ސަޕޯޓަރުންގެ ހިތްވަރެއް ހުރިއްޔާ ތަށި ދިފާއު ކުރެވިދާނެ

މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި
މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި

ކުރިމަތީގައި އަނެއްކާވެސް މިއޮތީ ފުޓްބޯޅައިގެ ބޮޑު އީދެކެވެ.  މިއަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތް ފެށެން ދެން މިއޮތީ އެންމެ ތިން ދުވަހެވެ. ކުރިން ބޭއްވުނު ދެ މުބާރާތާއި ހިލާފަށް މި މުބާރާތުގެ ފޯރި މާބޮޑަށްވެސް ގަދަވާނެ ކަމުގެ ނިޝާންތައް މިހާރުވެސް ވަނީ ފެންނަން ފަށާފައެވެ. ރަހުމަތްތެރިކަމުގެ މެޗުތަކުގެ ވާދަވެރިކަން އިންތިހާއަށް ބޮޑެވެ ޓީމު ތަކުގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ބަހުސްތައް ހޫނެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކާ ގުޅޭގޮތުން އިވޭ ވާހަކަތައް ގިނައެވެ. ގޮއިދޫ ޓީމުގެ ވަރުގަދަ ވާހަކައެވެ. ކިހާދޫ ޓީމުން ނެރޭ އާދަޔާ ހިލާފު ހިތްވަރުގެ ވާހަކައެވެ. ކުޑަރިކިލު ޓީމުގެ ތައްޔާރީތަކުގެ ފުރިހަމަ ވާހަކައެވެ. ފެހެންދޫ ޓީމުގެ އުއްމީދުތައް މަތި ވާހަކައެވެ. ދޮންފަނާއި ދަރަވަންދޫއިން އޭދަފުއްޓަށް ދޫނުކުރާނެ ވާހަކައެވެ.

ކޮންމެއަކަސް މުބާރާތާއި ގިނަ ޓީމުތަކުން ކުރިމަތިލަނީ ތައްޓަށް އުއްމީދު ކޮށްގެންނެވެ. ގިނަ ޓީމުތަކުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެތައް ދުވަހެއް ކުރިން ފަރިތަކުރުންތައް ވަނީ ފަށާފަ އެވެ. ތަށި ދިފާއުކުރުމަށްޓަޖައި ނުކުންނަ އޭދަފުށި ޓީމުންވެސް އެ މަސައްކަތް ފެށިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މުބާރާތަށް މިރަށު ޓީމުން ތައްޔާރުވުމުގެ މަސައްކަތް ފެށިއިރު ޓީމުގައި ހިމެނޭނެ ކަމަށް ބެލެވުނު ވަރަށް މުހިއްމު ތިން ކުޅުންތެރިއަކު އެހެން ޓީމުތަކާ ގުޅިއްޖެއެވެ. މިކަން ވެގެންދިޔައީ ރަށު ޓީމުގެ ބައެއް ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސް ކަމަކަށެވެ.

އިޝާން އިބްރާހިމް (ސައްޓު) އާއި އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އަކީ މިދިޔަ އަހަރުގެ މުބާރާތް އޭދަފުއްޓަށް ކާމިޔާބުކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިންނެވެ. އެއީ އެކަކަށްވެސް ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މިދެކުޅުންތެރިންނާ އެއް ހަމައެއްގައި  އަހްމަދު ހުމެއިދުގެ ވާހަކަ ނުގެނައީ އޭނަގެ މުހިއްމުކަން ކުޑަވެގެންނެއްނޫނެވެ. ހުމެއިދު އަކީ މިވަގުތު އޭދަފުށީގައިހުރި އެންމެ އުއްމީދީ އެއް ޑިފެންޑަރެވެ. މިތިން ކުޅުންތެރިން ޓީމުގައި ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެކެވެ. އެކަމަކު އެއީ ފޫނުބެއްދޭނެ އުނިކަމެއް ކަމަކަށް ފުޓްބޯޅައަށް މަރުދޭ މިރަށުގެ ބައެއް ސަޕޯޓަރުން ގަބޫލެއް ނުކުރެއެވެ. އަޅުގަނޑަކީ އޭގެ ތެރެއިން އެކަކެވެ. އެގޮތަށް ގަބޫލު ނުކުރެވޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ.

1486712_564372150304471_851881214_n

މިފަހަރަގެ މުބާރާތުގައި ވާދަކުރާ އޭދަފުށިގެ ޓީމުން އެންމެ ފާހަގަ ކޮށްލެވޭ އެއް ޑިޕާޓްމަންޓަކީ ޓީމުގެ އެޓޭކިން ލައިން އަޕް އެވެ. އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހުސައިން ޝިމާޒު (ކޮކީ) ހިމަނައިގެން އުފައްދާފައިވާ ފޯވާޑް ލައިނަކީ ކޮންމެ ވަގުތެއްގައިވެސް މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވިދާނެވަރުގެ ގާބިލުކަންހުރި ނުރައްކާތެރި ފޯވަޑް ލައިނެކެވެ. ސެންޓޭއަކީ އަނިޔާ ވުމާއި ހަމަޔަށް މިއަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބޭނެ ކަމަށް ގިނަ ބަޔަކު ބަލަމުން އައި ކުޅުންތެރިޔާއެވެ. ސެންޓޭ އަށް އެންމެ ފަހުން ކުރިމަތިވި އަނިޔާ އިން ފުރިހަމައަށް ރިކަވާ ވެއްޖެނަމަ އޭނާގެ ފަރާތުން މިދިޔަ އަހަރަށްވުރެވެސް މޮޅު ކުޅުމެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

ހަމްޕު އަކީ ހަވީރުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެންމެ ވާދަކުރާ އެއް ކުޅުންތެރިޔާއެވެ. މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތަށް ހަމްޕް ނިކުންނާނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ރަގަޅު ތަޖުރިބާއެއް ހާސިލްކޮށްފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނިއުރޭޑިއަންޓްގައި އޭނާ މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ހަމްޕުގެ ފަރާތުން ތަފާތު ދައްކުވައިދޭވަރުގެ ކުޅުމެއް މި މުބާރާތުގައި ފެނިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެވެއެވެ. ދެން ހުރީ ކޮކީ އެވެ. ކޮކީއަކީ މިދިޔަ އަހަރު ކިރިޔާ ރެލިގޭޓްނުވެ ސަލާމަތްވި ވިކްޓްރީ މިއަހަރުގެ ދިވެހި ލީގުގެ ގަދަ ހަތަރަކަށް ގެންގޮސްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރި އެ ކްލަބްގެ ހީރޯ އެވެ. އޭނާއަށް އޭދަފުށީގެ ދަނޑަކީ ފަރިތަ ދަނޑެކެވެ. ރަށަށް މާގިނައިން އައިސް ނޫޅުނު ކަމަށް ވިޔަސް ކޮކީ އަކީ ރަށަށްޓަކައި ކަށިން ހިތްވަރު ނެރެގެން ކުޅޭނެ ކުޅުންތެރިއެއް ކަމާމެދަލު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

އޭދަފުށި ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މިދިޔަ އަހަރުވެސް މުހިއްމު ދައުރެއް އަދާކުރި މުހައްމަދު ފާސިރު (ފާއްޓޭ) އާއި މުހައްމަދު ސިޔާމް (އޮޑި) ގެ ތަޖުރިބާގެ އިތުރުން އަނަސް މުހައްމަދު ގެ ހުނަރު އެކުވުމުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޓީމުގައި އޮތް މިޑްފީލްޑް ލައިންވެސް ވަރުގަދަ ވާނެ ކަމަށް ގަބޫލުކުރެވެ އެވެ. މީގެ އިތުރުން މިފަހަރުގެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރު ރިލުވާން ވަހީދު ހިމަނާފައިވުމީ ޓީމުގެ ޑިފެންސް ލައިނާ މެދު ސަޕޯޓަރުންނަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ސަބަބެކެވެ. އެއާއެކު މިވަގުތު އޭދަފުށީގައި ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރު ކަމަށްވާ ޢަބްދުﷲ އަބޫބަކުރު (ކަނޫޓޭ) ޓީމުގައި ހިމެނިފައި ވުމަކީ އޭދަފުށީގެ ޑިފެންސް ލައިން މިއަހަރުވެސް ވަކި ބަލި ނުވާނެ ކަމަށް ގަބޫލުކުރެވޭ އެއް ސަބަބެވެ.

1238093_564371813637838_1210578982_n

މިހުރިހާ ކަންކަމަށް ބަލާއިރު މިދިޔަ އަހަރު ބައިވެރިވި ޓީމަށްވުރެ މިއަހަރުގެ މުބާރާތުގައި އޭދަފުށިން ވާދަކުރަން ނުކުންނަ ޓީމުގެ ފެންވަރު ރަގަޅުވުމުގެ ފުރުސަތު އެބައޮތެވެ. ޓީމަށް އިތުރަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރެވެ. އަމިއްލަ ދަނޑުގައި ކުޅޭ އިރު މިރަށުގެ ކޮންމެ ރައްޔިތަކަށްވެސް ޓީމަށް ސަޕޯޓްކުރަން ދިއުމަކީ އުދަގޫ ކަމަކަށް ނުވާނެއެވެ. ހަމައެކަނި ދަނޑަށް ދިއުމަކުންވެސް ނުފެދެއެވެ. އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ އަޑަށްވުރެ އަޅުގަނޑުމެންދޭ ސަޕޯޓްގެ އަޑު ގަދަވާން އެބަ ޖެހެއެވެ. މިކަމުގައި އޭދަފުށި ޓީމުގެ ސަޕޯޓަރުން އުޅެނީ ވާދަވެރި ޓީމްތަކުގެ ސަޕޯޓަރުންނަށްވުރެ ތަންކޮޅެއް ފަހަތުގަ އެވެ. އަޅުގަނޑުމެން ރަގަޅުކުރަންވީ އެކަމެވެ. އެންމެ ބޮޑަށް ތައްޔާރުވާންވީވެސް ހަމަ އެކަމަށެވެ. ޓީމަށް ސަޕޯޓް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކްލަބް ޖަމިއްޔާތަކުން ގުޅިގެން މަސައްކަތް ފަށަމާ ހިނގާށެވެ. ބެރުތައް ތައްޔާރުކުރަމާ ހިނގާށެވެ. ސަޕޯޓަރުންގެ ޖޯޝް އިތުރު ކުރުމަށް މަސައްކަތްކުރަމާ ހިނގާށެވެ. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަގީންވާ އެއްކަމެއް ދަންނަވާފާނަމެވެ. ސަޕޯޓަރުންގެ ހިތްވަރެއް ހުރިއްޔާ ތައްޓަކީ އިރާދަކުރެއްވިއްޔާ މިފަހަރުވެސް އޭދަފުށީގެ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    ހުޅަނގެއް އިރުމަށްޗެއް ދެކުނެއް އުތުރެއް ކިޔާނެ ކަމެއްނެތް… އޭދަފުށިން ނަގާފަ މިއޮތީ މިހާރު ތިޔަބުނާ ހުރިހާ އަވަށެއް ހިމަނައިގެން ނެގޭން އެންމެ ވަރުގަދަ ޓީމް… ތިބުނާ ކޮންމެ އަވަށެއްގަ ކިހާދޫގެ އާބާދީގެ 2 ގުނަ ތިއްބަސް ޖެހިލުމެއް ނުވާނެ… މިފަހަރު ދެން އޭދަފުށި ޓީމް އާއެއްފަޅިއެއްގައެއްނޫން މިއޮތީކީ… ކުޅެލީމަ ނަތީޖާ އެންގޭނީ… ބަލި ނުކުރެވޭވަރު ޓީމެއްނޫން ތި އޭދަފުށި ޓީމަކީ… އިއްޔެވެސް ކިރިޔާ ފެހެންދޫ އަތްދަށުނުވެ ސސަލާމަތް ވީ..

    ރައްދު
  2. Silsim

    Kihaadhoo ބަތްޕޮޅި އަށް ބުނެލަން އޮތީ ހުޅަނގު އަވަށު ޓީމުތައް ވަނީ ތިޔަކިޔާ ފަސްޓްޑީވިސަންގަ ކުޅޭ ކުޅުންތެރިން ކުޅުނު ޓީމުތަށް ބަލިކޮށް ތަށި ނަގާފައޭ.
    އޭދަފުށީގައި އަދިވެސް ރަސްކަން ކުރަނީ ހުޅަނގު އަވަށު ކުޅުންތެރިންނޭ.
    މިހާރު އެހެން އެއްވެސް އަވަށެއްގެ ޓީމެއް ހުޅަނގުއަވަށު ކުޅުންތެރިން ނުލައި ކާމިޔާބެއް އަދި ޓީމުވެސް ހަމަ ނުވެޔޭ.
    މިދިޔަ އަހަރު އޭދަފުށި، ކެންދޫ 7-0 ކުން ބަލި ކޮށް، ތަށިހޯދީ ސައްޓު އަދި މަޖިއްޓެގެ ވެސް މޮޅު ކުޅުމުންނޭ.
    މި ކުޅުންތެރިން ތިއްބަ ނުޖެހެޔޭ ދަގަޑޭ އެއް ދެން އެހެން މީހަކުވެސް ގެންނާކަށް.
    އޭދަފުށި ޓީމު މިދިޔަ އަހަރު ހޯދިކަހަލަ ބޮޑު ކާމީޔާބީއެއް ހޯދަންޔާމު ވަކި ވަކި ބައެއްގެ ނޫފުޒުން ޓީމު ސަލާމަތް ކުރަންޖެހެޔޭ.
    ކިހާދޫ ގެ ފެންވަރުވެސް އިނގޭނެ ހުޅަނގު އަވަށު ފުލްޓީމާ ކުޅެލީމަ.

    ރައްދު
  3. Kihaadhoo ބަތްޕޮޅި

    ދަގަނޑޭ، އުމޭރު، ސެންޓޭ… ޤައުމީ ޓީމްގެ ފޯރަވާޑްލައިން އެއްކޮށް ތިބި އަހަރުވެސ ފައިނަލްގަ ގޮއިދޫ އަތުން މޮޅު ނުވެވިފަ އޮތީ ދޯ؟؟؟ މިހާރުދެން ސެންޓޭ، ހަންޕް ، ކޮކީ އޭކިޔަކަސް މެޔެއް ނުކަރާނެ…

    ރައްދު
  4. Kihaadhoo ބަތްޕޮޅި

    ރަނގަޅު ވާހަކަ ތަކެއް އެބަހުރި ރިޕޯރޓްގައި.. ގައުމީ ޓީމާއި 1 ނަވަ ޑީވިޝަންގައި ކުޅޭ ކުޅުންތެރިން އަދި ރާއްޖޭގެ ފުޓްބޯޅަ ތަރިން އޭދަފުށީ ޓީމްގައި އެބަތިބި…. ބަތްޕޮޅި ޓީމް ބަލި ނުކުރެވިގެން ޕެނަލްޓީ އަށް ދާންޖެހުނީވެސް ބަކާ، ޖަމްބެ (ރަންޒަމާނުގައި)، ނިޔާ ފަދަ ވަރުގަދަ ކުޅުންތެރިން ތިބެގެން… އޭދަފުށީ ދަނޑުގައި ނަބީ، ފައްޒަ، އަޔާ، މިކުޅުންތެރިންނަށް ނުހެދުނު އެއްޗެއް ތިޔަބުނާ މީހުނަކަށްވެސް މުބާރާތުގައި ހެދިފައެއްނެތް….
    އަމުދުން ސަޕޯރޓަރުންގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ….. އޭދަފުށީގެ އާބަދީ ކިހާދޫގެ އާބާދީ އަށްވުރެ ހަގުނަ ބޮޑުވާނެ… އަމުދުން އޭދަފުށި އެންމެނަށްވެސް މެޗްބަލަން ދެވޭނެ… މިކަންކަން މިހެން އޮތަސް ރަށްރަށުން އަންނަ ހައެއްކަ ސަޕޯރޓަރުން ވެސް މާ އަޑުގަދަވާނެ… މިކަމުގައި އަބްދުﷲ އަޝްރަފް އާއި އެއްބަސް…

    ރައްދު
  5. Rameez

    ޓީމުން ސައްޓު، ހުމެއިދު އަދި މަޖިއްޓެ ނުކުޅެން ނީންމީ ތިޓީމުގެ ދޯދިޔާ ނިންމުން ތަކުން.
    ފުރަތަމަ ތިކަމުގައި އޭދަފުށި ކައުންސިލް ވަނީ ފެއިލްވެފަ.
    އަޅުގަނޑު މިފަހަރު ގޮއިދޫ ޓީމާއެކު.

    ރައްދު
  6. ބަތްޕޮޅި

    އޭދަފުށީގައި ކިތަންމެ ތަޖުރިބާކާރުން ތިއްބަސް ތިޔަކަމެއް މިފަހަރަކު ނުވާނެ މީ ބަތްޕޮޅިންގެ ފަހަރު، މާނު ، އިކު، އަޔާ، ފައްޒަ، ފަޔާ، ފައި، ނަސީ، ރެޓޭ، ބާބި، މިކުޅުންތެރިން ހިފަހައްޓާލުމަކީ އުދަގޫ ކަމެއް!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.