އެސްޓީއޯ އޭދަފުށި ކަޕް: ބޮޑު މޮޅަކާ އެކު އެމްވީ ޔުނައިޓެޑް ސެމީ އަށް

އެމްވީ ޔުނައިޓެޑް އާއި ވެޓަރަންސް ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށްދާ އެސްޓީއޯ އޭދަފުށި ކަޕްގައި މިއަދު ހަވީރު 10-1 އިން އޭދަފުށީ ވެޓަރަންސް ބަލިކޮށް އެމްވީ ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މިއަދުގެ މެޗުން ނުކުތް ނަތީޖާއާ އެކު ވެޓަރަންސް ޓީމާއި ބީކޭ ފުޓްބޯޅަ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ މާދަމާ ހަވީރު ހުސް ސޮނގުންނާއި ބީކޭ ވާދަކުރާ މެޗެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދި ވެލާ ސްޕޯޓްސް ކްލަބެވެ. މިއަދުގެ މޮޅާ އެކު އެމްވީ ޔުނައިޓެޑް ވަނީ ހަތް ޕޮއިންޓް ކަށަވަރުކޮށް ދެ ވަނަ އަށް އަރައިފަ އެވެ. އެކަމަކު މާދަމާ ބީކޭ މެޗުން މޮޅުވެއްޖެ ނަމަ މިހާރު ހަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ހުސް ސޮނގުންނަށް ދެ ވަނަ އަށް އެރޭނެ އެވެ. ހަތަރު ވަނައިގައި ބީކޭ އޮތްއިރު މިހާރު ފުލުގައި އޮތީ ވެޓަރަންސް ޓީމެވެ. ބީކޭ އާއި ވެޓަރަންސް، މިއިން ކޮންމެ ޓީމަކަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެޓަރަންސް ޓީމުންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިމާން ސައީދު އެވެ. އޭގެފަހުން އެމްވީ ޔުނައިޓެޑުން ވަނީ ގާތްގާތުގައި ލަނޑުތަކެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގައި އެމްވީ ޔުނައިޓެޑުން ޖެހި 10 ގޯލުގެ ތެރެއިން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ފާސިރު ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މުޅި މެޗުގައި ވެސް ފާސިރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަނެއް ފަސް ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ފާސިރު އާއި ޒުވާން ކުޅުންތެރިޔާ އަބްދުﷲ ފާސިރުގެ އިތުރުން ހައްފާފް ސިދުގީ އަދި ޝާފީ އަލީ އާއި އިބްރާހީމް ނަސީމް އެވެ.

މާދަމާ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ. ހުސް ސޮނގުންނާއި ބީކޭ ފުޓްބޯޅަ ޓީމު ވާދަކުރާ މި މެޗު ފަށާނީ މާދަމާ ހަވީރު 4:10 ގަ އެވެ.

މުބާރާތުގެ ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. މި މެޗުގައި ބައްދަލުކުރާނީ ހުސް ސޮނގުންނާއި އެމްވީ ޔުނައިޓެޑެވެ. މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އެސްޓީއޯ އިންނެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.