ސްޓޭޓް މިނިސްޓަރ ތިލްމީޒާ ބ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވައިފި

ސްޓޭޓް މިނިސްޓަރ ތިލްމީޒާ ހުސައިން މާޅޮހަށް ވަޑައިގަތުމުން އެރަށުގެ އިސްވެރިން އެކަމަނާއަށް މަރުހަބާ ދަންނަވަނީ. ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތުމަށްފަހު މިއީ އެކަމަނާ ބ. އަތޮޅުގެ ގިނަރަށްރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު. ފޮޓޯ: އީޓީ އޮންލައިން މުހައްމަދު އަފްރާހް

އުތުރު ޕްރޮވިންސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް، އެޕްރޮވިންސްގެ ބައެއް އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅުގެ އުތުރުބިތުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވައިފިއެވެ.
މިއަދު ހެނދުނު އޭދަފުށިން ފެށި މިދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ ތިލްމީޒާ ހުސައިން އުތުރުބިތުން ދަތުރުކުރެއްވި ރަށްރަށަކީ އޭދަފުށި، މާޅޮސް، ދަރަވަންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ އަދި ކުޑަރިކިލުގެ އިތުރުން ކެންދޫއެވެ. ބ. އަތޮޅު އޮފީހުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރަށްރަށުގެ ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ހޯއްދެވުމުގެ ގޮތުން މިނިސްޓަރ ކުރައްވާ މިދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ، ރަށްރަށުގެ ސަރުކާރު ދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުންގެންދަވާފައިވާކަމުގައެވެ.
މިނިސްޓަރގެ މިދަތުރުފުޅުގައި މިރޭ މިއަތޮޅު ތުޅާދޫގައި ރޭކުރެއްވުމަށްފަހު މާދަމާ ހެނދުނު ހިތާދުއަށް ވަޑައިގަންނަވަގޮތަށްވެސް ހަމަޖެހިފައިވެއެވެ. އެކަމަނާގެ ދަތުރުފުޅުގައި ފަޅުތެރެއަށް ވަޑައިގަންނަވާގޮތަށް އަދި ހަމަޖެހިފައިނެތްކަމަށް އަތޮޅު އޮފީހުން ވިދާޅުވެއެވެ.

— ބ. އޭދަފުށިން އަބްދުލްގައްޔޫމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.