އަލަށް ފަށާ ވިޔަފާރިތަކަށް ބީއެމްއެލްއިން ހިލޭ އެހީ ދެނީ

އަލަށް ފަށާ ވިޔަފާރިތަކަށް ހިލޭ އެހީ ދޭން ބީއެމްއެލް އިން ސްޓާޓްއަޕް ފަންޑެއް މިއަދު ތައާރަފުކޮށްފި އެވެ.

ސްޓާޓަޕް ގްރާންޓަކީ އުފެއްދުންތެރި ވިޔަފާރިތަކަށް އަދި ވަކީން ހާއްސަކޮށް، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް އަމާޒުކޮށް ބީއެމްއިލް އިން ފަށާ ޕްރޮގްރާމެކެވެ.

މިއީ ކޮންމެ ދާއިރާއަކުންވެސް އަލަށް ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް ހުޅުވާލެވިގެންދާ ފުރުސަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ފަންޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ދެ މިލިއަން ރުފިޔާ ބޭންކުން ދޭނެ އެވެ. އެއީ ވިޔަފާރިއަކަށް 500،000ރ. އެވެ. މިއީ ބޭންކަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޭ އެހީއެކެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ގްރާންޓަކީ އުފެއްދުންތެރި ވިޔަފާރިތަކަށް ހާއްސަކޮށްގެން، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރެ، އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ގްރާންޓެކެވެ. މި ގްރާންޓް ތައާރަފު ކޮށްފައި ވަނީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ. އަދި އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން މިހާރު ހިންގަމުންދާތާ އެއް އަހަރު ނުވާ ވިޔަފާރިއެއް ކަމުގައިވާނަމަ ވިޔަފާރި ކުރިއެރުވުމަށްވެސް ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށްވެސް ބިޒްނަސް ޕްލޭން ވެސް ހުށަހެޅިދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ގްރާންޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ އެޕްލިކޭޝަން [email protected] އަށް މެއިލް ކުރަން ޖެހޭނެ އެވެ.

އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން އެއް އަހަރު ނުވާ ވިޔަފާރިތަކަށް ވެސް ވިޔަފާރި ކުރިއެރުވުމަށް ބިޒްނަސް ޕްލޭން ހުށަހެޅޭނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ގްރާންޓުގެ ސަބަބުން ރާއްޖޭގައި އަލަށް ފަށާ ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި މިީގެ ސަބަބުން އާ ވިޔަފާރިތައް ފަށައި އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ސްޓާޓްއަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓްއަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް. އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ސްޓާޓްއަޕް ކަލްޗާ އަށް އެހީވުން،” ޓިމް ވިދާޅުވި އެވެ.

ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތައް ދެ ބަޔަކަށް ބަހާލައިގެން އިވެލުއޭޓް ކުރާނެ އެވެ. އެއީ ބިޒްނަސް ޕްލޭނަށް ބަލައިގެންނާއި އޭގެ ތެރެއިން އެންމެ ރަނގަޅު 10 ޕްލޭނެއް ހުށަހަޅާ ފަރާތްތަކުގެ ޕްރެޒެންޓޭޝަނަށް ބަލައިގެންނެވެ. އެންމެ ރަނގަޅު ޕްރެޒެންޓޭޝަން ހުށަހަޅާ ހަތަރު ވިޔަފާރިއަށް ބޭންކުގެ ހިލޭ އެހީގެ އިތުރުން ވިޔަފާރިއާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.