ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތުގެ 86 ޕަސެންޓް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރިޖެކްޓް ސައިޓަށް ޖަމާކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 51،861.5 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ފަޅު ފުންކުރާނެ އެވެ. އަދި 223 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި ލުމާއި 108 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި 283 މީޓަރުގެ ސަރަހައްދެއް ރިވެޓްމަންޓް ޖެހުމުގެ އިތުރުން މަގުބައްތި ހަރު ކުރުމާއި 558 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރާކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަށް 49.4 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެ އެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.