ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ ފަހު މެޗުގައި ރާއްޖޭގެ ޓީމް ފިލިޕީންސްއާ ވާދަކުރި މެޗް 1-1 އިން އެއްވަރުވިއިރު މެޗްގައި ރާއްޖޭގެ ގައުމީ ޓީމްން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މިއަތޮޅު އޭދަފުށްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭގެ ގޯލުން ރާއްޖެ ހޯދި ނަތީޖާއާއެކު ވަނީ ރާއްޖޭގެ ޓީމަށް ވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ސީދާ ޖާގައެއް ކަށަވަރު ވެފަ އެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ ސެންޓޭ ރޭ ފިލިޕީންސް ކޮޅަށް ވައްދާލި ގޯލް ބ. އަތޮޅަށް ވަރަށް ހާއްސަ އެވެ. ފިލިޕީންސުން މެޗުގެ 19 ވަނަ މިނިޓުގައި ރާއްޖެ ކޮޅަށް ލަނޑު ޖަހައި ލީޑު ނެގިތާ ފަސް މިނިޓު ފަހުން ސެންޓޭ ޖެހި ލަނޑުގައި، މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބ. އަތޮޅުގެ ހަތަރު ކުޅުންތެރިން ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ. މި ލަނޑުގައި، މިއަތޮޅު ހަތަރު ކުޅުންތެރިންގެ ކޮންބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.
ފިލިޕީންސުން ބޯޅަ ކުރިއަށް ޖައްސާލުމާއެކު ބޯޅަ ހޯދީ ރާއްޖޭގެ ފަހަތުން އަލީ (ސަމުއްޓޭ) އެވެ. ސަމުއްޓޭ ބޯޅަ އަތުލުމާއެކު ރާއްޖޭގެ ޓީމުން ޖެހި ހަތްވަނަ ޕާސް ސެންޓޭއަށް ލިބުމުން ވާތްފަޅިން ރޮނގު ކައިރީ ހުރި ހައިޝަމް ހަސަން (ބިޑި) އަށް ޖައްސާލި އެވެ. ހައިޝަމް ކޮންޓްރޯލް ކޮށްލާފައި ކުރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ބޯޅަ ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ކަނާ ދިމާލުގައި ބޯޅަ ހިފާއްޓާލި އެވެ. ކައިރިން ސެންޓޭ ހުސްވުމާއެކު އޭނާއަށް ޕާސް ދިނެވެ. ދެން ފެނުނީ ސެންޓޭ އާއި އަލީ ހައިޝަމް (ޗުމްޕު)ގެ ހިތްގައިމު ވަން-ޓޫ އަކަށް ފަހު ސެންޓޭ ކުރިމަތީގައި ހުރި ޑިފެންޑަރު ކައިރިން އެއް ޓަޗުން ނައްޓާލައި، ޕެނަލްޓީ އޭރިއާ ރޮނގު މަތިން، ބޯޅަ ގޯލްކީޕަރުގެ ވާތް ފަރާތު ތިރީ ކަނަށް ވައްދާލައި، ރާއްޖެއަށް ނަތީޖާ އެއްވަރު ކޮށްދިން ތަނެވެ.
ސެންޓޭއަކީ މި ހަތަރު ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގައި ކުޅޭ އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅުނު 54 ވަނަ މެޗުގައި މިއީ ސެންޓޭ ޖެހި 13 ވަނަ ލަނޑެވެ. ލަނޑުގައި އެސިސްޓް ކުރި ޗުންޕު މިވަނީ ގައުމީ ޓީމު ޖޯޒީގައި އޭނާ ކުޅުނު ދެވަނަ މެޗުގައި، ރާއްޖެއަށް މި މުހިއްމު ގޯލު ޖަހަން އެހީވެދީފަ އެވެ.
ގައުމީ ޓީމު ކޮލިފައިން ގައި ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މިއީ ސެންޓޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހަމައެކަނި މެޗެވެ. ސީރިއާ އާދެކޮޅަށް 16 މިނިޓް އަދި ޗައިނާއާ ދެކޮޅަށް 11 މިނިޓު ކުޅުނު ނަމަވެސް މިމެޗުގައި އޭނާ ވަނީ 90 މިނިޓް ހަމަކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.
ޗުމްޕު ވަނީ ރޭގެ މެޗުގެ އިތުރަށް ޗައިނާއާ ދެކޮޅަށް ވެސް ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. ކޮލިފައިންގައި ރަށުން ބޭރުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ރީނދޫ ކާޑުގެ ސަބަބުން ސީރިއާއާދެކޮޅަށް ހައިޝަމް ސަސްޕެންޝަނުގައި ހުރި ނަމަވެސް ފަހު ދެމެޗުގައި އޭނާ ވަނީ ކުޅެފަ އެވެ. ހަމްޕު ވަނީ ތިން މެޗުގައި ވެސް ސްޓާޓް ކޮށްފަ އެވެ. ހަމްޕު އާއި ހައިޝަމްގެ އިތުރުން ޗުމްޕު ވެސް ވަނީ މީގެ ކުރިން ސެންޓޭ އާއެކު ކްލަބް ލެވެލްގައި ކުޅެފަ އެވެ. ހަމްޕު އާއި ސެންޓޭ ނިއު ރޭޑިއަންޓުގައި އެކުގައި ހަތަރު ސީޒަން ކުޅުނު އިރު ސެންޓޭ ވަނީ 2019-2020 ވަނަ ސީޒަނުގައި ހައިޝަމްއާއެކު ކުލަބް އީގަލްސް އަށް ކުޅެފަ އެވެ. ސެންޓޭ ޗުމްޕު އާއެކު ކުޅުނީ 2011 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓަށެވެ. އެއީ އެންމެ 18 އަހަރުގައި ޗުމްޕު ފުޓުބޯޅަ ކެރިއަރު ފެށި އަހަރެވެ.
Rah tha liyelinama