ގޮއިދޫގައި ފުލުހުންގެ ހިދުމަތް ފަށައިފި

ބ. ގޮއިދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

ގޮއިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

ގޮއިދޫއަކީ ކަލް ޓުއަރިޒްމް ވިޔަފާރި ފުޅާވަމުންދާ ސަރަހައްދަކަށްވާތީ އެ ރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާ ރައްކާތެރިކަން ކަށަވަރުކޮށްގެން މެނުވީ ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަމާއި އިޖްތިމާއީ ދުޅަހެޔޮކަން ނުލިބޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާން ވިދާޅުވީ މި ހިދުމަތާއެކު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ގޮއިދޫގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާ، ފުލުހުންނަށް ދޭނެޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގޮއިދޫގައި ފުލުހުންގެ ހިދުމަތް ފެށުމާ ގުޅިގެން އެކަމުގެ އަގު ވަޒަން ކުރުމުގެ ހަދާނީފިލައެއްވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ގޮއިދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާ ގޮއިދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ

މިއީ ބ.އަތޮޅުގައި ފުލުހުންގެ ޚިދުމަތް ދޭންފެށި ފަސް ވަނަ ރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.