މާޅޮހު ސިއްޙީ މަރުކަޒު ހުޅުވައިފި

ސްޓޭޓް މިނިސްޓަރ ތިލްމީޒާ ހުސައިން ސިއްޙީ މަރުކަޒުގެ ބައެއް މުއައްޒަފުންނާ ބައްދަލު ކުރައްވަނީ.–ފޮޓޯ / މުހައްމަދު އަފްރާހް

ބ. މާޅޮހު ސިއްޙީ މަރުކަޒު މިއަދު ހެނދުނު ހުޅުވައިފި އެވެ. މިއަދު މާޅޮހުގައި އޮތް މި ރަސްމިއްޔާތުގައި ސިއްޙީ މަރުކަޒު ހުޅުވައިދެއްވީ އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ތިލްމީޒާ ޙުސައިން އެވެ.
މި ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ އަޙުމަދު ވަޙީދު ވިދާޅުވި ގޮތުގައި މާޅޮހު ހެލްތް ޕޯސްޓް ހިއްޙީ މަރުކަޒަކަށް ބަދަލުވި ފަހުން މިހާތަނަށް ހިންގަމުން އައީ އަމިއްލަ މީހެއްގެ ގެ ކުއްޔަށް ހިފައިގެން ދަތި އުދަގޫ ޙާލުގައި ކަމުގައިވިއަސް، މިއަދު މި ހުޅުވުނު ފުރިހަމަ ޢިމާރާތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާ ރައްޔިތުންނަށް ހިނިތުންވުމާއެކު ޚިދުމަތް ދިނުމަށް އެދިވަޑައިގަތެވެ.
” އަޅުގަނޑު ގަބޫލުކުރަން މީގެ ކުރީގަ މިރަށުގެ ސިއްޙީ މަރުކަޒު ހިންގި ޢިމާރާތަކީ އެހާ ރަގަޅު ތަނެއް ނޫންކަން. އެތަނުގެ ދަތިކަމާހުރެ އެތައް ކަމެއް ނުކުރެވި އެބަހުރި. އެހެން ނަމަވެސް މިއަދު މިހުޅުވުނު ޢިމާރާތަކީ ހަމަ ގައިމުވެސް ޖާގައިގެ ގޮތުން ތަނަވަސް ތަނެއް. މުއައްޒަފުން އޭރާ އަޅާ ބަލާ އިރު މިހާރު ގިނަވާނެ. އެހެންވީމަ، ޢިމާރާތާ އެއްވަރަށް ތަނުން ދެވޭ ޚިދުމަތްވެސް ޖެހޭނެ ތަނަވަސް ވާން. މިބުނީ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ވާހަކައެއް ނޫން. މިތަނަށް ޚިދުމަތް ހޯދަން އަންނަ ބަލި މީހުންނަށް ކުރިއަށްވުރެ ބޮޑަށް އަޅާލާ، ކަމޭ ހިތަން ޖެހޭނެ. އޯގާތެރިވާން ވާނެ” ބ. އަތޮޅަށް ސިއްޙީ ރޮގުން 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ މިއަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ ވަޙީދު ވިދާޅުވި އެވެ.
އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ތިލްމީޒާ ދެއްކެވި ވާހަކައިގާ ” އަދުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީންކަން” އެރުވިއެވެ. އަދި މިއަންނަ އަހަރު ނިމުމުގެ ކުރިން މަދަނައިގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭސް ފަރުވާ ކޮއްދޭނެ ކަމަށާއި ބޭސް ސިޓީ ހިފައިގެން އަމިއްލަ މީހުންގެ ގާތަށާއި ސަރުކާރަށް ސަލާން ޖަހަން ދާން ނުޖެހޭނެ ކަމުގައިވެސް އެކަމަނާގެ ވާހަކައިގާ ވިދާޅުވި އެވެ.
” އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދާނަން. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ ސަރުކާރުން ރައްޔިތުންނަކަށް އޮޅުވައެއް ނުލާނަން. އަދި ދަންނަވަން ބޭނުން މިއަންނަ އަހަރު ނިމުމުގެ ކުރިން މަދަނައިގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ. އެއްގޮތަކަށްވެސް ބޭސް ސިޓީ ހިފައިގެން އަމިއްލަ މީހުން ގާތަށް ނުވަތަ ސަރުކާރުގައި ސަލާން ޖަހަން ދާކަށް ނުޖެހޭނެ” އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ތިލްމީޒާ ފުރަތަމަ ފަހަރަށް މާޅޮހަށް ވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އަދިވެސް އިތުރަށް އެކަމަނާގެ ވާހަކައިގާވެސް ތަނުން ޚިދުމަތް ލިބިގަންނަން އަންނަ މީހުންނަށް ވީހާވެސް ކަމޭ ހިތައިގެން ޚިދުމަތް ދިނުމަށް އެދިވަޑައިގަތެވެ.
މި ރަސްމިއްޔާތަށް ފަހު ރަށު އޮފީހާއި އިންޖީނުގެ ބައްލަވާ ލައްވާ، މިރަށުގައި ތިބި އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެމްބަރުންނާ ބައްދަލު ކުރެއްވި އެވެ.

— ބ. މާޅޮހުން މުޙައްމަދު އަފްރާޙް އަދި މުޙައްމަދު ޙަމްދޫން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.