އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އުރީދޫގެ އާއްމު ހިއްސާދާރުންގެ ތެރެއިން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި މި މަގާމަށް ކުރިމަތިލާ މީހެއްގެ ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ވެސް ހުންނަން ޖެހޭނެއެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މަދުވެގެން އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުމާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ލިސްޓަޑް ދެ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ  މަގާމަށް ވުރެ ގިނައިން އަދާ ކޮށްގެން ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ފަންނީ ގޮތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ މުޢާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުމާއި އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުމާއި މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި ދެނެގަތުމުގެ ގާބިލުކަން ހުރުމަކީވެސް ބޯޑު މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތުތަކެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތެއްގައި އިތުރު ޝަރުތުތައް ވެސް ހުންނަން ޖެހޭނެއެވެ. މި ޝަރުތުތައް އުރީދޫ ވެބްސައިޓުން ބަލައިލެވޭނެއެވެ.

އުރީދޫއިން ވަނީ އެ ކުންފުނީގެ ބޯޑުގައި ޖިންސީ ހަމަހަމަކަން ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމަށް އަންހެނަކު ކުރިމަތިލާން ހިތްވަރު ދީފައެވެ.

އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް މެމްބަރަކު ހޮވަނީ 2022ން ފެށިގެން 2024 ވަނަ އަހަރާ ހަމައަށެވެ. މި މެމްބަރު ހޮވާނީ ޑިރެކްޓަރުކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން، އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރާ ފަރާތްތައް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި އަންނަ އަހަރުގެ މާޗު މަހު ބާއްވާ އަހަރީ އާއްމު ޖަލްސާގައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް https://www.ooredoo.mv/investors އިން ލިބޭނެއެވެ. މި ފޯމު [email protected] އަށް އީމެއިލްވެސް ކުރެވޭނެއެވެ.

ބޯޑު މެމްބަރަކަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.