އޭދަފުށި ވެޓަރަންސް އާއި ބީކޭ ވާދަކުރި މެޗު އެއްވަރު

މިއަދު ހަވީރު ބަނަފްސާ ކަންމަތި އާއި އޭދަފުށި ވެޓަރަންސް ބައްދަލުކުރި މެޗުގައި ވެޓަރަންސްގެ ތޮލާލު ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ– ފޮޓޯ: ރަޔާން ފޮޓޯސް (އިބްރާހިމް ނަޒީހް)

އޭދަފުށީގައި މިހާރު ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ބީކޭ ފުޓްބޯޅަ ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.  

މެޗަށް ނުކުތް ބީކޭ ޓީމު އެކުލަވާލާފައިވަނީ އޭދަފުށީޣެ ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު އެވެ. ވެޓަރަންސް ޓީމުގައި އޭދަފުށީގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން މަދު ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. މިއަދުގެ މެޗު ފަށައިގެން ކުރީކޮޅު ބީކޭ ޓީމުން ރަނގަޅަށް ކުޅެ 15 ވަނަ މިނެޓުގައި ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުހައްމަދު މާހު އެވެ. ބީކޭ އިން ލީޑު ނެގުމުން ވެޓަރަންސް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.

ބީކޭ އާއި ވެޓަރަންސް ބައްދަލުކުރި މެޗުގެ ތެރެއިން؛ ރަޔާން ފޮޓޯސް (އިބްރާހިމް ނަޒީހް)

މެޗުގެ ދެ ވަނަ ހާފުގައި ވެޓަރަންސް ޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގަ އެވެ. ބީކޭ ޓީމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ވެޓަރަންސް ޓީމަށް ޖަހައިދިނީ ޒާހިރު ނަސީރު އެވެ. ލީޑު ނެގުމަށް ފަހު ވެސް ވެޓަރަންސް ޓީމުން ވަނީ މޮޅަށް ކުޅޭ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު ކުރީގެ ފުޓްބޯޅަ ތަރިންނަށް ދިމާވީ ގޯލު ޖެހުމުގެ މައްސަލަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެޓަރަންސް ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު މަދީނު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު މަދީން: ރަޔާން ފޮޓޯސް (އިބްރާހިމް ނަޒީހް)

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމްވީ ޔުނައިޓެޑާއި ވެލާ ސްޕޯޓްސް ކްލަބެވެ. ވެލާ ސްޕޯޓްސް އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން އަތުން 2-1 އިން މޮޅުވެފަ އެވެ.

މިއީ އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ފިރިހެން ފުޓްބޯޅައިގެ އިތުރުން ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ވިމެންސް ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މި މުބާރާތްތަކުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ޖާޒިއާ އާއި އޭދަފުށީ ޖީ9 ޓްރޭޑާސް އަދި ލޮޓަސް ފިހާރައަކީވެސް މުބާރާތުގެ ސްޕޮންސަރުންނެވެ. ފޮޓޯ ޕާޓްނަރަކީ ރަޔާން ފޮޓޯސް އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.