
ކިޔަވައިދިނުން މެދުކެނޑި ގިނަ ދުވަސްވެފައިވާ، އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު އަލުން ހިންގުމަށް ހުޅުވާލި ބިޑު ކާމިޔާބު ކުރި، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަށް އެ ސްކޫލް ހިންގަން ހަވާލުކުރަން ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ބަހިއްޔާ ގައި ޕްރީ ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރީ 2018 އިން ފެށިގެން މައި ކޮލެޖުން އެތަނުގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ އެއްބަސްވުން 2020 ވަނަ އަހަރު ބާތިލުކުރުމަށް އެ ކޮލެޖުން ނިންމުމާ ގުޅިގެންނެވެ.
އޭގެ ފަހުން މިދިޔަ އަހަރު އެތަނުގައި އަލުން ޕްރީ ސްކޫލް ހިންގަން ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން (ސީއައިޓީއެމް) އާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް ސީއައިޓީއެމުން ޕްރީ ސްކުލުގެ ކިޔެވުން ނުފެށި ގިނަ ދުވަސްވުމާ ގުޅިގެން މިއަހަރު ކުރީކޮޅު ކައުންސިލުން ވަނީ ޕްރީ ސްކޫލް ހިންގަން އެ ސެންޓަރާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ އެވެ.
އޭދަފުށީ ކައުންސިލުގެ މެންބަރަކު މިއަދު ވިދާޅުވީ ބަހިއްޔާ ޕްރީ ސްކޫލުގައި އަލުން ކިޔަވައިދޭނެ ބަޔަކު ހޯދުމަށް މިދިޔަ މަހު ހުޅުވާލި ބިޑު، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކާމިޔާބުކޮށްފައިވާ ކަމަށާއި ބިޑު ކާމިޔާބުވިކަން، މިދިޔަ ހަފްތާ އެ އެކަޑަމީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ އޯގަސްޓްމަހު ފަށާ ދިރާސީ އާ އަހަރާއެކު ބަހިއްޔާ ޕްރީ ސްކޫލުގައި އަލުން ކިޔަވައިދޭން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބ. އޭދަފުށީ ޕްރީ ސްކޫލުގެ ހިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވަމުން ދާތީ، އެކަމާ ހިތްހަމަނުޖެހި، ބެލެނިވެރިން ވަނީ އިއްޔެ އާއި މިއަދު ކައުންސިލު އިދާރާ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.
