ގައުމީ ސާފިން ޗެމްޕިއަންޝިޕް، “ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021” ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަނާ އެކު ހެދި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
ރަންނަމާރި ޗެލެންޖަކީ 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ ރާޅާ އަޅާ ގިނަ ބަޔަކު ބައިވެރިވާ މުބާރާތަކަށްވާއިރު މި އަހަރު ވެސް 25 ރަށެއްގެ 102 ރާޅާއެޅުންތެރިން މި ޗެލެންޖުގައި ބައިވެރިވާނެ އެވެ.
މި އަހަރުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 22-30 އަށެވެ. މި މުބާރާތުގައި ޕޮއިންޓް ދިނުމުގައި ބޭނުން ކުރާނީ ޑިޖިޓަލް ސްކޯރިން ސިސްޓަމެކެވެ. މިއީ ރާޅާ އެޅުމުގެ މުބާރާތެއްގައި މިފަދަ ސިސްޓަމެއް ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި “ޝޯޓް ބޯޑް” އާއި “ލޯންގް ބޯޑް” އަދި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ކެޓަގަރީން ރާޅާ އެޅުންތެރިން ބައިވެރިވާނެ އެވެ.