ފެހެންދޫ ސްކޫލް ކުދިންގެ ދަތުރު 14 އަހަރަށް ފަހު ނިމުމަކަށް

ބ. ފެހެންދޫ ސްކޫލުގެ ދަރިވަރުން، “ސެޓްލައިޓް ސްކޫލު” މެދުވެރިކޮށް ކިޔަވަނީ–

ބ.ފެހެންދޫ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދު ވުމުން އެކުދިން ތައުލީމު ހޯދަން އަވައްޓެރި ގޮއިދޫ ސްކޫލަށް ދިއުމަށް ކުރި 14 އަހަރުގެ ދިގުދަތުރު ނިމުމަކަށް އަތުވެއްޖެއެވެ.

ބ. ފެހެންދޫ ސްކޫލުގައި  ސަރުކާރުން ގާއިމުކުރި ސެޓެލައިޓް ސްކޫލުގައި މިއަދު ކިޔަވައިދޭން ފެށުމުން ފެހެންދޫ ސްކޫލު ދަރިވަރުން ޑިންގީގައި ގޮއިދޫ ސްކޫލަށް ދިއުމަށް 14 އަހަރުވަންދެން ކުރި ދަތުރު ނިމުމަކަށް އަތުވެއްޖެ އެވެ.

“ސެޓެލައިޓް ސްކޫލް” އަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ބ. ފެހެންދޫގެ އިތުރުން ވ. ތިނަދޫގައި ގާއިމުކުރި ސެޓެލައިޓް ސްކޫލު ވެސް ވަނީ ހުޅުވައިފަ އެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައިދޭން ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. އެ ދަރިވަރުންނަށް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ. ސެޓެލައިޓް ސްކޫލްގެ މައި ހަބެއްގެ ގޮތުގައި މިހާރު ބޭނުންކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

އާބާދީ މަދުވުމުގެ ސަބަބުން ފެހެންދޫ ސްކޫލު 2008 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން، މޫސުން ކިތަންމެ ގޯސްވި ނަމަވެސް ދަރިވަރުން ސްކޫލަށް ދާން ޖެހެނީ ކުޑަ ޑިންގީއެއްގަ އެވެ. 

މިގޮތަށް ދަތުރުކުރާތާ އެތައް އަހަރެއް ފަހުން އިންޑިޔާ ސަރުކާރުގެ އެހީގައި އެސްކޫލް ކުދިންނަށް ހާއްސަކޮށް ލޯންޗެއް ހަދިޔާކުރި އެވެ. އެކަމަކު ސެޓެލައިޓް ސްކޫލާ އެކު ދެން އެއްވެސް ދަތުރެއް ކުރާކަށް ނުޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.