އަތޮޅު ތެރެއިން އޮމިކްރޮން ވޭރިއެންޓް ފެނިއްޖެ

ސޯޝަލް ސެންޓަރުގައި މީހަކު ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނަގަނީ. — ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލެ ސަރަހައްދުގެ އިތުރު  އަތޮޅު ތެރޭގެ ރަށްރަށުން ވެސް ކޮވިޑު-19 ގެ އާ ވޭރިއެންޓް، “އޮމިކްރޮން” ފެނިއްޖެ އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު އޮމިކްރޯންގެ ކޭސްތައް މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދުން ފެނުނު ނަމަވެސް ކ. މާފުށްޓާއި ދ. ކުޑަހުވަދޫން ވެސް އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ. އޮމިކްރޯން އަށް ޕޮޒިޓިވްވީ މާލެ އިން ހަތަރެއް، މާފުށިން ތިނެއް އަދި ކުޑަހުވަދޫން އެކަކެވެ.

ނަޒްލާ ވިދާޅުވީ މި އަދަދުތަކަށް ބަލާއިރު އިތުރު ދިވެހިންނަށް އޮމިކްރޯން ޖެހިފައިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އޮމިކްރޯންގެ ނުރައްކާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބޮޑުވާނެ ކަމަށް ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި 1000 މީހުން ޕޮޒިޓިވް ވުމަކީ ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ މިއަދު ވިދާޅުވީ ޑެލްޓާގައި ކޭސްތައް ބޮޑަށް ފެނުނީ މާލެއިން ނަމަވެސް އޮމިކްރޯންގެ ކޭސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނާނެކަމަށް ބެލެވޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، އޮމިކްރޮން އުޅޭ ގައުމުތަކުގެ ތަޖުރިބާއިން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލްވާކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖެއިން ފުރަތަމަ އޮމިކްރޯންގެ ކޭސް އެއް ފެނުނީ މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައި ދެކުނު އެފްރިކާގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އެއީ އާ ވޭރިއެންޓުގެ ކޭސްއެއްކަން ޔަގީންވީ ޖީނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލްތަކެއް ފޮނުވައި، އޭގެ ނަތީޖާ ލިބުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.