“ސިމްޕްސަންސް”ގެ ސްޓޭމްޕް ސެޓެއް ނެރެފި

ސިމްޕްސަންސްގެ ސްޓޭމްޕް ސެޓް

އެމެރިކާގައި ފުރަތަމަ ފަހަރަށް ޓީވީ ސީރީޒަކަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން ސްޓޭމްޕް ސެޓެއް ނެރެފި އެވެ.

އެމެރިކާގެ ޕޯސްޓަލް ސާވިސް އިން ނެރުނު 5 ސްޓޭމްޕްގައި ވަނީ “ދަ ސިމްޕްސަންސް” ކާޓޫން ސީރީޒްގެ 5 ތަރިންނެވެ. އެއީ އެއް އާއިލާ އަކަށް ނިސްބަތްވާ ހޯމަރ، މާރޖް، ބާޓް، ލީޒާ، އަދި މެގީ ސިމްޕްސަނެވެ.

1989 ގައި ފެށި މި ސީރީޒް ނެރޭތާ މިއީ 20 ވަނަ އަހަރެވެ. އަދި އެހެންކަމުން ދަ ސިމްޕްސަންސް ވެފައި ވަނީ އެމެރިކާގެ ޓީވީގައި އެންމެ ދިގު މުއްދަތަކަށް ދައްކަމުން އަންނަ ސީރީޒް އަށެވެ. މީގެ އިތުރު 2 ސީޒަނެއް ނެރުމަށް ފޮކްސް ޓީވީން މިހާރު ވަނީ ނިންމައިފަ އެވެ.

ދަ ސިމްޕްސަންސް އިން ދައްކައިދެނީ އެމެރިކާގެ މެދުފަންތީގެ އާއިލާއެއް ދިރިއުޅުމައިގެން ކުރިއަށް ދާ ގޮތެވެ. މިއީ ކުޑަކުދިންނެކޭ އެއްގޮތަށް ބޮޑެތި މީހުންނަށް ވެސް ވަރަށް ކަމުދާ، އެތައް އެވޯޑެއް ވެސް ލިބިފައިވާ ކޮމެޑީ ސީރީޒްއެކެވެ. މިއާއެކު ދަ ސިމްޕްސަންސް ވެފައި ވަނީ އެމެރިކާގެ ސަގާފަތް ދައްކުވައިދޭ މުހިންމު ބަޔަކަށެވެ. އަދި އެމެރިކާ މީހުން އެންމެ ލޯބިވާ އާއިލާއަށެވެ.

ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ޖޭމްސް އެލް. ބްރޫކްސް ބުނީ ޕޯސްޓް އޮފީހުން އާއްމު ގޮތެއްގައި ސްޓޭމްޕްގައި ޖަހަނީ ނިޔާވެފައިވާ ޝަރަފު ހައްގު މީހުން ކަމަށް ވިޔަސް، މި ފަހަރު ޓީވީގައި ދައްކަމުން އަންނަ ޝޯއެއްގައި ހިމެނޭ ޝަހުސިއްޔަތުތަކެއް ސްޓޭމްޕްގައި ޖެހުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެމެރިކާގެ ހަގީގީ ދިރިއުޅުން ސިމްޕްސަންސްމެންގެ ހަޔާތުން ފެނިގެންދާ ގޮތް އެމެރިކާގެ ރައްޔިތުން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.