ވިމެންސް ފުޓްސަލް: ލިލީ ސްޓާސް އާއި ދަ ޝޫޓާސް އިން ފެށުން ރަނގަޅުކޮށްފި

ލަކީ ގާލްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިލީ ސްޓާގެ ނައުޝީން އުފާފާޅުކުރަނީ.- – ފޮޓޯ: އިބްރާހިމް ނަޒީހު/ ރަޔާން ފޮޓޯސް

އޭދަފުށީގައި ރޭ ފެށި އެސްޓީއޯ ވިމެންސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުތަކުން ލިލީ ސްޓާސް އާއި ދަ ޝޫޓާސް މޮޅުވެއްޖެ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗުން ލިލީ ސްޓާސް މޮޅުވީ ލަކީ ގާލްސްއާ ވާދަކޮށް 5-0 އިންނެވެ. ދެ ވަނަ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ދަ ޝޫޓާސް އިން ވަނީ 3-2 އިން ގަލްފް ގާލްސް ބަލިކޮށްފަ އެވެ.

ވިމެންސް ފުޓްސަލް މުބާރާތް ރޭ ފެށީ މޫސުން ގޯސްވުމުގެ ސަބަބުން ދެ ރޭ މެޗުތައް ފަސްކުރުމަށް ފަހު އެވެ. މި މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާއިރު ފައިނަލުގެ ޖާގަތައް ލިބޭނީ އެންމެ ކުރި ހޯދާ ދެޓީމަށެވެ.

ވިމެންސް ފުޓްސަލް ކަޕްގައި ލަކީ ގާލްސް އާއި ގަލްފް ގާލްސް ކުޅުނު މެޗުގެ ތެރެއިން: ގަލްފް ގާލްސްގެ ދިފްލާ (ކ) ލަކީ ގާލްސްގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.– ފޮޓޯ: އިބްރާހިމް ނަޒީހު/ރަޔާން ފޮޓޯސް

ރޭ ކުޅުނު ފުރަތަމަ މެޗުގައި ލިލީ ސްޓާސް އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ލިލީ ސްޓާސްގެ ފަސް ގޯލު ވެސް ޖެހި ދެ ވަނަ ހާފުގަ އެވެ. މެޗުގައި ލިލީ ސްޓާސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާމިނަތު ނީމާ އާއި އާއިޝަތު ޝަހާގެ އިތުރުން ޝައްމާ އަހުމަދު، ޝިފާނާ އަބްދުލްގަނީ އަދި މަރްޔަމް ނައުޝީން ޝަމީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލަކީ ގާލްސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ލިލީ ސްޓާސްގެ ޝަހާ އެވެ.

ދެ ވަނަ މެޗުން ދަ ޝޫޓާސް މޮޅުވީ އާއިޝަތު ޝަމްހާގެ ހެޓްރިކާ އެކު އެވެ. މުބާރާތަށް ޝޫޓާސް ޓީމު ނުކުތީ ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އާމިނަތު ޝާމިލާ ހިމަނައިގެންނެވެ. މެޗުގައި ގަލްފް ގާލްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިޝަތު ރަޝީދާ އާއި އާމިނަތު ޝިފާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ޝަމްހާ އެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ރޭގަނޑު 8:30 ގައި ފަށާ މެޗުގައި ލަކީ ގާލްސް އާއި ގަލްފް ގާލްސް ވާދަކުރާއިރު 9:30 ގައި ފަށާ މެޗުގައި ލިލީ ސްޓާސް ނުކުންނާނީ ދަ ޝޫޓާސްއާ ދެކޮޅަށެވެ. 


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.