ބ. ކެންދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން އެކަން އުވާލައި މިއަދު އާއްމު ހާލަތަށް ބަދަލުވެއްޖެ އެވެ.
ކެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ކޮވިޑްގެ އަލާމާތް ހުރެގެން އެ އެރަށުން ނެގި ސާމްޕަލްތަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
އެ ރަށުން މިހާތަނަށް 1102 ސާމްޕަލް ނަގާފައި ވެ އެވެ. އިއްޔެ ހަވީރު 6:00 އާ ހަމައަށް ނަތީޖާ ނުލިބި 30 ސާމްޕަލް އެބަހުއްޓެވެ.
ފުރަތަމަ ކޭސް ހިމެނޭ ގޮތުން އެރަށުން ފެނުނީ ކޮވިޑްގެ ޖުމްލަ 77 ކޭހެވެ. މޮނިޓަރިންގެ ހާލަތު އުވާލިއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 4 އެވެ.
ކެންދޫގެ އިތުރުން މިއަތޮޅުގައި ދެން ކޮވިޑްގެ ކޭސްތައް ފެނުނުނީ ވެރިރަށް އޭދަފުށިންނާއި ތުޅާދޫ އަދި ދަރަވަންދޫންނެވެ. އެ ހުރިހާ ރަށެއްވެސް މިހާރުވަނީ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ބަދަލުކޮށްފަ އެވެ.