
އޭދަފުށީގައި އާދަޔާ ހިލާފަށް މެހި ގިނަވެ، އާންމުންނަށް އުޅެން އުނދަގޫވުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
އޭދަފުށީގައި އާދަޔާ ހިލާފަށް މެހި ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މި ރަށުގައި އާދަޔާ ހިލާފަށް މެހި ގިނަވެފައި ވަނީ މި ރޯދަމަހު ގޭގެއިން އުކާލި ބަދިގޭ ކުނި ރަނގަޅަށް މެނޭޖް ނުކުރެވޭތީ ކަމަށް މި ރަށު މީހުން ބުނެ އެވެ. މެހި ގިނަވުމުން ބަލިތައް ފެތުރުމުގެ ބިރު ވެސް އެބަ އޮތެވެ.
އޭދަފުށީގައި މެހި ގިނަވާ މައްސަލައާ ގުޅޭ ގޮތުން ރަށުކައުންސިލްގެ މެންބަރު ޒައިދު އަލީ ވިދާޅުވީ އެއީ އެ މައްސަލަ ހައްލުކުރަން ކައުންސިލުން އިއްޔެ ކުނި ކޮށިގޮނޑު ސާފުކޮށްފައިވާ ކަމަށެވެ. މިގޮތަށް ކޮންމެ އަހަރަކުވެސް ރަށު ތެރޭގައި މެހި ގިނަވާން ދިމާވަނީ މޫސުމި ގޮތުންނާއި ރޯދަމަހު އުކާލެވޭ ކާއެއްޗެހި ރަނގަޅަށް މެނޭޖުނުރެވޭތީ ކަމަށް ކައުންސިލުން ވެސް ގަބޫލުކުރެއެވެ.
ކައުންސިލުން ބުނިގޮތުގައި މީގެ އިތުރުން ރަށު ތެރޭ މެހި ގިނަވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފަށް ރޭގަނޑު ކުނިގޮނޑަށް ކުނި އަޅާއިރު، އެކި ވައްތަރުގެ ކުނި ވަކިނުކޮށް އުކުމެވެ.
މި މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މިހާރު ގާއިމުކޮށްފައިހުރި ކުނި މެނޭޖްކުރާ ސެންޓަރު ހުޅުވި އެތަނުގެ ބޭނުންކުރަން ފެށުމުން ކަމަށްވެސް ކައުންސިލުން ބުންޏެވެ.
