އެސްޓީއޯ އޭދަފުށި ކަޕް: ފާސިރުގެ ހެޓްރިކާއެކު އެމްވީ ޔުނައިޓެޑަށް ބޮޑު މޮޅެއް

އެމްވީ ޔުނައިޓެޑް ގެ ފާސިރު (ކ) އަތުން ބޯޅަ ހޯދަން ބީކީގެ އަޒުހަދު މަސައްކަތްކުރަނީ. –ފޮޓޯ: ޒާއިފް/ޕިކްސެލްޕޮރޯ

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މުހައްމަދު ފާސިރު (ފާއްޓެ) ހެދި ހެޓްރިކާއެކު އެމްވީ ޔުނައިޓެޑުން 5-0 އިން ބީކޭ ފުޓްބޯޅަ ކްލަބް ބަލިކޮށްފި އެވެ.

މުބާރާތުގައި އެމްވީ ޔުނައިޓެޑް ވެލާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއަދުގެ މެޗާއެކު އެމްވީ ޔުނައިޓެޑް ވަނީ ހަތަރު ޕޮއިންޓާ ފައިދާ ފަސް ގޯލާ އެކު ލީގު ބުރުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތް ވެލާ ސްޕޯޓްސްއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ލިބިފައިވަނީ ފައިދާ އެއް ގޯލެވެ. ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދާފައިވާ ހުސް ސޮނގުންނެވެ. ހަތަރު ވަނައިގައި އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމު އޮތްއިރު ފުލުގައި އޮތީ މިއަދުގެ މެޗުން ބަލިވި ބީކޭ އެވެ. ވެޓަރަންސް އާއި ބީކޭ، މިއިން ކޮންމެ ޓީމަކަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ފާސިރު ގޯލުން އެމްވީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އެމްވީ ޔުނައިޓެޑުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދައި އިތުރު ހަތަރު ގޯލު ޖަހައިފަ އެވެ. އެމްވީ ޔުނައިޓެޑްގެ ދެ ވަނަ ގޯލު ފާސިރު ބޮލުން ޖެހިއިރު އެޓީމުގެ ތިން ވަނަ ގޯލު ފާސިރުގެ އެހީތެރިކަމާއެކު ޖެހީ ޒުވާން ކުޅުންތެރިޔާ މުހައްމަދު އަބާން އަލީ އެވެ. ފާސިރު ހެޓްރިކް ފުރިހަމަކުރީ އަބާން ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް އޮތް ގޯލަކަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ ޝާފީ އަލީ އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ޝާފީ މަޑުމަޑުން އަބާނަށް ޖައްސާލި ބޯޅަ ގޮސް ގޯލަށް ވަނީ ކީޕަރުގެ އަތްދަށުން ގޮހެވެ. މެޗުގެ ފަހުކޮޅު އެމްވީ ޔުނައިޓެޑަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ފާސިރު އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ ސްޕޯޓްސް އާއި އޭދަފުށީ ވެޓަރަންސް އެވެ.

މިއީ ކައުންސިލުން އިންތިޒާމުކޮށްގެން އޭދަފުށްޓަށް ހުޅުވާލައިގެން ކްލަބް އޭދަފުށިން ކުރިއަށްގެންދާ މުބާރާތެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު ލޮޓަސް ފިހާރައާއި ޖާޒިއާ އަދި އޭދަފުށީ ޖީ9 ޓްރޭޑްސް މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރަކީ އޭދަފުށީ ރަޔާން ފޮޓޯސް އެވެ.

ފިރިހެން ފުޓްބޯޅަ މުބާރާތުގެ އިތުރުން ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ބޭއްވުމަށް ކްލަބް އޭދަފުށިން ވަނީ ނިންމައިފަ އެވެ. މި މުބާރާތް ފެށުން މިހާރު ވަނީ މާދަމާ ރެޔަށް ފަސްކޮށްފަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.