކު ޓީމު ލިސްޓުގައި ހިމަނާފައިވާއިރު، ދެން ޓީމުގައި ހިމެނެނީ ދަރަވަންދޫއަށް ނިސްބަތްވާ ކުދިންނެވެ. ނަމަވެސް މިއަހަރު އެއްވަނަ ޑިވިޝަންގެ ތަޖުރިބާ ނިއުރޭޑިއަންޓާއިއެކު ކޮށްފައިވާ އޭދަފުއްޓަށް އުފަން މުޙައްމަދު ސައުދުﷲ ޓީމުގައި ހިމަނާފައިވެ އެވެ. މުޙައްމަދު ވަނީ މިއަހަރުގެ ދިވެހި ލީގުގެ ދެވަނަ ބުރުގައި އޭވައި.އެލް އާއި ވާދަކުރި މެޗްގައި ނިއުރޭޑިއަންޓަށް ކުޅެފަ އެވެ. ދަރަވަންދޫ ޓީމްގެ މެނޭޖަރު އަލީލީ މާޖިދު “އީޓީ” އާ ވާހަކަދައްކަމުން ބުނީ އެއްވަނަ ޑިވިޝަން ކުޅުންތެރިން ގެނެސްގެން މިދިޔަ ދެފަހަރުގެ ނަތީޖާ ރަނގަޅު ނުވުމުން މިފަހަރު ރަށުގައި ތިބި ކުޅުންތެރިންނަށް ފުރުޞަތުދޭން ނިންމީކަމަށެވެ. އޭނާ ބުނިގޮތުގައި ރަށު ކުޅުންތެރިންނަށް އިސްކަންދިނީ ރަށުގައި މާގިނަ މުބާރާތްތަކެއް ނުބޭއްވޭތީއާއި، އެކުޅުންތެރިންނަށް އަތޮޅު ލެވެލްގައި ރަނގަޅު ވާދައެއްކުރުމުގެ މަގުސަދުގައެވެ.

“އެއްވަނަ ޑިވިޝަން ކުޅުންތެރިން ގެނެސްގެން ޓީމާއި ކޮމްބިނޭޝަން ރަނގަޅު ނުވާތީ މިދިޔަ އަހަރުވެސް ބޮޑު ގެއްލުމެއް ދެއްކި. އެހެންވެ މިފަހަރު ވިސްނީ ބޮޑަށް ރަށު ކުޅުންތެރިންނަށް ފުރުސަތުދޭން، އޭރުން އެކުޅުންތެރިންނަށް ރަށުގައި ތިބެގެން ޕްރެކްޓިސްވެސް ކުރެވޭނެ” އަލީ މާޖިދު ބުންޏެވެ.

ގްރޫޕް ސްޓޭޖްގައި އޭދަފުއްޓާއި އެއްގުރޫޕެއްގައި ލައްވާލިޔަސް މާބޮޑު ކަންބޮޑުވުމެއް ނެތްކަމަށް މާޖިދު ބުންޏެވެ. ދޮންފަނާއި ފެހެންދޫ އަކީ އެ ޓީމަށް ބަލިކުރެވިދާނެ ދެ ޓީމުކަމަށާއި، ގްރޫޕްގައި އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ އޭދަފުއްޓާއި ކުޅޭ މެޗްކަމަށް އަލީ މާޖިދު ފާހަގަކުރިއެވެ.

“ކިރިޔާވެސް ވިސްނާލަން ޖެހޭނީ އޭދަފުއްޓާއި ދޭތެރޭ. ފުޓްބޯޅައިގައި އޭދަފުށި އޮތީ އެންމެ ކުރީގަ. އެކަމު އެންމެ ފަހުން ކުޅުން އެކުވެރިކަމުގެ މެޗުން އޭދަފުށީ ދަނޑުގައި އެ ޓީމު ބަލިކުރެވުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. މެނޭޖްމަންޓުން މެކްސިމަމް ދޭނަން” ގްރޫޕް ސްޓޭޖާއި މެދު އުއްމީދު އާ ކުރަމުން މާޖިދު ބުންޏެވެ.

މުބާރާތުގެ ތަށި ހޯދުމުގެ އަޒުމުގައި މިފަހަރުގެ މުބާރާތަށް ކުރިމަތިލާ ދަރަވަންދޫ ޓީމުގައި މިދިޔަ ދެއަހަރުވެސް ޓީމަށްކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އަދި ރަށުން ބޭރުންގެނައި ކުޅުންތެރިންނާއި އެކު ޓީމު އިތުރަށް ވަރުގަދަ ވާނޭކަމަށް އެޓީމުން ބުނެއެވެ. ވޭތުވެދިޔަ މުބާރާތްތަކުގައި ގިނަ ގޯލްތަކެއް ވަދެފައިވާތީ ރަށުން ބޭރުން ކުޅުންތެރިން ގެނައުމުގައި އެ ޓީމުން ބޮޑަށް ވިސްނީ ޑިފެންސަށް ކުޅޭ ކުޅުންތެރިންނަށް އިސްކަންދޭށެވެ.

ޑިފެންސްލައިން ރަނގަޅު ކުރުމަށް އެ ޓީމުން ގެނައި އެންމެ މުހިއްމު ކުޅުންތެރިއަކީ ހައްސާން ޢަބްދުއްލަޠީފް (ބޮބީ) އެވެ. ބޮބީ އަކީ ފަހަކަށް އައިސް އޭދަފުށީގައި އުފެދުނު ޒުވާން އެންމެ ހުނަރުވެރި އެއްކުޅުންތެރިޔާ އެވެ. 2012 ވަނަ އަހަރުގެ މުބާރާތުގައި ބޮބީ ފެނިފައިވަނީ މާޅޮސް ޓީމުންނެވެ. ނަޒީހުއާއި ނުލައި މިފަހަރުގެ މުބާރާތަށް ނިކުންނަ ދަރަވަންދޫ ޓީމްގެ ކޯޗަކީ އެރަށަށް ނިސްބަތްވާ ހުސެއިން ނާޒިމު އެވެ.

ދަރަވަންދޫ ފުޓްބޯޅަ ކްލަބް ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފެހެންދޫއާއެވެ. މުބާރާތުގައި މިހާތަނަށް މި ދެޓީމު ބައްދަލުކޮށްފައެއް ނުވެއެވެ. މި މެޗް ކުޅޭނީ ނޮވެމްބަރ 30 ވަނަ ދުވަހުގެ 1:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    ޓީމް ލިސްޓް ހުށަހަޅާ އަދި އެންމެ ފަހުން ޓިމަށް ބަދަލު ގެނެވޭނެ މުއްދަތުވެސް ފާއިތުވެ ހިނގައްޖެ…
    މިހިސާބަށް އައި އިރުވެސް އީ. ޓީ. އަށް އޭދަފުށީ ޓީމްގެ ޕްރޮފައިލް އެއް ގެނަސް ނުދެވިގެން މިއުޅޭނީ ކީއްވެބާ!!!؟؟؟
    ދެން މިކޮމެންޓްވެސް ނުޖަހާނެ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.