ކުޑަރިކިލަށް ޑޮކްޓަރު ފޮނުވީ މުޒާހަރާ ކޮށްގެނެއް ނޫން: އަތޮޅު ހޮސްޕިޓަލް

ބ. ކުޑަރިކިލު ސިއްހީ މަރުކަޒު

ކުޑަރިކިލުގައި ޑޮކްޓަރެއް ނެތި ގިނަދުވަސް ވާތީ އެ ރަށުސިއްހީ މަރުކަޒު ބަންދުކޮށް ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް އެންމެ ފަހުން އިއްޔެ އެރަށަށް ޑޮކްޓަރަކު ފޮނުވީ މުޒާހަރާކުރުމުގެ ސަބަބުން ނޫން ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝިދު ވިދާޅުވީ ކުޑަރިކިލުގައި މިދިޔަ ދުވަސްތަކުގައި ޑޮކްޓަރެއް ނެތް ނަމަވެސް ބަލިމީހުންނަށް ބަރާބަރަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

“އެއީ މުޒާހަރާ ކުރުމުގެ ސަބަބުން ފޮނުވި ޑޮކްޓަރެއް ނޫން. ކުރިންވެސް ހަމަޖެހިފައިވާ ދުވަހަށް ޝެޑިއުލް އާއި އެއްގޮތަށް އިއްޔެ ޑޮކްޓަރެއް މި ފޮނުވީ،”

ޢާންމު ބަލިތަކުގެ ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން ރަޝިދު ވިދާޅުވީ މިއަތޮޅު ދަރަވަންދުއާއި ތުޅާދުއަކީ ދެޑޮކްޓަރުން ތިބެންޖެހޭ ރަށެއްނަމަވެސް އެރަށްރަށުގައި ވެސް މިވަގުތު ހުރީ އެންމެ ޑޮކްޓަރެއްކަމަށެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ އާއްމު ބަލިތަކުގެ ޑޮކްޓަރުން  ލިބުމުގައި ދިމާވެފައިވާ ދަތިކަން ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ޔަގީންކޮށްދީފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ މީގެ ކުރިންވެސް ޑޮކްޓަރުން ޗުއްޓީއަށްދާ މިފަދަ ދަނޑިވަޅުތަކުގައި މިއަތޮޅުގެ ރަށްރަށުގައި ކުރު މުއްދަތަކަށް ޑޮކްތަރުންގެ ޚިދުމަތް މެދުކެނޑޭ ކަމަށާއި ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި ހިދުމަތް ދެމުން ގެންދަނީ ޕަބްލިކް ހެލްތު ޕްރޮފެސަނަލުން ކަމަށެވެ.

“ކުޑަރިކިލުގައި ވެސް އެ ފެންވަރުގެ ޕްރޮފެޝަނަލުން ތިއްބަވާނެ، އަދި އެމަޖަންސީ ހާލަތުގައި އެޓެންޑުވުމަށް އަތޮޅު ހޮސްޕިޓަލް އޮންނާނީ ވަރަށް ބޮޑަށް ތައްޔާރުވެފައި،”

ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑް ފެތުރެން ފަށާފައިވާއިރު، އެ ރަށުގައި ޑޮކްޓަރަކު ނެތި ހަފުތާއެއްވެފައި ވާތީ ރައްޔިތުން ނިކުމެވަނީ ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި، ނުރުހުން ފާޅުކޮށްފަ އެވެ.

މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއިކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް އެ ރަށުން ވަނީ ފެނިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޖުމާނާ

    ދެން ކީއްވެ.މުޒާހަރާ ކޮށްގެން ފޮނުވީ.މި ސަރުކާރުން ރޮއެހޭރިހަތީމަނޫނީ ކަމެއްނުވާނެ.އެއީ މިސަރުކާރުގެ ސިޔާސަތު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.