ދައުލަތުން، އޭދަފުށީ އަމާންވެށީގައި ބަލަހައްޓާ ކުދިންނަށް އޭދަފުށީގެ ޖަމިއްޔާއެއް ކަމަށް ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އީދު ހަދިޔާ ދީފި އެވެ.
ސީސީ އިން ބުނީ އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް އީދު ހަދިޔާ ދޭން ނިންމީ އެކުދިންނަކީ ވެސް މި މުޖްތަމައުގެ ބައިވެރިން ކަމަށާއި އެހެން ކުދިންނެކޭ އެއްގޮތަށް އެކުދިންވެސް އީދު އުފަލުގައި ބައިވެރިކުރުމުގެ ގޮތުން ކަމަށެވެ.
ސީސީން ދިން އީދު ހަދިޔާގެ ތެރޭގައި ހިމެނެނީ އީދު ހެދުން ފަދަ ތަކެއްޗެވެ. އެގޮތުން ސީސީން ވަނީ ރޭ އެކުދިން ފިހާރައަށް ގެންގޮސް އެކުއްޖަކު ބޭނުން އީދު ހެދުމެއް ނެގުމުގެ ފުރުސަތުދީފަ އެވެ.
ސީސީން އަމާންވެށީގައި ތިބޭ ކުދިންނަށް އީދު ހަދިޔާ ދިންއިރު، މިދިޔަ ބުދަ ދުވަހު ފޭލި ޖަމިއްޔާއިން ވަނީ އެ ކުދިންނަށް ރޯދަ ހަދިޔާ ވެސް ދީފަ އެވެ. މީގެ އިތުރުން މިދިޔަ ހަފްތާ އޭދަފުށީ ފިނިމާގޭ ޔޫސުފް އާއިލާ އިން ވަނީ އަމާންވެށީގައި ތިބޭ ކުދިންނަށް އެ ގޭގައި ރޯދަ ވީއްލުމެއް ބާއްވައި އާއިލީ މާހައުލެއްގެ އުފާވެރި ވަގުތުކޮޅެއް ވެސް ހޯދައިދީފަ އެވެ.