ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކް މަޖުބޫރުކޮށްފައި އޮތް އޮތުން ތަންފީޒުކުރަން ފުލުހުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މިރޭ ބުނެފި އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑްގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން މަޖުބޫރު ކުރެވިފައިވާ ކަމަށެވެ. އަދި މިކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު ވެސް އުޅެނީ 200 އިން މަތީގައި ކަމަށްވާއިރު އިއްޔެ މާލެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރާފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވާނެ ތިން ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފަ އެވެ.