ސަރުކާރުން ބ. ހިތާދު އާއި ކަމަދު އަށް ފޮނުވި އެންބިއުލާންސް އެ ދެރަށަށް ގެނެސްފި އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން އެންމެފަހުން ގެނައި 96 އެމްބިއުލާންސްތައް ރަށްތަކަށް މިދިޔަ ހަފްތާއިން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާއިރު ބ. އަތޮޅުގެ މި ދެ ރަށް ހިމެނޭހެން 19 ރަށަކަށް އެންބިއުލާންސް ވަނީ ފޮނުވައިފަ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިއީ ރަށްރަށުގެ ސިއްހީމަރުކަޒު ތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތް އިތުރަށް ފުޅާވެ ކުރިއަރާނެކަމެކެވެ.
މީގެ ކުރިން ވަނީ އޭދަފުއްޓާއި ތުޅާދޫ އާއި ދަރަވަންދޫގެ އިތުރުން ކުޑަރިކިލާއި ކެންދުއަށް އެމްބިއުލާންސް ފޮނުވާފަ އެވެ.
ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ލިބެ އެވެ.