ބ. އަތޮޅުގައި ހޭނައްތާ ޑޮކްޓަރަކުނެތި މަހަކަށްވުރެ ގިނަ ދުވަސް!

ބ. އަތޮޅު  ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތި، ގިނަ ދުވަސްތަކެއްވެ އޮޕަރޭޝަންތަކަށް ގޮންޖެހުންތަކާ ދިމާވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތްތާ ދޮޅު މަސް ވެއްޖެ ކަމަށެވެ. އެކަމުގެ ސަބަބުން އޮޕަރޭޝަންތައް ނުކުރެވި، ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި ކުރިން މަސައްކަތްކުރެއްވި ހޭނައްތާ ޑޮކްޓަރު ވަޒީފާއިން ވަކިވެގެން ދިޔައީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ.

ހޭނައްތާ ޑޮކްޓަރެއް ނެތުމުން ބަލި މީހުން ދެން ރެފާ ކުރަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނޫނީ މާލެއަސެވެ. ނަމަވެސް މިދޭތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވެސް ހޭނައްތާ ޑޮކްޓަރެއް ނެތުމުން މާލެއަށް ފޮނުވަން ޖެހުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

“އެހެންވެ ހޭނައްތާ ޑޮކްޓަރަކު ބޭނުންވާ ސާޖަރީތައް އަދިވެސް މިކޮޅުގައި މިއޮތީ މެދުކަނޑާލާފައި، މިއީ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް،” އޭނާ ވިދާޅުވި އެވެ.

ސާޖަރީތައް ކުރަން ޖެހޭ މީހުން މިހާރު ފޮނުވަނީ މާލެއަށެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އެ ހޮސްޕިޓަލުން ބުނި ގޮތުގައި ރާއްޖެއިން ބޭރުން ވެސް އެހެން ބަލިތަކުގެ ޑޮކްޓަރުންނަށް ވުރެ ހޭނައްތާ ޑޮކްޓަރުން ހޯދުމުގައި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ހޭނައްތާ ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.އެކަމަކު ޑޮކްޓަރެއް ލިބޭނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އަތޮޅު ތެރޭގެ އެހެން ބައެއް ހޮސްޕިޓަލުތަކުގައި ހޭނައްތާ ޑޮކްޓަރުން ނެތުމުގެ ސަބަބުން އޮޕަރޭޝަންތައް ވަނީ މަޑުޖެހިފަ އެވެ.

ހޮސްޕިޓަލްތަކަށް ހޭނައްތާ ޑޮކްޓަރުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް، އެ ޑޮކްޓަރުންގެ މުސާރަ ވެސް ދާދިފަހުން ވަގުތީ ގޮތުން ވަނީ ބޮޑުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އެ ހޮސްޕިޓަލުތަކުން ބުނެފައިވާ ގޮތުގައި ހޭނައްތާ ޑޮކްޓަރުން ހޯދަން މިހާރު ގޮންޖެހުންތަކާ ދިމާވެ އެވެ.

ނަމަވެސް ހެލްތު މިނިސްޓަރު މިދިޔަމަހު ފަހުކޮޅު ވިދާޅުވީ ލަސްތަކެއް ނުވެ އެ ހޮސްޕިޓަލުތަކަށް ހޭނައްތާ ޑޮކްޓަރުން ފޮނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.