ގްރާސްރޫޓް ކުދިންނަށް ކްލަބް އޭދަފުށިން އޯޕަން ޑޭ އެއް ބާއްވަނީ

އުމުރުން 6 އަހަރާއި 12 އަހަރުގެ ދެމެދުގެ ގްރާސްރޫޓް ކުދިންނަށް އަމާޒުކޮށްގެން އޯޕަން ޑޭ އެއް ކުރިއަށްގެންދަން ކްލަބް އޭދަފުށިން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލްގެ ކްލަބް، ކްލަބް އޭދަފުށިން އޯޕަން ޑޭ ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ މި މަހުގެ 13 ވާ ހުކުރު ދުވަހުގެ ހަވީރު އެވެ. ކްލަބް އޭދަފުށިން ބުނީ ދެޖިންސުގެ ކުދިންނަށް ވެސް މި އޯޕަން ޑޭގައި ބައިވެރިވެވޭނެ ކަމަށެވެ. އޯޕަން ޑޭގެ ހަރަކާތް ކުރިއަށްގެންދާނީ އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

އޯޕަން ޑޭއާ ގުޅޭ އިތުރު މައުލޫމާތު 7598271 އަދި 7880576 ނަންބަރަށް ގުޅުމުން ލިބޭނެކަމަށް ކްލަބް އޭދަފުށިން މައުލޫމާތުދެ އެވެ.

އޯޕަން ޑޭ އަށް ފަހު ކުދިންނަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ކްލަބް އޭދަފުށިން ވަނީ ނިންމައިފަ އެވެ. އެ ކްލަބުން ވަނީ މީގެ ކުރިން ވެސް އުމުރުފުރާތަކުގެ ކުދިންނަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

އޭދަފުށީގައި 2018 ވަނަ އަހަރު ވަނީ ގްރާސްރޫޓް ކޯޗިން ކޯހެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މިއީ ފީފާގެ އެހީތެރިކަމާ އެކު ބ. އަތޮޅު ތައުލީމީ މަރުކަޒާއި ކްލަބް އޭދަފުށި ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދީ އެކުދިން ޑިސިޕްލިން ކުރުމަށް ހިންގި ގްރާސްރޫޓް ކޯޗިން ކޯސް ފުރިހަމަކުރި ބައިވެރިން ވަނީ މީގެ ކުރިން ހިންގި ގްރާސްރޫޓް ޕްރޮގްރާމްތަކުގައި ކޯޗުކަން ކޮށްދީފަ އެވެ.

ކްލަބް އޭދަފުށިން ގްރާސްރޫޓް އޯޕަން ޑޭ އަށް ތައްޔާރުވާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ވެސް މީގެ ކުރިން ވަނީ ގްރާސްރޫޓް ހަރަކާތްތައް ސްކޫލް ކުދިންނަށް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލާއި ކްލަބް އޭދަފުށިން ވެސް މިދިޔަ ދުވަސްތަކުގައި ގްރާސްރޫޓް ހަރަކާތްތައް އޮތީ މަޑުޖައްސާލާފަ އެވެ. ކްލަބް އޭދަފުށިން އަލުން މި ޕްރޮގްރާމް ފަށާއިރު މިހާރު އެ ކްލަބްގައި ކުދިން ތަމްރީނު ކުރެވޭނެ ރަނގަޅު ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.