އެސްޓީއޯ އޭދަފުށި ކަޕް: އެއް ވަނަ ހޯދައި ވެލާ ސްޕޯޓްސް ފައިނަލަށް

ލަނޑެއް ޖެހުމަށްފަހު ވެލާ ސްޕޯޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ — އީޓީ ފޮޓޯ/ އިބްރާހިމް ނަޒީހް

އޭދަފުށީ ޓާފް ދަނޑުގައި މިހާރު ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު 5-1 އިން ބީކޭ ފުޓްބޯޅަ ޓީމު ބަލިކޮށް ވެލާ ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މި މޮޅާއެކު ވެލާ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ލިބިފައިވާ ހުސް ސޮނގުންނެވެ. ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ އެމްވީ ޔުނައިޓެޑެވެ. ހަތަރު ވަނައިގައި އޮތް އޭދަފުށީ ވެޓަރަންސް އާއި ފުލުގައި އޮތް ބީކޭ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވެލާ އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ތަޝްމީން (ތައްތި) އެވެ. ދެ ވަނަ ލަނޑު ހުސައިން ޝަރީފް ޖެހިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުއްސަލާމް ހާމިދު އެވެ. މި ހާފުގައި ބީކޭ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ވެލާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު މި ހަމަލާތައް ހުއްޓުވުމުގައި ވެލާގެ ގޯލްކީޕަރު މުހައްމަދު ހިޝާން އަބްދުއްރައްޒާގް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު ދެ ވަނަ ހާފުގައި ބީކޭ އަށް މާގިނަ ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. މި ހާފުގައި ވެލާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހީމް ޝަރީފް އެވެ. އެޓީމުގެ ފަހު ލަނޑު ޖެހީ ބެންޗުން ކުޅެން އެރި އަހުމަދު އަލީ އެވެ. ދެ ވަނަ ހާފުގައި ބީކޭގެ މުހައްމަދު އަގްޔާން އަމްޖަދު ފޮނުވާލި ނުރައްކާތެރި ބޯޅައެއް ކީޕަރު ހިޝާން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު ލިބުނު ފުރުސަތެއްގައި ބީކޭގެ ތޮލްހަތު މުހައްމަދު ވަހީދު ވަނީ އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އެސްޓީއޯ އިން ސްޕޮންސަރ ކޮށްފައިވާ މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމްވީ ޔުނައިޓެޑާއި އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމެވެ.

އޭދަފުށީ ކައުންސިލްގެ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ފިރިހެން ފުޓްބޯޅަ މުބާރާތެއްގެ އިތުރުން ވިމެންސް ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ވިއްސާރައިގެ ސަބަބުން މިދިޔަ ދެ ރޭ މުބާރާތުގެ މެޗުތައް ފަސްކުރުމަށް ފަހު މިރޭ 8:30 ގައި މުބާރާތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.