ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅިގެން ކްލަބް އޭދަފުށިން މިރަށުގައި ބެޑްމިންޓަން މުބާރާތެއް ފަށައިފިއެވެ.
އޭދަފުށި ބެޑްމިންޓަން ޗެލެންޖު ގެ ނަމުގައި މިއަދު ހަވީރު ފެށި މި މުބާރާތުގައި 31 ކުޅުންތެރިން ވާދަކުރެއެވެ.
ކްލަބް އޭދަފުށިން ބުނި ގޮތުގައި މި މުބާރާތުގެ މަގުސަދަކީ އޭދަފުށީގައި ބެޑްމިންޓަން ކުރިއަރުވައި އަދި މި ކުޅިވަރު ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މުބާރާތްކުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.
މި މުބާރާތުގައި ޓީމު އިވެންޓްގެ އިތުރުން ފިރިހެން އަދި އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސް މެޗުތައް ކުޅޭނެ އެވެ. މެޗުތައް ކުޅެނީ ހަވީރާއި ރޭގަނޑު އޭދަފުށީ ޔޫތު ސެންޓަރު އިންޑޯ ބެޑްމިންޓަން ކޯޓްތަކުގަ އެވެ.
ހަފުތާއެއްހާ ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އޭދަފުށީގައި ބެޑްމިންޓަން އެއްވެސް މުބާރާތެއް ބާއްވާފައިނުވާއިރު މި މުބާރާތަކީ އޭގެ ފަހުން އިންތިޒާމުކުރާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ.