އެސްޓީއޯ އޭދަފުށި ކަޕް: ވެޓަރަންސް ބަލިކޮށް ވެލާ ސްޕޯޓްސް އަލުން އެއްވަނަ އަށް

ވެޓަރަންސް އާއި ވެލާ ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/ރަޔާން ފޮޓޯސް

އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު 6-0 ގެ ބޮޑު ތަފާތަކުން އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމު ބަލިކޮށް ވެލާ ސްޕޯޓްސް ކްލަބް އަލުން އެއް ވަނަ އަށް އަރައިފި އެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެލާ ސްޕޯޓްސް އެއް ވަނައިގައި އޮތީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ހަތަރު ޕޮއިންޓާއެކު އެމްވީ ޔުނައިޓެޑް ދެ ވަނައިގައި އޮތްއިރު ތިން ޕޮއިންޓާއެކު ހުސް ސޮނގުން އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ބީކޭ ފުޓްބޯޅަ ޓީމު އަދި ފުލުގައި އޮތް އޭދަފުށީ ވެޓަރަންސް ޓީމަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ގިނަ ގޯލުތަކެއް ޖަހައިގެން މޮޅެއް ހޯދަން ނުކުތް ވެލާ ސްޕޯޓްސް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާން އާއި މުހައްމަދު ތަޝްމީން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެލާ އިން ވަނީ އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ. މި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން ޝަރީފް ޖެހިއިރު އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަރީފް އާއި ޒުވާން ކުޅުންތެރިޔާ ޖައުޝަން އެވެ. މެޗުގެ ފަހުކޮޅުގައި ވެޓަރަންސް ޓީމުން ވެސް ވަނީ ކުރިއަށްޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ.

ވެޓަރަންސް އާއި ވެލާ ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/ރަޔާން ފޮޓޯސް

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ އެމްވީ ޔުނައިޓެޑާއި ހުސް ސޮނގުންނެވެ. ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރުން އެންމެ ކުރި ހޯދާ ޓީމެކެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާ ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.

އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މި މުބާރާތް ކުރިއަށްގެންދަނީ ކްލަބް އޭދަފުށިންނެވެ. އެސްޓީއޯ އިން މުބާރާތް ސްޕޮންސަރ ކޮށްފައިވާއިރު ސްޕޮންސަރުންގެ ގޮތުގައި ލޮޓަސް ފިހާރައާއި ޖާޒިއާ އަދި އޭދަފުށީ ޖީ9 ޓްރޭޑާސް ހިމެނެ އެވެ. މުބާރާތުގެ ފޮޓޯ ގްރަފީ އޭދަފުށީ ރަޔާން ފޮޓޯސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.