އޭދަފުށި ކަޕް: ވެލާ ސްޕޯޓްސް ކްލަބުން ހުސް ސޮނގުން ބަލިކޮށްފި

ލަނޑެއް ޖެހުމަށްފަހު ވެލާ ސްޕޯޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ — އީޓީ ފޮޓޯ/ އިބްރާހިމް ނަޒީހް

އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވެލާ ސްޕޯޓްސް ކްލަބުން 2-1 އިން ހުސް ސޮނގުން ބަލިކޮށްފި އެވެ.

މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވެލާ ސްޕޯޓްސް ކްލަބުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖެހީ ވެލާ ސްޕޯޓްސްގެ މުހައްމަދު ފަޔާޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލާ ޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލް ސަލާމް ހާމިދު އެވެ.

މެޗުގެ ދެ ވަނަ ހާފު ހުސް ސޮނގުން ޓީމުން ފެށީ ބަދަލުތަކަކާއި އެކު އެވެ. މި ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ހުސް ސޮނގުން ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އިބްރާހީމް ނާއިޝް އެވެ. ގޯލެއް ޖެހުމަށް ފަހު ހުސް ސޮނގުން ޓީމުން ވަނީ އެޓޭކް ވަރުގަދަކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. ވެލާ ސިޓީން ދިޔައީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުގައި އިތުރު ގޯލެއް ޖަހަން މަސައްކަތްކުރަމުންނެވެ. މި ހާފުގެ ފަހުކޮޅު ހުސް ސޮނގުން ޓީމަށް ގޯލަށް ޖަހަން ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. އަދި ވެލާ ސްޕޯޓްސް އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހުސް ސޮނގުން ޓީމުގެ ގޯލްކީޕަރު އަހުމަދު ޝާހިދު ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާ އިން ހޯދި މޮޅުގައި މުހިއްމު ދައުރެއް އަދާކުރި އެޓީމުގެ ކެޕްޓަން ޝާހީ މޫސާ (ހިތޭ) އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ބީކޭ ފުޓްބޯޅަ ކްލަބެވެ.

އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބެއް ކަމަށްވާ ކްލަބް އޭދަފުށިން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. މީގެ އިތުރުން ލޮޓަސް ފިހާރަ އާއި އޭދަފުށީ ޖީ9 ޓްރޭޑާސް އަދި ޖާޒިއާ އިން މި މުބާރާތަށް އެހީތެރިވެދެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.