ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތުގެ ތެރެއިން ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ މިހާރު ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އިން ބުނެފި އެވެ.
އާރްޑީސީން ބުނިގޮތުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ސަބްބޭސްގެ މަސައްކަތެވެ. އެ މަސައްކަތުގެ 60 ޕަސަންޓު މިހާރުވަނީ ނިމިފަ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ދަނޑުގެ ސައިޑް ވޯކްގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދަރަވަންދޫ އަދި މި އަތޮޅުގެ އިތުރު ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއުތަކެއް އާރްޑީސީއާ ހަވާލުކުރީ މިއަހަރުގެ މާޗުމަހު އެވެ.
ދަރަވަންދޫ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއަކީ 2.2 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.