ހަނީމޫން ހޭދަކުރަން އެންމެ ހިތްގައިމު ރިސޯޓަކަށް އަނެއްކާވެސް ވައްކަރު

ވައްކަރު މޯލްޑީވްސް

ހަނީމޫން ހޭދަކުރަން އެންމެ ހިތްގައިމު ރިސޯޓްގެ އެވޯޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް ބ. އަތޮޅުގައި މަތީފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ވައްކަރު މޯލްޑިވްސްއިން ހާސިލުކޮށްފި އެވެ.

މިއަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެކި ކެޓަގަރީތަކުން ހަތަރު އެވޯޑެއް އެ ރިސޯޓަށް ވަނީ ލިބިފަ އެވެ. އިންޑިއާ ކަނޑުގެ ލީޑިން ރިސޯޓުގެ އެވޯޑު ވެސް ލިބުނީ ވައްކަރަށެވެ.

ވައްކަރު މޯލްޑިވްސް އަށް ލިބުނު އެވޯޑުތައް

– އިންޑިއަން އޯޝަން ލީޑިން ރިސޯޓް 2021

– ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2021

– މޯލްޑިވްސް ލީޑިން ހޮޓެލް ސުއިޓް 2021

– އިންޑިއަން އޯޝަން ލީޑިން ހޮޓެލް ސުއިޓް 2021

ހަނީމޫން ހޭދަކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ވައްކަރު ހޮވުމާއި ގުޅިގެން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު އިއަން މެކްކޮމެކް ވިދާޅުވީ އެ ރިސޯޓައި ޗުއްޓީ ހޭދަކުރަން އަންނަ ލޯބިވެރިންނާއި ދެމަފިރިންނަށް އަބަދުވެސް ހާއްސަ ހިދުމަތްތަކެއް ރިސޯޓުން ދެމުން އަންނަ ކަމަށެވެ.

“ރޮމޭންޓިކް ޗުއްޓީއެއް ހޭދަކުރުމަށް ވައްކަރަކީ އެންމެ ރަނގަޅު މަންޒިލަށް ކުރިއަށް އޮތްތަނުގައި ވެސް ވެގެން ދާނެ.” މެކްކޮމެކް ވިދާޅުވިއެވެ.

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި ބޮޑު ފަޅަކާއެކު އޮންނަ ހިތްގައިމު އެ ރިސޯޓުގައި އެއްގަމު ކޮޓަރި އަދި މޫދު ކޮޓަރީގެ އިތުރުން ހަތަރު ރެސްޓޯރަންޓާއި ދެ ބާ ހިމެނެ އެވެ. އޭގެ އިތުރުން އާއްމުކޮށް ބޭނުންކުރެވޭ ބޮޑު ޕޫލަކާއި ކުޑަކުދިންގެ ޕޫލެއް އަދި ބައެއް ކޮޓަރިތަކުގައި ވެސް ޕްރައިވެޓް ޕޫލް ހިމަނާފައިވެ އެވެ. އަދި އެ ރަށުގައި ސްޕާގެ ޚިދުމަތާއި ޑައިވިން އާއި ވޯޓާ ސްޕޯޓްސްގެ ވެސް ހަރަކާތްތައް ވެސް އޮވެ އެވެ.

ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. ޓޫރިޒަމް ދާއިރާގެ ނަން މަޝްހޫރު ގިނަ ބައެއްގެ ބައިވެރިވުން މި ހަފުލާގައި އޮވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.