ބ. ކެންދޫން އިތުރު ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެއްޖެ އެވެ.
ކެންދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، ހުމުގެ އަލާމާތްތަކެއް ފެނިގެން އެ ރަށުން މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހެކެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެރަށުން ޖުމްލަ 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކެންދޫން ކޮވިޑް ފެނުމާއެކު އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެހެންވެ އެރަށަށް ވެސް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ.
ކެންދޫން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު، އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެހެންވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުމުގެ ބިރެއް އޭރަކު ނެތެވެ.
ކެންދޫގެ އިތުރުން އޭދަފުއްޓާއި ތުޅާދޫ އަދި ދަރަވަންދޫގައި ވެސް ދަނީ ކޮވިޑު ފެތުރެމުންނެވެ.