އުރީދޫން އަންނަ އަހަރަށް ހެދި ކަލަންޑަރުގައި ކަނޑުގެ ރީތި ދިރުންތައް

ކަނޑުގެ ދިރުންތައް އޮގްމަންޓެޑް ރިއަލިޓީކޮށް ބަލައިލެވޭ ގޮތަށް އުރީދޫގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ލޯންޗުކޮށްފި އެވެ.

އުރީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އަންނަ އަހަރަށް އެކުންފުނިން ތައްޔާރުކޮށްފައިވާ ކަލަންޑަރު ވަނީ ދައްކާލައިފަ އެވެ. މިކަލަންޑަރު ހެދީ ޕަބްލިސިޓީ ބިއުރޯ އާއި އުރީދޫން ގުޅިގެންނެވެ.

މައުސޫމް ވިދާޅުވީ އުރީދޫން ރާއްޖެ ޕްރޮމޯޓް ކުރުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ. އެއާޕޯޓުގައި އުރީދޫން އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހައެއް ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް ޕްރޮމޯޓްވާނެ ކަންކަން ކުރަން އުރީދޫން އަންނަ އަހަރަށް ވެސް ރާވާފައިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވީޑިއޯ ބަލައިގެން އޮރިގާމީ އެއް ހަދަނީ–ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ މި ކަލަންޑަރުގައި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވާ އާލާ ކޮށްލެވޭނެ އެވެ. ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާ އެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް، ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް ދިރުވާލާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާ ކުރެވޭނެ އެވެ. މި ކަލަންޑަރުގެ ކޮންމެ މަހަކަށް ހާއްސަ ކޮށްފައިވާ ދިރުންތައް ތައްޔާރުކޮށްލެވޭ އޮރިގާމީ ކަރުދާހެއް ވެސް ވަނީ ހިމަނައިފަ އެވެ.

މިނިސްޓަރު މައުސޫމާއި އުރީދޫ ސީއީއޯ ނަޖީބު ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް ބައްލަވާލަނީ–ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ކޮންމެ މަހެއްގެ އޮރިގާމީ ހެދުމަށް ސްޓެޕް ބައި ސްޓެޕް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫން ވެބްސައިޓުން ފެންނާނެ އެވެ. އަދި އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވޭނެ އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ، އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މި ކެލަންޑަރުން ރާއްޖޭގެ އާންމު ދިރުންތައް ކޮންމެ ތަނެއްގައި ހުރެގެން ވެސް ތަސައްވުރު ކޮށްލެވޭނެ އެވެ. މި ކަލަންޑަރު ހަދާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

“އުރީދޫ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައާއި ކާމިޔާބީތަކުގައި ބައިވެރިވާނެ ކުންފުންޏެއް ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އެންމެހައި ބޭފުޅުންނަށް އަރުވަން،” އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.