ރޮސްޓްރަމާއެކު ސިޑިބަރި ހިމެނޭގޮތަށް އޭދަފުށި ޓާފް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާ އެކު ހަދާ ސިޑިބަރި ހުންނާނެ ގޮތުގެ ކުރެހުމެއް، ގްރެފިކްސް/ސިއާކް

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާ އެކު ސިޑިބަރި ހިމެނޭގޮތަށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ވަނީ ދަނޑުގައި ރޮސްޓްރަމް އާއި ސިޑިބަރީގެ ބިންގާ އަޅައިފަ އެވެ.

ބިންގާ އަޅުއްވައިދެއްވީ ފުޓްބޯޅައިން ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު އޭދަފުއްޓަށް އުފަން މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އަދި ފުޓްބޯޅައިގައި ރާއްޖޭން ފުރަތަމަ ރިހި މެޑަލް ހޯދި (1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި) ޓީމުގައި ހިމެނުނު އޭދަފުށީގެ ކުރީގެ ޑިފެންޑަރު އަބްދުލްވާހިދު ހުސައިންގެ އިތުރުން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު މޮޅު ކުޅުމެއްދެއްކި އަބްދުލް މަޖީދު ހަސަން އެވެ.

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާ އެކު ހަދާ ސިޑިބަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަހުމަދު ނަޒީރުގެ ދީލަތި އެހީތެރިކަމާ އެކު އޭދަފުށީގައި މަތީ ފެންވަރުގެ ފީފާ އެޕްރޫވްޑް ޓާފް ދަނޑު ތަރައްގީކޮށް ރަސްމީކޮށް ހުޅުވީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ. އެއަށްފަހު ނަޒީރުގެ އެހީތެރިކަމާ އެކު އެ ދަނޑުގައި ބައިނަލްއަގްވާމީ ފެންވަރުގެ މެޗުތައް ކުޅެވޭގޮތަށް ތަރައްގީކުރުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. މިގޮތުން މިއަދު ބިންގާ އެޅި ރޮސްޓްރަމް އާއި ސިޑިބަރި ތަރައްގީކޮށް ނިމޭއިރު އެ ދަނޑުން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އޭދަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކައުންސިލުން ބުނީ ސިޑިބަރި ތަރައްގީކޮށް ނިމޭއިރު 850 ސަޕޯޓަރުނަށް ތިބެވޭނެ ޖާގަ އޮންނާނެ ކަމަށެވެ. އަދި ވީވީއައިޕީ އަށް ހާއްސަ 30 ބޭފުޅުންގެ ޖާގައިގެން ތަނަކާއި ވީއައިޕީ އަށް ހާއްސަކޮށް ގާތްގަނޑަކަށް 100 މީހުންގެ ޖާގައިގެ ތަނެއް ރޮސްޓްރަމްގައި ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. ކައުންސިލުން ބުނީ މަސައްކަތް އެއްކޮށް ފުރިހަމަވާއިރު ވީވީއައިޕީ އަށް ހާއްސަކުރާ ބައި ހުންނާނީ އޭސީކޮށްފައި ކަމަށެވެ. މީގެ އިތުރުން ވީއައިޕީ ވެއިޓިން ލޯންޖަކާއި، ނަމާދު ކޮޓަރި، ޕްރެސް ރޫމް، ދެޓީމުގެ ޗޭންޖިން ރޫމް، މެޑިކަލް ރޫމް، މީޑިއާ ބޮކްސް، ސްޓޭޑިއަމް އޮފީސް، ކޯޗުންގެ ރޫމްގެ އިތުރުން ރެފްރީންނަށް ހާއްސަކޮށް ކޮޓަރިއެއް އެތަނުގައި ތަރައްގީކުރާނެ އެވެ. ހަމަމިއާއެކު، ވީއައިޕީ ރިފްރެޝްމަންޓަށް ވަކިން ތަނެއް ހަމަޖައްސައި އެމްބިއުލާންސަށް ހާއްސަ ޕާކިން ސަރަހައްދެއް ވެސް ދަނޑުގައި ކަނޑައަޅަށް ވަނީ ނިންމައިފަ އެވެ. ސިޑިބަރީގައި ހަރުކުރަން ނިންމާފައިވަނީ ބައިނަލްއަގްވާމީ ދަނޑުތަކުގައި ބޭނުންކުރާ ފެންވަރުގެ ގޮނޑި އެވެ. އަދި މަސައްކަތް އެއްކޮށް ނިމޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިބަލަން ތިބެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. ކައުންސިލުން އިތުރަށް ބުނީ ސިޑިބަރީގެ އަމަލީ މަސައްކަތް މި ހަފްތާ ފަށައި އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާ އެކު ހަދާ ސިޑިބަރި ރޭގަނޑު ފެންނާނެ ގޮތުގެ ކުރެހުމެއް، ގްރެފިކްސް/ސިއާކް

ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މިހާރު އަންނަނީ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ލައިޓްތައް ހަރުކުރަން ބޭނުންވާ ކޭބަލް އަޅައި ލައިޓް ދަނޑިތައް މިހާރު ވަނީ ޖަހައިފަ އެވެ. މީގެ އިތުރުން ދަނޑުގެ ޓާފް ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށް މުޅި ދަނޑަށް ފެން ޖެހޭނެ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އަދި ސްޓޭޑިއަމްގެ އެއް ފަޅީގައި ތަރައްގީކުރާ ފިހާރަބަރި ނިންމައި ދެން އޮތީ އެތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތެކެވެ. އެތަނުގައި ރާނާ ނިންމާފައިވަނީ ތިން ފިހާރައާއި ކެފޭ ގޮތަށް ދޫކުރާ އިމާރާރެކެވެ. ކައުންސިލުން ބުނީ އެތަންތަން ކުއްޔަށް ދޫކުރެވުމުން ދަނޑުގެ މަރާމާތުގެ ހަރަދާއި އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށެވެ.

އޭދަފުށީ ޓާފް ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. ދަނޑުގައި އަޅާފައިވަނީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.

ދަނޑުގެ ރޮސްޓްރަމާއި ސިޑިބަރީގެ ބިންގާ އެޅުމަށް ފަހު މިއަދު ވަނީ އެ ދަނޑުގައި ވެޓަރަންސް ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. މި މެޗުގައި ވާދަކުރީ އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމާއި ހުޅުމާލޭ ވެޓަރަންސް ޓީމެވެ. މި މެޗު 3-0 އިން ކާމިޔާބުކުރީހުޅުމާލޭ ވެޓަރަންސް ޓީމެވެ. ހުޅުމާލޭ ވެޓަރަންސް ޓީމުގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރިން ހިމެނުނެވެ. އޭގެތެރޭގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ވިދާލި އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.