
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ ހޯމަ ދުވަހު ކޯސްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާ ވިލާ ކޮލެޖުން ބުނެފި އެވެ.
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ފަށާ ކޯސްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ބަހިއްޔާ ޕްރީ ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު އަޒީމް ހާރޫން ވިދާޅުވީ ވިލާ ކޮލެޖުގެ ކޯސްތަކެއް އޭދަފުށީގައި ފެށިގެން ދިއުމަކީ މިރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭދަފުށީގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވިގެން ދިއުމަކީ ދަރިވަރުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް އަޒީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭދަފުށީ ކެމްޕަހުގައި އަންނަ ހަފްތާގައި ފަށާނީ އައިޓީ އާއި ބިޒިންސް އެޑްމިނިސްޓްރޭޝަން ގެ ސެޓްފިކެޓް ލެވްލް ތިނެއް އާއި ފައުންޑޭޝަން ކޯސްތައް ކަމަށެވެ. އަދި މިއަހަރުގެ މެއިމަހުތެރޭ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީ ކޯސްތަކެއް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަޒީމު ވިދާޅުވި އެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ރަޖިސްޓްރީކުރަން ޖެހެއެވެ.
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ބުނީ، ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ އޯލެވެލް ހަދާފައިވާ ދަރިވަރުންނަށް ކަމަށާއި އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވެވޭނީ އޯލެވެލް އިމްތިހާނުގައި މަދުވެގެން ތިން މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް ކަމަށެވެ. އަދި ޑިގްރީ ކޯސްތަކުގައި ބައިވެރިވެވޭނީ އޭލެވެލް ދެ މާއްދާއިން އީ ގްރޭޑަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ކަމަށްވެސް އެ ކެމްޕަހުން ބުންޏެވެ.

ތިޔައީ މުޅި ބ.އަތޮޅަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ވިލާކޮލެޖްގެ މެނޭޖްމަންޓަށް ވަރަށްބޮޑަށް ޝުކުރިއްޔާ .