ބ. އަތޮޅު ކައުންސިލުން މި އަހަރަށް 25.5 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ރޭ ބޭއްވި ބ. އަތޮޅު ކައުންސިލުގެ ރަސްމީ ޖަލްސާގައި މި ބަޖެޓު ފާސްކުރީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި ބަޖެޓުގައި މި އަހަރު ދައުލަތުންދޭ ބްލޮކް ގްރާންޓްގެ ގޮތުގައި ހަތް މިލިއަން ހިމަނާފައިވާއިރު ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި 8 މިލިއަން ރުފިޔާ އަދި ކައުންސިލުގެ އާމްދަނީގެ ގޮތުގައި އަށް މިލިއަން ރުފިޔާވަނީ ހިމަނާފަ އެވެ.
ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވީ މިއަހަރުގެ ބަޖެޓް ހެދުމުގައި އަތޮޅު ކައުންސިލަށް ކުރިއަށްއޮތް ދުވަސްތަކުގައި އާމްދަނީ ލިބޭނެ ކަންކަމަށް ވަރަށްބޮޑަށް ބަލާފައިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލަށް އާމްދަނީ ލިބޭނެ އެންމެ ބޮޑު ވަސީލަތްކަމަށްވާ ކައުންސިލުގެ ލޯންޗުތައް މަރާމާތު ކުރުމަށް ބޮޑު އަދަދެއް ބަޖެޓްގައިވަނީ ހިމަނާފައެވެ.
“އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްފައި އެވަނީ އަތޮޅު ކައުންސިލުގެ މާލިއްޔާއަށް މިހާރަށްވުރެ ބޮޑަށް އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ،” އަފްރާހް ވިދާޅުވި އެވެ.
މީގެ އިތުރުން މިއަތޮޅު 13 ރަށުގެ ކުނި މެނޭޖްކުރުމަށް 8.8 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަތޮޅު ކައުންސިލުގެ ނަމުގައިވާ އަތޮޅު ކޮމެޓީގެ ބިމުގައި އިމާރާތެއް ކުރުމަށްޓަކައި 6 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.