އެސްޓީއޯ އޭދަފުށި ކަޕް: ފަހު ވަގުތު އެމްވީ ޔުނައިޓެޑުން ވެލާ ސްޕޯޓްސްއާ އެއްވަރުކޮށްފި

އެމްވީ ޔުނައިޓެޑުން ވެލާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/ރަޔާން ފޮޓޯސް

އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު ވެލާ ސްޕޯޓްސް ކްލަބް މޮޅުވާން ދަނިކޮށް ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން އެމްވީ ޔުނައިޓެޑުން މެޗުގެ ނަތީޖާ 2-2 އިން އެއްވަރުކޮށްފި އެވެ.

މެޗަށް ވެލާ އިން ނުކުތީ މުބާރާތުގެ ފުރަތަމަ މެޗުގައި ހުސް ސޮނގުންއާ ވާދަކޮށް ހޯދި މޮޅާއެކު އިތުބާރާއެކު އެވެ. މިއީ އެމްވީ ޔުނައިޓެޑުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މިއަދުގެ މެޗުގެ ފުރަތަމަ ގޯލު 28 ވަނަ މިނެޓުގައި ޖެހީ ވެލާ ސްޕޯޓްސްގެ ޝާހީ މޫސާ (ހިތޭ) އެވެ. އޭރިޔާ ބޭރުން އަބްދުލްސަލާމް ހާމިދު ގޯލަށް ފޮނުވާލި ހިލޭޖެހުން އެމްވީ ޔުނައިޓެޑްގެ ގޯލްކީޕަރު އަފްޒަލް އިބްރާހީމް އަތުގައި ޖެހިފައި ވެއްޓުނު ވަގުތު ހިތޭ ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެމްވީ ޔުނައިޓެޑުން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު އެޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ވެލާ ސްޕޯޓްސްގެ ގޯލްކީޕަރު މުހައްމަދު ހިޝާމް އަބްދުއްރައްޒާގް ވަނީ މަތަކޮށްފަ އެވެ. އެމްވީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމް (އައްބި) އެވެ. އޭރިޔާ ބޭރުން އައްބި އަށް ލިބުނު ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަށް ވެފައިވަނިކޮށް ވެލާ ސްޕޯޓްސް އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ސަލާމް އެވެ. އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުން ސަލާމް ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ވެލާ ސްޕޯޓްސް މެޗުން މޮޅުވާން ދަނިކޮށް އެމްވީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ފާސިރު އެވެ. މިއީ އަހުމަދު ސުހެއިލް އަށް ވެލާ ސްޕޯޓްސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ދިނުމުން ވެލާ ސްޕޯޓްސްގެ ކުޅުންތެރިނާއި މެނޭޖްމަންޓުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާ ސްޕޯޓްސްގެ ސަލާމް އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ކްލަބާއި ހުސް ސޮނގުން ފުޓްބޯޅަ ޓީމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ލޮޓަސް ފިހާރަ އާއި ޖާޒިއާ އަދި އޭދަފުށީގެ ޖީ9 ޓްރޭޑާސް އިން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކުރާ މުބާރާތުގެ ފޮޓޯ ގްރަފީ ޕާޓްނަރަކީ ރަޔާން ފޮޓޯސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.