ނައިފަރުން ޕޮޒިޓިވްވި މީހާއަށް ބ. ކޮވިޑް ސެންޓަރުގައި ފަރުވާދެނީ

ޅ. ނައިފަރުން ކޮވިޑް-19 އަށް ޕޮޒިޓިވް މީހާއަށް ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އޭދަފުށީ މެޑިކަލް ފެސިލިޓީގައި މިވަގުތު އެޑްމިޓްކޮށް ފަރުވާދެމުން އަންނަނީ ޅ. އަތޮޅުގެ ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 59 އަހަރުގެ އަންހެނަކަށް ކަމަށާއި އެ މީހާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އޭދަފުށީގައި ގާއިމުކުރި ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެނީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ. މީގެ ކުރިން ވެސް އެތަނުގައި އެޑްމިޓްކޮށް ގިނަ ބަޔަކަށް ވަނީ ފަރުވާދީފަ އެވެ.

މިދިޔަ ހަފުތާގައި ރ. އުނގޫފާރުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ އެކު، މި ސަރަހައްދުގެ ހުރިހާ ރަށަކަށް ވެސް ބިރުވެރިކަން ވަނީ ފެތުރިފަ އެވެ.

އެ ރަށަށް ދިޔަ ފަސް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ޅ. ނައިފަރު މީހަކާއި ކ. ދިއްފުށީ ދެ މީހުންނާއި ރ. މަޑުއްވަރި އާއި އެއަތޮޅު ހުޅުދުއްފާރު މީހެކެވެ. އެ ހުރިހާ ރަށްތަކެއް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.

ރ. އުނގޫފާރަށް ދަތުރުކުރި މީހުންގެ ތެރެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވަމުން ދާއިރު ޅ. އަތޮޅުން ކޮވިޑްގެ އެހެން ކްލަސްޓާއެއް ވަނީ އުފެދިފަ އެވެ. މި ކްލަސްޓާގައި ހިމެނޭ ފުރަތަމަ މީހާ ކޮވިޑަށް ޕޮޒިޓިވްވީ، މަސް ފެކްޓަރީ ހިންގާ، ޅ. ފެލިވަރުންނެވެ. އޭނާއަކީ އެތަނުގައި މަސައްކަތް ކުރާ އެ އަތޮޅު ނައިފަރުގެ މުވައްޒަފެކެވެ. އެނގިފައިވާ ގޮތުގައި ބަލީގެ އަލާމާތްތައް ފެނުމުން، އޭނާ ޑޮކްޓަރަށް ދައްކަން ދިޔައީ ނައިފަރަށެވެ. ބަލި ޖެހިފައިވާ ކަން އެނގުނީ، އެތަނަށް ގޮސް ޓެސްޓު ހެދުމުންނެވެ.

އެއާއެކު ފެލިވަރަށް އަރައިފޭބުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.