ބ. އަތޮޅުގެ ފުރަތަމަ ނަރުސް 32 އަހަރަށްފަހު ވަޒީފާއިން ވަކިވެއްޖެ

ރަމްލާ އުމަރު

ބ. އަތޮޅުގައި އެންމެ ފުރަތަމަ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރަމްލާ އުމަރު، 32 އަހަރަށްފަހު އެ ވަޒީފާއިން ވަކިވެއްޖެ އެވެ.

ރަމްލާ ހިދުމަތަށް ނިކުންނެވީ 1989 އަހަރު، ކުރީގެ ސެންޓްރަލް ހޮސްޕިޓަލުގެ ނާސް އެއިޑެއްގެ ގޮތުގަ އެވެ. އެކަމަކު ހަމަ އެ އަހަރުން ފެށިގެން، ބ. އަތޮޅު ހޮސްޕިޓަލަށް ބަދަލުވެ، އޭނާ ވަނީ އެ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.

މުޖުތަމައަކަށް އެންމެ މުހިއްމު އެއް ވަޒީފާގައި މެދުނުކެނޑި 32 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ރަމްލާ ވަޒީފާއިންވަކިވީ  މިދިޔަމަހުގެ ތެރޭގަ އެވެ.

ރަމްލާ ބުނި ގޮތުގައި 32 އަހަރަށްފަހު އޭނާ އެ ވަޒީފާއިން ވަކިވީ، ފިރިމީހާ އެދުމުގެ މަތިން، އޭނާގެ ހިދުމަތަށެވެ.

“32 އަހަރަށްފަހު އަޅުގަނޑު ވަޒީފާއިން ވަކިވެގެންމިދަނީ ހޮސްޕިޓަލަށް ގިނަ ހިދުމަތްތަކެއް ކުރެވުނު ކަމުގެ ހިތްހަމަޖެހުމާ އެކު، މި ފާއިތުވި އަހަރުތަކުގައި މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމާއި އެކުވެރިކަމަށް ނުހަނު އުފަލާއެކު ޝުކުރު ދަންނަވަބް، އަޅުގަނޑު ވަޒީފާގައި ހޭދަވި ދުވަސްތަކުގައި އަޅުގަނޑުގެ ފަރާތުން އެއްވެސް މުވައްޒަފަކު ދެރަވާނެފަދަ ނުވަތަ ހިތްހަމަނުޖެހޭފަދަ ކަމެއް ދިމާވެފައިވާނަމަ މައާފުކުރެއްވުން އެދެން،” ރަމްލް ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ސިފަކުރެއްވި ގޮތުގައި ރަމްލާ އަކީ “ފިސާރި ސާދާ ނަމޫނާ” ކަނބަލެކެވެ.

“އަޅުގަނޑުމެންނާއެކު ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެއްވި ބުރަ އަދި ހިތްވަރުގަދަ މަސައްކަތަށް ހަމަ ސާބަސް، މި ދާއިރާ ދޫކޮށް އެ ދިޔައީ ތަމްރީން ލިބިފައިވާ ފިސާރި ކަނބަލެއް،” ސިދުގީ ވިދާޅުވި އެވެ.

ރަމްލާ ވަނީ ނާސް އެއިޑް ޓްރޭނިންގެ އިތުރުން ނާސިން މިޑްވައިފް ކޯސް ވެސް ފުރިހަމަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.